ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 22:07
އާސަންދަ އޮފީސް
އާސަންދަ އޮފީސް
އާސަންދަ
ކުއްޖާ ނިޔާވި މައްސަލަ
ކުއްޖާ ގެނައުމުގެ އިންތިޒާމު ވަގުތުން ހަމަޖެއްސިން، ލަސްވީ ފްލައިޓުގައި ޓެކްނިކަލް މައްސަލައެއް ދިމާވުމުން: އާސަންދަ
ކުންފުނީގެ މެޑިކަލް ސެކްޝަނުން އެ ކޭސް 12 މިނިޓުތެރޭ ޕްރޮސެސްކޮށް، ކުއްޖާ އެމަޖެންސީގައި މާލެ ގެންނަން ހުއްދަދިން
ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެންމެ ފަހު ވަގުތު އެ ފްލައިޓު ޑައިވާޓު ނުކުރެވުމުން އެހެން ފްލައިޓެއް ޗާޓަރކުރި

އެމާޖެންސީއެއް ދިމާވެގެން ގއ. ވިލިނގިލީ ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ އިންތިޒާމު ވަގުތުން ހަމަޖެއްސި ކަމަށާއި އެ ކުއްޖާ އަރުވަން އުޅުނު ފްލައިޓެއްގައި މައްސަލަ ޖެހި ލަސްތަކެއް ދިމާވި ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދީފައިވަނިކޮށް ކުއްޖާ މާލެ ގެނެވުނީ 16 ގަޑިއިރު ފަހުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް، ހޮނިހިރު ދުވަހު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.

މި މައްސަލައާ ގުޅިގެން އާސަންދައިން ނެރުނު ބަޔާނުގައި ބުނީ، އެ ކުއްޖާ މާލެ ގެންދަން އެމަޖެންސީ އިވެކުއޭޝަނަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން އެދުނީ ބުރާސްފަތި ދުވަހުގެ ފަތިހު 5:03ގައި ކަމަށެވެ. އެ ކުންފުނީގެ މެޑިކަލް ސެކްޝަނުން އެ ކޭސް 12 މިނިޓުތެރޭ ޕްރޮސެސްކޮށް، ކުއްޖާ އެމަޖެންސީގައި މާލެ ގެންނަން ހުއްދަ ދިން ކަމަށާއި، ފްލައިޓެއް ލިބޭތޯ ބަލަން އެ ކުންފުނިން 5:19ގައި ހޮސްޕިޓަލަށް އެންގި ކަމަށް އާސަންދައިން ބުންޏެވެ.

އެ އަތޮޅުގައި އޮންނަ ކޫއްޑޫ އެއާޕޯޓުން އެންމެ އަވަހަށް މާލެއަށް ފްލައިޓެއް އޮތީ ޖެހިގެން އައި ދުވަހުގެ ފަތިހު 5:55ގައި ކަމުން، ފްލައިޓެއް ޗާޓަރުކުރަން ވެސް ވަގުތުން ހަމަޖެއްސި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މޯލްޑިވިއަންއިން ޗާޓަރު ކުރެވޭ ފްލައިޓުގެ މައުލޫމާތު ދިނީ 8:57ގައި ކަމަށާއި އެ ބޯޓު ހަމަޖެހުނީ ބުރާސްފަތި ދުވަހު 14:55ގައި ކޫއްޑޫގައި ޖައްސައި، 16:20އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ގޮތަށް ކަމަށް އާސަންދައިގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ހޮސްޕިޓަލުން އެދުމުން، ކުއްޖާ 14:45ގައި އެމްއެންޑީއެފް ސީ އެމްބިއުލާންސުގައި ވިލިނގިލިން ކޫއްޑޫއަށް ގެންދަން ވެސް ހަމަޖެއްސި ކަމަށް އާސަންދައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މާލެއިން ކައްދުއަށް ދަތުރުކުރަމުންދިޔަ ފްލައިޓެއް ކޫއްޑޫއަށް ޑައިވާޓުކޮށް، އެދުވަހުގެ 13:50ހާއިރު ކުއްޖާ ގެންދެވޭނެ ކަމަށް 11:40ގައި ކޫއްޑޫ އެއާޕޯޓުން އެންގި ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެންމެ ފަހު ވަގުތު އެ ފްލައިޓު ޑައިވާޓު ނުކުރެވުނު ކަމަށް ބަޔާނުގައިވެއެވެ.

އޭގެ ސަބަބުން އަލުން ފްލައިޓެއް ޗާޓަރު ކުރަން ޖެހި، އެ ފްލައިޓުގައި ކޫއްޑޫއިން ކުއްޖާ ފޮނުވާލެވުނީ 16:35ގައި ކަމަށާއި އެ ފްލައިޓު ވެލާނާ އެއާޕޯޓުގައި ޖެއްސީ 17:15ގައި ކަމަށް އާސަންދައިން ބުންޏެވެ.

ނިޔާވި ކުއްޖާއަށް ވިލިނގިލިން ފަރުވާ ނުލިބި ލަސްވެގެން ކަމަށް ބުނެ، އެ ރަށު ރައްޔިތުން އެއްވެ، އެ ރަށު ހޮސްޕިޓަލުގެ ނަން ބޯޑު ބަދަލުކޮށް، ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާކުރިއެވެ.

- ކޮމެންޓް