ބާސެލޯނާއަށް ކުޅެމުން އަންނަ ނޭމާ އެ ކްލަބް ދޫކޮށްލާނެކަމަށް އުންމީދުކުރާކަމަށް ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޮސް ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ރާމޮސް ބުނީ ކޮންމެ މީހަކަށްވެސް އެ މީހެއްގެ ކުރިމަގު ބިނާކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އެގޮތުން ނޭމާ އަށް ވެސް އޭނާގެ ކްލަބް ބަދަލުކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ރާމޮސް ބުނީ އާދީއްތަ ދުވަހު ރެއާލް އަދި ބާސާ ބައްދަލުކުރި މެޗަށްފަހު އޭނާ އާއި ނޭމާ ޖޯޒީ ބަދަލުކޮށްފައިވާނެ ކަމަށާއި، އުންމީދަކީ އެ ޖޯޒީ އަކީ ބާސާ އަށް ނޭމާ ކުޅުނު ފަހު ޖޯޒީ އަށް ވުން ކަމަށެވެ.
ބާސާ އިން ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ނޭމާ އާއި ބާސާ އަށް އަލަށް ގެނައި ބެންފީކާގެ ނެލްސަން ސެމެޑޯއާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. އެ މަންޒަރުތައް ކެމެރާތަކަށް އަރާފައިވާއިރު، އެކަމާ ގުޅިގެން ބާސާ އިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ނޭމާ ބޭނުންވަނީ ބާސާ ދޫކޮށްލުމަށް ފަހު ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާށެވެ. އެގޮތުން ނޭމާ ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން 222 މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.
ބްރެޒިލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާ އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.
ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 77 މެޗުގައި 52 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތް އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބުކޮށްފައެވެ.