ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 06:42
އަލް ނަސްރުން ކުޅުނު މެޗެެއްގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
އަލް ނަސްރުން ކުޅުނު މެޗެެއްގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައޫދީ ލީގް
ފްރެންޗް ލީގަށްވުރެ ސައޫދީ ލީގު މާ ރަނގަޅު: ރޮނާލްޑޯ
ހާލަންޑް ފަދަ ޒުވާން ތަރިންނާ ވާދަކޮށް އެވޯޑް ލިބޭތީ އުފާވޭ: ރޮނާލްޑޯ

ފްރާންސްގެ އެންމެ މަތީ ލީގު ކަމަށްވާ ފްރެންޗް ލީގަށް ވުރެ ސައޫދީ އަރަބިއާގެ ލީގު މާ ރަނގަޅު ކަމަށް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން މިހެން ބުނީ ޑުބާއީގައި ބޭއްވި ވޯލްޑް ގްލޯބަލް އެވޯޑް ނައިޓަށް ފަހު އެވެ. މިއެވޯޑް ނައިޓްގައި އޭނާ އަށް ވަނީ ބެސްޓް ގޯލް ޖެހުންތެރިޔާ އާއި ސަޕޯޓަރުންގެ އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑް ދީފަ އެވެ.

"ވަރަށް ތެދަށް މި ބުނަނީ. އަހަރެން ބުނާނީ ފްރާންސް ލީގަށްވުރެ ސައޫދީ ލީގު ވަރުގަދަ ކަމަށް. ފްރާންސް ލީގުގައި އުޅޭނީ ދޭއް ނުވަތަ ތިން ޓީމު ވާދަކުރަން. އެކަމަކު ސައޫދީ ލީގު މިއަށްވުރެ މާ ވާދަވެރި. އެމީހުންނަށް ބޭނުން އެއްޗެއް ބުނެވިދާނެ. އެކަމަކު އަހަރެން ސައޫދީގައި އެއް އަހަރު ހޭދަކޮށްފިން. އަހަރެން ބުނަނީ ތަޖުރިބާގެ އަލީގައި،"
ރޮނާލްޑޯ ބުންޏެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ބުނީ ބައެއް ކުޅުންތެރިންނަށް ސައޫދީގައި ކެތް ނުކުރެވިގެން އަލުން ޔޫރަޕަށް ބަދަލުވި ނަމަވެސް އޭނާ އަށް ސައޫދީގައި ދިރިއުޅުން އުނދަގޫނޫން ކަމަށެވެ. އަދި މިހާރަށްވުރެ ސައޫދީ ލީގު ކުރިމަގުގައި ކުރިއަރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ އަދި ބުނީ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް ފަދަ ޒުވާން ތަރިންނާ ވާދަކޮށް އެންމެ މޮޅު ގޯލް ޖެހުންތެރިޔާގެ މަގާމު ލިބުމުން އުފާވާ ކަމަށެވެ.

- ކޮމެންޓް