ހުޅަގު އެފްރިކާގެ ގައުމެއް ކަމަށްވާ ލައިބީރިޔާގައި އައު ރައީސެއް މަގާމްގެ ހުވާކުރައްވައިފިއެވެ. އަލަށް މަގާމާ ހަވާލުވެ ވަޑައިގެންނެވި، އުމުރުފުޅުން 79 އަހަރުގެ ޖޯސަފް ބޯކާއީ އަކީ އެގައުމުގައި މިހާތަނަށް ރައީސްކަމަށް ވަޑައިގެންނެވި އެންމެ އުމުރުން ދުވަސްވީ ބޭފުޅާއެވެ.
ޖޯސަފް ބޯކާއީ އަށް މިދިޔަ ނޮވެމްބަރުމަހުއޮތް ރިޔާސީ އިންތިޚާބްގެ ދެވަނަ ބުރު ކާމިޔާބް ކުރެއްވުނީ ވަރަށް ހަނި އަޣުލަބިއްޔަތަކުން ގާތްގަޑަކަށް ވިއްސަކަށް ހާސް ވޯޓުގެ ތަފާތަކުންނެވެ. އެއީ 49.36 އިންސައްތަ 50.64 އިންސައްތައިން ކުރީގެ ރައީސް ޖޯޖް ވެއާ ބަލި ކުރައްވައިގެންނެވެ.
އުމުރުފުޅުން 51 އަހަރުގެ ޖޯޖް ވެއާ އަކީ ލައިބީރިޔާގައި އިންތިޚާބަކުން ހޮވިވަޑައިގެންނެވި އެންމެ ހަގު ރައީސެވެ. އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރިއެކެވެ.
މީގެ ހަ އަހަރު ކުރިން ބޭއްވުނު ރިޔާސީ އިންތިޚާބްގައިވެސް އެންމެ ގާތުން ވާދަކުރައްވާފައިވަނީ މިދެބޭފުޅުންނެވެ. އަދި އެފަހަރު ޖޯޖް ވެއާ ކާމިޔާބް ހޯއްދެވިއެވެ.
އައު ރައީސް ޖޯސަފް ބޯކާއީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ހެދުނު އެގައުމުގެ މަޖިލިސްކުރާ ގޭގައި ބާއްވާފައިވާއިރު އެރަސްމިއްޔާތުގައި ވަނީ ގިނަ އަދަދެއްގެ ބޭރުގެ އިއްޒަތްތެރިންވެސް ބައިވެރިވެ ވަޑައިގެންފައެވެ.
ޖޯޖް ވެއާ ގެ ސަރުކާރުގައި އިސްއޮފިޝަލުންނާ މެދު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ. އެއާއެކު ބޯކާއީ ގެ މިފަހަރުގެ ކެމްޕެއިން ބިނާކުރައްވާފައިވަނީ ކޮރަޕްޝަން ހުއްޓުވާނެކަމަށާ އަދި ފަގީރުކަން ނައްތާލައްވާނެކަމަށް ވިދާޅުވެގެންނެވެ.
ޖޯސަފް ބޯކާއީ އަށް މިހާރުވެސް 40 އަހަރުގެ ސިޔާސީ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ. އަދި ލައިބީރިޔާގެ ފުރަތަމަ އަންހެން ރައީސް އެލަން ޖޯންސަން ޝަރލީފްގެ ވެރިކަމުގައި 2006ން 2018އަޑް ބޯކާއި ނާއިބް ރައީސްކަން ކުރައްވާފައި ވެއެވެ.
ފަސްމިލިއަން މީހުންގެ އާބާދީ އެއްއޮންނަ ލައިބީރިޔާ ގައި އިންތިހާދަރަޖައިގެ ފަގީރުކަން ފެތުރިފައިވާއިރުވެސް ސަރުކާރުގެ އިސްވެރިން ކޮރަޕްޝަން ހިންގަމުންދާކަމުގެ ތުހުމަތުތައް ކުރެވެމުންދެއެވެ.