ހައްޖު ކޯޓާ އިތުރުވި ނަމަވެސް ކޯޓާ ވިއްކުގެ ސިޔާސަތަކަށް ފުރުސަތު ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
"އަހާ" ނަމުގައި ކުރިއަށްގެންދާ ފޯރަމްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ކޯޓާ އިތުރު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އުންމީދު ކުރަނީ 1000 ކޯޓާ އިތުރުވެގެން ދިއުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 1000 ކޯޓާ އިތުރުވެއްޖެނަމަ އަމިއްލަ ގުރޫޕްތަކަށް އެ ފުރުސަތު ދޭނީ ހައްޖު ކޯޕްރޭޝަން މެދުވެރިކޮށް ކަމަށާއި، އަގު ކޮންޓްރޯލް ކުރާނީ ކޯޕްރޭޝަނުން ކަމަށެވެ. އަދި ވިދާޅުވީ ގުރޫޕްތަކުން ބޭނުންވާ އަގެއް ނަގާގެން ކޯޓާ ވިއްކުގެ ސިޔާސަތަށް ފުރުސަތު ނުދޭނެ ކަމަށެވެ.
މިސާލަކަށް އިތުރަށް 1000 ކޯޓާ ލިބުނީއޭ. ހައްޖު ކޯޕްރޭޝަނުން އާއްމުކޮށް ހައްޖާޖީން ތިބުމަށް ހިފާފައި ހުންނަ ހޮޓާ އެއީ 1300 މީހުންގެ ޖާގައިގެ ހޮޓަލެއް. މާނައަކީ މިހާރު 1000 މީހުންގެ ކޯޓާ ލިބިއްޖެނަމަ 2000 ކޯޓާއަށް އިތުރުވީއޭ. އެހެންވީމަ 700 މީހުންނާ ދޭތެރޭގައި ކިހިނެތްހޭ ކަންތައްތައް ކުރާނީ. އެވަރަށް ކޯޓާ ލިބިއްޖެނަމަ އަޅުގަނޑުމެންގެ ވިސްނުމަކީ ހަމަ ހައްޖު ކޯޕްރޭޝަނުންނޭ މެނޭޖްކުރާނީ އެކަން ކުރިއަށް ގެންދަން. އެހެން އަމިއްލަ ކުންފުނިތަކަށް ހަވާލުކުރާނީ ހައްޖު ކޯޕްރޭޝަން މެދުވެރިކޮށްނޭ. މާނަކީ އެތާގައި އޮތް ކިޔު ނިމުމަކަށް އަންނާނީ އޭރުން. އެތަނުގެ ލިސްޓުގައި ތިބި މީހުން ހައްޖަށް ގެންދަން އެހެން ގުރޫޕްތަކަށް ފުރުސަތު ދޭނީ އެމީހުން ކަނޑައަޅާ އަގެއްގައޭ. ގުރޫޕްތަކުން ބޭނުންވާ އަގެއް ނަގައިގެން ކޯޓާ ވިއްކުގެ ސިޔާސަތެއް ދެން ކުރިއަށް ނުދާނެ. މާނައަކީ ހައްޖު ކޯޕްރޭޝަންގެ ކިޔުގައި ތިބި މީހުންނަށޭ ފުރުސަތު ލިބޭނީ.އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު
އާއްމުކޮށް ރާއްޖެއަށް ސައޫދީ ސަރުކާރުން ދޫކުރަނީ 1000 ކޯޓާއެވެ. ސައޫދީ ސަރުކާރުން ކޯޓާ އިތުރުކޮށްދެނީވެސް އެ ގައުމެއްގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަށް ބެލުމަށްފަހުއެވެ.
ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއެއް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ސަރުކާރުން ނިންމީ 17 ޑިސެންބަރު 2023 ގައެވެ.
މީގެ ކުރިން އަމަލުކުރަމުން އައީ ދެބައިކުޅަ އެއްބައި މީހުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ގެންދިއުމަށްފަހު، ކޯޓާގެ އަނެއްބައި ދެނީ އަމިއްލަ ޖަމާއަތްތަކަށެވެ. ނަމަވެސް އަމިއްލަ ޖަމާއަތްތަކުން މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ހުއްދަދީފައިވާ މިންވަރަށްވުރެ ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު، ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިނުދޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ.