ސްޕެނިޝް ކަޕުން ރެއާލް ކަޓުވާލައި، އެތްލެޓިކޯ މެޑްރިޑް ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަދަ 16 ޓީމް ވާދަކުރި ބުރުގައި ރެއާލް މެޑްރިޑްގެ މައްޗަށް އެތްލެޓިކޯ މެޑްރިޑުން ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު 2-2 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ދެހާފްގައި އިތުރު ދެ ލަނޑު ޖަހައިގެންނެވެ. ރެއާލްގެ މައްޗަށް ކުރިހޯދައިދިން ލަނޑު 100 ވަނަ މިނެޓުގައި ޖެހީ ފްރާންސް ފޯވާޑް ގްރިޒްމަން އެވެ. ގްރިޒްމަން ވަނީ މިހަފްތާގައި ރެއާލް ކޮޅަށް ލަނޑު ޖަހައިގެން ކްލަބްގެ ޓޮޕް ސްކޯރަރގެ ރެކޯޑްވެސް ހޯދާފައެވެ.
މެޗުގައި ފުރަތަމަ ކުރިހޯދީ ވެސް އެތްލެޓިކޯ މެޑްރިޑުންނެވެ- 39 ވަނަ މިނެޓުގައި ކުރިހޯދައިދިނީ ސެމިއުލް ލީނޯ އެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަވީ އެތްލެޓިކޯގެ ކީޕަރު އޮބްލަކް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ދެވަނަ ހާފްގެ ކުރީކޮޅު އެތްލެޓިކޯ އަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީ މޮރާޓާ އެވެ. ރެއާލް އިން ނަތީޖާ ހަމަހަމަ ކުރީ 82 ވަނަ މިނެޓުގައި ހޮސެލޫ ޖެހި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާއަށް އިތުރު ބަދަލެއް ނައުމުން, ނަތީޖާ ނެރުމަށް ކުޅުނު ދެހާފްގެ ތެރެއިން އެތްލެޓިކޯއަށް ފުރަތަމަ ކުރި ހޯދައިދިނީ ގްރީޒްމަން އެވެ. މިއީ 32 އަހަރުގެ ފޯވާޑް އެތްލެޓިކޯ އަށް ޖަހައިދިން 175 ވަނަ ގޯލެވެ. 119 ވަނަ މިނެޓުގައި އެތެލްޓިކޯގެ 4 ވަނަ ލަނޑު ޖެހީ ރިކޭލްމޭ އެވެ.
މިއީ 8 ދުވަހުގެ ތެރޭގައި ދެޓީމް ވާދަކުރި ދެވަނަ ފަހަރެވެ. ސްޕެނިޝް ސުޕަރ ކަޕްގައި މިދެޓީމް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު 3-3 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ދެހާފްގައި އިތުރު ދެ ލަނޑު ޖަހައިގެން މޮޅުވެ, ފައިނަލަށް ދަތުރުކުރީ ރެއާލް މެޑްރިޑެވެ. އަދި ފައިނަލްގައި ބާސެލޯނާ ބަލިކޮށް ރެއާލްއިން ތަށިވެސް ހޯދި އެވެ. މިސީޒަންގައި ރެއާލް ދެފަހަރު މަތީންވެސް ބަލިކުރި ހަމައެކަނި ޓީމަކީ އެތްލެޓިކޯ މެޑްރިޑެވެ.