ބޭރު ގައުމުތަކުން ގޮސް ޖަޕާނުގައި ވަޒަންވެރިވެފައިވާ ފަރާތްތަކާ ދެކޮޅަށް ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ތިން މީހަކު ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
މި ތިން މީހުންގެ ދައުވާގައި ބުނެފައިވާ ގޮތުން، އެމީހުންގެ ސިފަޔަށްބަލައި، ފުލުހުން ތަކުރާރުކޮށް ސުވާލު ކުރަމުން ގެންދާތީ އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހެއެވެ. ޕާކިސްތާނަށް އުފަން ސައީދު ޒައިން ބުނެފައިވާގޮތުގައި އާންމު ވިސްނުމަކީ ބިދޭސީއެއްނަމަ ޖަރީމާތައް ހިންގުމެވެ.
ތިން މީހުން ދައުވާކޮށްފައި ވަނީ މިފަދަ ތަފާތުކުރުންތަކުގެ ސަބަބުން ކޮންމެ މީހަކަށް 3 މިލިއަން ޔެން (20،250 ޑޮލަރު) ހޯދުމަށެވެ.
މިއީ ޖަޕާނުގައި އުފުލުނު މިފަދަ ފުރަތަމަ ދައުވާކަމަށް ތިން މީހުންގެ ލޯޔަރު ބުނެފައިވެއެވެ.
އުމުރުން މިހާރު 26 އަހަރުގެ ޒައިނަކީ ޕާކިސްތާނަށް އުފަން މީހެކެވެ. އޭނާ ޖަޕާނުގައި އުޅޭތާ ވަނީ ވިހި އަހަރު ވެފައެވެ. ކިޔެވީ އެ ގައުމުންނެވެ. އަދި ފަރިތަކަމާއެކު ޖަޕާނު ބަހުން ވާހަކަދައްކައި ލިޔެކިޔައިހަދައެވެ.
އެމީހުން ބުނެފައިވާގޮތުގައި މިފަދަ ދައުވާއެއް އުފުލުމުގެ އެންމެ ބޮޑު ބޭނުމަކީ، ސިފަޔަށް ނުވަތަ ނަސްލަށް ބަލައި، ތަފާތުކުރުމަކީ ޖަޕާނުގައި ގާނޫނީ ކުށަކަށް ހެދުމެވެ.
ތިން މީހުންގެ ތެރޭގައި ހިމެނޭ، އިންޑިޔާއަށް އުފަން މެތިއު ބުނީ 2002 ވަނަ އަހަރު އޭނާ ޖަޕާނުގައި ދިރިއުޅެން ފެށިފަހުން މިހާތަނަށް 70 ވަރަކަށް ފަހަރު ފުލުހުން އޭނާހުއްޓުވައި ސުވާލުކޮށްފައި ވާކަމަށެވެ. އޭނާ ބުނެފައިވާގޮތުން ބޭރަށް ނިކުމެއުޅުމަކީ މިހާރު އޭނާއަށް މާ ފަސޭހަކަމެއް ނޫނެވެ.
އެފްރިކާއަށް އުފަން މައުރިސް ބުނެފައިވާގޮތުގައި، އާންމު ޖަޕާނު ރައްޔިތުންވެސް އޭނާއާ ވަރަށް ގިނައިން ސުވާލުކޮށް ހަދައެވެ. އަދި ވިސާ ހަމަވުމުންވެސް ޖަޕާނުގައި އުޅެނީތޯ ބައެއް މީހުން ސުވާލުކުރާކަމަށް އޭނާ ބުނެފައި ވެއެވެ.
މި މައްސަލައިގައި ކާމިޔާބު ނުލިބިދާނެ ކަމަށްވެސް ބަލާކަމަށާއި، ނަމަވެސް ބޭނުންވަނީ މިގޮތަށް މިކަން ހިނގާކަން އާންމުންނަށް އެންގުމަށާއި އަންނަން އޮތް ޖީލުތަކުން މިކަން ހުއްޓުވުން ކަމަށް އެ މީހުން ބުނެފައި ވެއެވެ. އެ މީހުން ދައުވާކޮށްފައިވަނީ ނެޝަނަލް ޕޮލިސް އެޖެންސީ، ދަޓޯކިޔޯ މެޓްރޯ ޕޮލިޓަން ސަރުކާރު، އަދި އައީޗީ ޕްރިފެކްޗަރަލް ސަރުކާރާ ދެކޮޅަށެވެ.
ޔޫކްރެއިނަށް އުފަން ޖަޕާނުގެ ޒުވާނަކަށް މިސް ޖަޕާނުގެ ތާޖު މިދިޔަ ހަފުތާގައި ދިނުމާ ގުޅިގެން، ހަގީގީ "ޖަޕާނު ރައްޔިތުންނަކީ" ކޮބައިކަން ކަނޑައެޅުމުގެ ވަރުގަދަ ބަހުސެއް ޖަޕާނުގައި މިވަގުތު ފެށިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.