ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 10:15
ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ދެ ކުޅުންތެރިއަކާއެކު
ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ދެ ކުޅުންތެރިއަކާއެކު
ގޫގުލް
ބާސެލޯނާ
އައު ޓާގެޓަކީ ނާޕޮލީ ބަލިކޮށް، ގަދަ ހަތަރެއް
ތައްޓެއް ހޯދުމުގެ އުއްމީދު އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގް

ބާސެލޯނާގެ މި ސީޒަނުގެ އަމާޒަކީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ނާޕޮލީ ބަލިކޮށް، ސްޕެނިޝް ލީގުގެ ގަދަ ހަތަރެއްގައި ހިމެނުން ކަމަށް ރައީސް ހުއާން ލަޕޯޓާ ބުނެފި އެވެ.

ކުޅުންތެރިންގެ ގާތުން އޭނާ މިފަދައިން އެދުނީ މި ސީޒަނުގައި ތައްޓެއް ލިބުމުގެ އުއްމީދު އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގު ކަމަށްވުމުންނެވެ. ނަމަވެސް ޔޫރަޕުގެ އެންމެ މަތީ ފަންތީގެ މުބާރާތުގައި ބާސެލޯނާއަށްވުރެ މާވަރުގަދަ ޓީމުތަކެއް އެބަތިއްބެވެ. މިހެންވެ ލަޕޯޓާ އެދުނީ އިޓަލީގެ ޗެމްޕިއަން ޓީމު ބަލިކޮށް ކުއާޓާ ފައިނަލަށް ދިއުމަށެވެ.

ދެ ވަނަ ކަމަކަށް އޭނާ އެދުނީ ސްޕެނިޝް ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމަށެވެ. އެއީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގގެ ޖާގަ ކަށަވަރުކުރުމަށެވެ. ހުސްވި ސީޒަނުގެ ޗެމްޕިއަން ބާސެލޯނާ މި ވަގުތު އޮތީ ތިން ވަނާގަ އެވެ.

ބާސެލޯނާ އަށް މި ސީޒަނުގައި މައްސަލަތައް ދިމާވީ ކުލަބުގެ މާލީ ހާލަތު ދަށްވުމުން އެކަންޏެއްނޫނެވެ. މިވަގުތު ޓީމުގެ އައު ޓާގެޓް ކަނޑައަޅަން ޖެހުނީ މި ސީޒަނަށް ފަހު ކޯޗުކަމުން ކުރީގެ ކެޕްޓަން އަދި ލެޖެންޑް ޒަވީ ހަނާންޑޭޒް ވަކިވާނެކަން އިއުލާނު ކުރުމުންނެވެ. އޭނާ ބުނަނީ ކޯޗުކަން ދޫކޮށްލަން ނިންމީ ނަތީޖާތައް ދަށްވެ، އޭނާ އަށް މާބޮޑަށް ޕްރެޝަރު ބޮޑުވެ، ޓީމާއެކު ކާމިޔާބު ހޯދަން ދަތިވުމުންނެވެ.

ޒަވީގެ ނިންމުމާއެކު ބާސެލޯނާގެ ކުޅުންތެރިން ވަނީ ޒިންމާ ނަގަންޖެހޭ އެންމެ މުހިންމު ބަޔަކީ އެމީހުން ކަމަށް ބުނެފަ އެވެ.

- ކޮމެންޓް