ބާސްކެޓްބޯޅަ މުބާރާތްތަކުގެ ފޯމެޓަށް ގެނައި ބަދަލުތަކާއެކު ބާއްވާ ސުޕަރ ލީގު ޖުލައިމަހު ފަށަން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިސާމް ރަޝީދު ވިދާޅުވީ މިހާރު ތާވަލްކުރެވިފައިވާ ގޮތުން މުބާރާތް އޮންނާނީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ. ސުޕަރ ލީގަކީ ސަރަހައްދީ ދޭއް ނުވަތަ ތިން ގައުމަކުން ޓީމްތަކަށް ފުރުޞަތު ދީގެން ރާއްޖޭގެ ލީގުގެ ޓޮޕް ތިން ޓީމް ހިމަނައިގެން ބާއްވާ މުބާރާތެކެވެ. ރާއްޖޭގެ ލީގު މިހާރު ދަނީ ކުރިއަށެވެ. ލީގުގެ ފިރިހެން ޑިވިޝަންގައި ހަ ޓީމް އަދި އަންހެން ޑިވިޝަންގައި 4 ޓީމް ވާދަކުރެއެވެ.
ބާސްކެޓްބޯޅަ މުބާރާތްތަކުގެ ފޯމެޓަށް ގެނައި އެންމެ ބޮޑު ބަދަލަކީ ލީގާއި ގައުމީ މުބާރާތުގައި ބިދޭސީ ކުޅުންތެރިން ހިމެނުމުގެ ފުރުޞަތު ނުދިނުމެވެ. ލީގާއި ގައުމީ މުބާރާތުގައި މުޅިން ދިވެހި ކުޅުންތެރިންނަށް ފުރުޞަތު ދޭން ކޯޗުންގެ މަޝްވަރާއާއެކު އެސޯސިއޭޝަނުން ނިންމީ ދިވެހި ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު އިތުރުކޮށްދިނުމަށެވެ. އެ ނިންމުމާއެކު ސުޕަރ ލީގުގައި ވާދަކުރާ ޓީމްތަކަށް ބޭރު ކުޅުންތެރިން ހިމެނުމުގެ ފުރުޞަތު ދޭނެއެވެ.
އަޅުގަނޑުމެން ގައުމީ ޓީމްގައި ކުޅުންތެރިން ކުޅޭއިރު ބޭރު ކުޅުންތެރިން ޓީމްގައި ނުތިބޭނެ. އެހެންވީމަ ދިވެހި ކުޅުންތެރިންނަށް އެތަޖުރިބާ ލިބެން އަންނަނީ އެގޮތަށް އެކަހަލަ ފޯމެޓަކަށް ބަދަލުވެގެންކަމަށް ކަމަށްވާތީ ލީގާއި ގައުމީ މުބާރާތުގައި ބޭރު ކުޅުންތެރިން ހިމެނުމުގެ ފުރުޞަތު ނުދޭން ނިންމީ.ވިސާމް ރަޝީދު/ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ
ލީގުގައި ބިދޭސީ ކުޅުންތެރިންނަށް ފުރުޞަތު ނުދޭތީ މިފަހަރު ލީގު ފެންނަނީ ވަރަށް ވާދަވެރިކޮށް އަދި ދިވެހި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފުރުޞަތު ލިބޭ މުބާރާތެއްގެ ގޮތުގައިކަން ވިޝާމް ފާހަގަކުރެއްވި އެވެ. ސުޕަރު ލީގުގައި އަންހެން އަދި ފިރިހެން ޑިވިޝަންވެސް ކުރިއަށް ގެންދާނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.