އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މޯލްޑިވިއަންގެ އުސޫލަށް ބަދަލުގެނެސްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން މިމޭރުމުން އެކްސްގައި ޕޯސްޓްކުރެއްވީ ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖަކު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވުމާއި ގުޅިގެން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. ގއ އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުން އެ ކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުންނެވެ.
ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިނިސްޓަރ ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވީ ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސް އެއްގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުންކަމަށެވެ. އަދި މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުންކަމަށާއި މި ޚިދުމަތް 1 މާރިޗް 2024 ގައި ފެށިގެން ދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިންމު މަސައްކަތެކެވެ.
ނިޔާވި ކުއްޖާއަށް ވިލިނގިލިން ފަރުވާ ނުލިބި ލަސްވެގެން ކަމަށް ބުނެ، އެ ރަށު ރައްޔިތުން އެއްވެ، އެ ރަށު ހޮސްޕިޓަލުގެ ނަން ބޯޑު ބަދަލުކޮށް، ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާކުރިއެވެ.
މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ، އަވަސް ފަރުވާ ބޭނުންވާ ހާލަތުގައި ގައުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންނުކޮށް، މިފަދަ ކަންކަން ލަސްވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެ ކުރިން މިފަދަ ހާލަތުގައި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވަރަށް ގިނަ ބަލި މީހުންނަށް ވަނީ އަވަސް ފަރުވާ ލިބިފައިވާކަމަށް ސައުދު ވިދާޅުވިއެވެ.
އަވަސްފަރުވާ ބޭނުންވާމީހުން މާލެއަށް ގެނައުމަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މީގެ ކުރިން ބޭނުންކުރެއެވެ. ނަމަވެސް މިސަރުކާރު އައިފަހުން ބަލި މީހާގެ ހާލަތު ގޯސްވިނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުންނުކުރާ ކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.