ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 07:12
އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ އަލީ ސައީދު
އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ އަލީ ސައީދު
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީގެ ދަރަނި
އިސްލާމިކް މިނިސްޓްރީން 27 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފި
މިފައިސާ ދައްކާ ޚަލާސްކުރުމާއެކު ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް މިހާރު ރަށްރަށުގައި ފެށެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވި

އިސްލާމިކް މިނިސްޓްރީން އެކި ފަރާތްތަކަށް ދައްކަންޖެހިފައި އޮތް 27 މިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "އަހާ"ގެ ނަމުގައި ސަލްޓަންޕާކްގައި މިހާރު ކުރިއަށް ގެންދާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ފައިސާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ އެކި މަޝްރޫއުތަކަށް ނުދައްކާ ހުރި ފައިސާކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އެކި ފަރާތްތަކަށް ދޭންޖެހި ނުދެވި އޮތް 27 މިލިއަން ރުފިޔާ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވީ އިގްތިސާދީ ދަތިކަމެއްގެ ތެރޭގައި ގައުމު އޮއްވާ އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުއްޓިފައި ހުރި ބައެއް މިސްކިތްތަކުގެ މަސައްކަތްތަކަށް ސަރުކާރުން ފައިސާ ހަމަޖައްސައިދެމުންދާތީ އެފަދަ ވަރަށް ގިނަ މަޝްރޫއުތައް ފެށިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ރަށްރަށުގައި ހުރި އިސްލާމިކް ސެންޓަރުތައް މިދިޔަ ވެރިކަމުގައި ހުރީ ވީރާނާވާން ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވެ އެ ތަންތަނުގައި އިލްމީ މަސައްކަތްތައް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައި މިހާރު ބައެއް ތަންތަނުގައި ކިޔަވައިދޭން ފަށަން ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

- ކޮމެންޓް