ފަލަސްޠީނުގެ ޣައްޒާއޭ ބުނެފި ނަމަ ކޮންމެ މީހެއްގެ ޚިޔާލަށްވެސް ގިނަ ފަހަރަށް ވެރިވެގެންދަނީ ހަނގުރާމައާއި ކުރިމަތިލުންތަކުގެ އަޑުތަކާއި މަންޒަރުތަކެވެ. ސިފަ ވެގެން ދާނީ ބައެއްގެ އަނިޔާވެރިކަމުގައި ޣައްޒާ ހަފުސްވަމުން ދާ މަންޒަރޭ ދެންނެވުމަކުން ގޯހެއް ނެތެވެ. އެ ފަދަ ގޮތަކަށް އަހަރެމެންގެ ވިސްނުން ބައްޓަން ވަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. މާޒީގައި ފާއިތު ވެ ދިޔަ އެތައް އަހަރަކަށް ބަލާއިރު، ޣައްޒާގެ ޙާލަކީ ހަމަ އެއީއެވެ. ތާ އަބަދުމެހެން އޮންނަނީ ކޮންމެވެސް ބައެއްގެ އަނިޔާވެރިކަމުގެ ވޭނާއި އަޅުވެތިކަމުގެ ހިތިކަން ތަޖުރިބާ ކުރަން މަޖުބޫރުވެފައެވެ. މި ދަތުރަކީ ހިތްދަތި ދަތުރެކެވެ. ހިތްބަލި މީހުން ނުތަނަވަސް ކުރަނިވި އެތައް މަންޒަރަކާއި އަޑެއް، މި ހިއްސާ ކުރަން އުޅޭ ވާހަކަތަކުގައި ހުރުން އެކަށީގެންވެއެވެ.
ޣައްޒާ ތަޙައްމަލު ކުރަމުން ދާ އަނިޔާވެރިކަމުގެ މާޒީގެ ތެރެއަށް ކުރާ މި ދަތުރު މި ފަށަނީ މީލާދީން 1940ގެ އަހަރުތަކުގެ ފަހުކޮޅުންނެވެ. އެއީ މުޅި ދުނިޔެ އެ ބައެއްގެ މުށު ތެރޭގައި ގެންގުޅުނު އިނގިރޭސި އިސްތިޢުމާރީ ބާރުން ފަލަސްޠީނަށް އަތްގަދަ ކުރަމުން ދިއުން ނިމުމަކަށް ގެނެސް، ފަލަސްޠީނުން ފައިބަން ފެށި ދުވަސްވަރެވެ. އެ ދުވަސްވަރު ވެގެން ދިޔައީ ޔަހޫދީ ބާރުތަކާއި ޢަރަބީންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަ ވި ދުވަސްވަރަކަށެވެ. އެ ދުވަސްވަރު މުޅިން އަލަށް އުފެއްދި ޔަހޫދީންގެ އިޒްރޭލާއި، އަވަށްޓެރި ޢަރަބީންނާ ދެމެދު މެއި 1948 ގައި ވަރަގަދަ ހަނގުރާމައެއްވެސް ކުރިއެވެ. ފަލަސްޠީނުގައި އޮތް އިނގިރޭސި ވެރިކަން މުޅިން ނިމުމަކަށް އައުމުގެ ކުރިން، ޤުދުސްގައި ތިބި އިނގިރޭސި ރަށްވެހިން ވަނީ އެ ރަށުން ފައިބާ، އިނގިރޭސިވިލާތަށް ދަތުރު ފަށާފައެވެ.
ދެން އައީ 1950 އާއި 1960 ގެ އަހަރުތަކެވެ. އެ ދުވަސްވަރަކީ މިޞްރުގެ އަސްކަރީ ވެރިކަމުގެ ބާރު ޣައްޒާގައި ހިންގަމުން ދިޔަ ދުވަސްވަރެވެ. އަސްކަރީ ގަވަރުނަރުކަމުގެ ދަށުން 20 އަހަރު ވަންދެން ޣައްޒާ އޮތީ މިޞްރުގެ ބާރުގެ ދަށުގައެވެ. މިޞްރަށް ދަތުރުކޮށް އެ ޤައުމުގައި މަސައްކަތްކޮށް، ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު، އެ ދުވަސްވަރު ފަލަސްޠީނުގެ ރައްޔިތުންނަށް އޮތީ ހުޅުވާލާފައެވެ. 'ފިދާޔީން' ގެ ނަމުގައި ހަރަކާތްތެރި ވަމުން ދިޔަ ފަލަސްޠީނުގެ ޖަމާޢަތުން އޭރު ދިޔައީ، ފަލަސްޠީނުގެ ބިންތައް ފޭރިގަތް އިޒްރޭލަށް ޙަމަލާތަކެއް ދެމުންނެވެ. އޭގެ ރައްދުގައި އިޒްރޭލުންވެސް ޙަމަލާ ދެމުން ދިޔައެވެ. 'ފިދާޔީން' ޖަމާޢަތުގައި ގިނައީ އަމިއްލަ ފަސްގަނޑުގައި ރެފިއުޖީންނަށް ވި މީހުންނެވެ.
ރެފިއުޖީންނަށް ޚާއްޞަކޮށްގެން އދގެ ޚާއްޞަ އޭޖެންސީއެއް ހިންގަން ފެށިއެވެ. ޔޫއެންއާރްޑަބްލިއު އޭގެ ނަމުގައި މިއަދުވެސް ހިންގަމުން ދާ އެ އޭޖެންސީގައި، ފަލަސްޠީނުގެ ރެފިއުޖީންގެ ގޮތުގައި ދަފުތަރު ކޮށްފައި ތިބި މީހުންގެ ޢަދަދު 1.6 މިލިއަނަށް އަރައެވެ. އޭގެ ތެރޭގައި ޣައްޒާ، ޢުރުދުން، ލުބްނާން، ސޫރިޔާ އަދި ހުޅަނގު އައްސޭރީގައި ދިރިއުޅެމުން ދާ ފަލަސްޠީނުގެ ރައްޔިތުން ހިމެނެއެވެ.
1967 ވަނަ އަހަރުގެ ހަނގުރާމައާއި އިޒްރޭލު އަސްކަރިއްޔާގެ ހިސާރު ކުރުމުގެ ޖަރީމާގެ ވާހަކައަކީ އަދުގެ ޖީލަށް އައު ވާހަކައަކަށް ނުވާނެއެވެ. މެދުއިރުމަތީ ހަނގުރާމައިގެ ނަމުން ނަން ދެވުނު އެ ހަނގުރާމައިގެ ތެރޭގައި އިޒްރޭލުން ޣައްޒާ ހިފީ 1967 ވަނަ އަހަރުއެވެ. އިޒްރޭލުން އެ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ރެކޯޑްތަކަށް ބަލާއިރު، ޣައްޒާގެ އާބާދީ ކަމަށް ބަޔާންކޮށްފައި ވާ ޢަދަދަކީ 394000 އެވެ. އަދި އޭގެ ތެރެއިން އެންމެ މަދުވެގެން 60 ޕަސެންޓް މީހުންނަކީ ރެފިއުޖީން ކަމަށްވެސް ބަޔާން ކޮށްފައި އޮތެވެ.
ޣައްޒާގައި މިޞްރުން ކުރަމުން ދިޔަ އަސްކަރީ ވެރިކަން ނިމުމާއެކު ޣައްޒާގެ ރަށްވެހިން ދެން މިޞްރާބު ޖެހީ އިޒްރޭލުގައި އޮތް ދަނޑުވެރިކަމާއި، ޢުމްރާނީ ބިނާރުގެ މަސައްކަތްތަކާއި، ޚިދުމަތުގެ ސިނާޢީ މަސައްކަތްތެރިކަމާ ދިމާއަށެވެ. އޭރު ޣައްޒާގެ ރަށްވެހިންނަށް އެތަންތަނަށް ވަދެ ނުކުމެ އުޅުމަކީ އަދުގެ ޒަމާން ހާ ދަތިކޮށް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެ ސަރަޙައްދުގެ އިދާރީ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައި ޔަހޫދީ އިޒްރޭލުގެ ފައުޖުތަކުންނެވެ. މަޤްޞަދަކަށް ވީ، ވިދިގެން އައި އަހަރުތަކުގައި ޔަހޫދީ ޢާއިލާތައް އާބާދުކޮށް، ވަޒަންވެރިވަމުން ދިޔަ ސަރަޙައްދުތަކުގައި މުގޯލި އަޅާ، ފޯރިމެރުމެވެ. މިކަން ވީ ފަލަސްޠީނު ރައްޔިތުންގެ ހިތްތަކުގައި އިންތިހާ ނަފުރަތު އުފައްދަން ފެށި ކަމަކަށެވެ. އެއީ ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ޙައްޤެކެވެ. އަމިއްލަ މިނިވަންކަމަށް ބަޔަކު އަތްގަދަ ކުރަމުން ދާ އިރު، އެކަމަށް މަރުޙަބަ ކިޔާނީ ކޮން ބައެއް ހެއްޔެވެ؟
ފަލަސްޠީނުގެ ފުރަތަމަ ފަހަރަށް 'އުތުރި އެރި' މަންޒަރު ފެނިގެން ދިޔައީ 1987 ވަނަ އަހަރުއެވެ. މިއަދު ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތް އުފެދުނު ހިސާބަކީވެސް އެއީއެވެ. 1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު 20 އަހަރު ކެތް ކުރި ފަލަސްޠީނުގެ ރައްޔިތުން ފުރަތަމަ އިންތިފާޟާއައިގެން ތެދުވިއެވެ. އެކަން ފެށުނީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޙާދިޘާ ފެށެނީ، އިޒްރޭލުގެ ޓްރަކެއް، ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕުގައި މަސައްކަތް ކުރަމުން ދިޔަ ބަޔަކު ގޮވައިގެން ދަތުރު ކުރަމުން ދިޔަ އުޅަނދެއްގައި ޖެހި، 4 މީހެއްގެ ފުރާނަ ގެއްލުނު ހިސާބުންނެވެ. އޮއްގައު އުކުމުގެ މުޒާޙަރާކަތާ، ހަޅުތާލުތައްވެސް ފެށުނީއެވެ.
ފަލަސްޠީނުގައި ރޯވަމުން ދިޔަ ނަފުރަތުގެ ގިނީގެ ހޫނުކަމުގެ ބޭނުން ހިފަން، މިޞްރުގައި މަރުކަޒު ކޮށްގެން ހިންގާ ބްރަދަރހުޑް ޖަމާޢަތުން ފަލަސްޠީނުގެ ގޮތްޕެއް ތަޢާރަފު ކުރިއެވެ. އެއީ މިއަދު މިކިޔާ ޙަމާސް ޖަމާޢަތެވެ. ޙަމާސްގެ މަރުކަޒީ ބާރަކަށް ވީ ޣައްޒާއެވެ. ޙަމާސްގެ މައިގަނޑު ޢަމާޒަކަށް ވީ، އިޒްރޭލު ބަލިކޮށް، އިސްލާމީ ވެރިކަމެއް ޤާއިމު ކުރުމެވެ. ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ހިންގަމުން ދިޔަ ޔާސިރު ޢަރަފާތުގެ ފަތަޙަ ޕާޓީގެ ފިކުރާ، ޙަމާސްގެ ފިކުރު ފުށޫ އަރާ، ސިޔާސީ ވާދަވެރިންނަށް ވިއެވެ.
ޔަހޫދީ އިޒްރޭލާއި ފަލަސްޠީނުގެ ދެބަސްވުންތަކާއި ކުރިމަތިލުންތައް ހޫނުވަމުން ދާ ދިއުމަށް ޙައްލު ހޯދުމަށް ފެށި މަސައްކަތާ ހިސާބަށް އާދެވުނީ 1993 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޮސްލޯ އެކޯޑްސް އައި ހިސާބެވެ. ހިސާބަކަށް މިނިވަން ދަޢުލަތެއްގެ ދަރަޖަ، ފަލަސްޠީނަށް ދިނެވެ. ތާރީޚީ ސުލްޙައިގެ އެއްބަސްވުމުގައި އިޒްރޭލާއި ފަލަސްޠީނުން ސޮއި ކުރީވެސް 1993 އަހަރުއެވެ. ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) އުފެދުނީ އެހާ ހިސާބުންނެވެ. ވަގުތީ އެއްބަސްވުމުގެ ދަށުން ފަލަސްޠީނަށް ލިބުނީ، ޣައްޒާއާއި ހުޅަނގު އައްސޭރީގެ އައް-ރީޙާގެ ކޮންމެވެސް ވަރެއްގެ ކޮންޓްރޯލްއެކެވެ. އެތައް އަހަރެއް ވަންދެން އަރުވާލެވިގެން އުޅުއްވުމަށްފަހު ޢަރަފާތު އެނބުރީ ޣައްޒާއަށް ވަޑައިގަތީ އެ ދުވަސްވަރުއެވެ. ޕީއެލްއޯގެ ލީޑަރު ޔާޞިރު ޢަރަފާތު، ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ޒިޔާރަތް ކުރެއްވީ ޖުލައި 2، 1994 ގައި އެވެ.
އޮސްލޯ އެއްބަސްވުމުގެ ދަށުން އަލަށް އުފެއްދި ޕީއޭއަށް، ހިސާބަކަށް އަމިއްލަވަންތަ ބާރުތަކެއް ކަށަވަރު ކޮށްދިނެވެ. އަދި 5 އަހަރަށް ފަހު، މިނިވަން ދަޢުލަތަކަށް ވާނެ ކަމުގެ ފޮނި ހުވަފެންތައްވެސް ދެއްކިއެވެ. އަދާ ޖެހުނުއިރުވެސް އެކަމެއް ނުވިއެވެ. ޔަހޫދީން ތުހުމަތުގެ އިނގިލި އަމާޒު ކުރަނީ ފަލަސްޠީނަށެވެ. ސަލާމަތީ އެއްބަސްވުންތަކާ ޚިލާފުވި ކަމުގެ ތުހުމަތު ކުރިއެވެ. އޭރުވެސް އިޒްރޭލުން ދިޔައީ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ ޣައިރު ޤާނޫނީ ޖަރީމާ ހިންގަމުންނެވެ. އެކަން ވީ، ފަލަސްޠީނުގެ ރައްޔިތުން އިންތިހާއަށް ރުޅިގަދަ ކުރުވަމުން ދިޔަ ކަމަކަށެވެ.
އަމިއްލަ ބިން، ބޭރު ބަޔަކު ފޭރެމުން ދާ ދިއުމަކީ އެއްވެސް މީހަކަށް ޙަޖަމު ކުރަން މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޙަމާސް ޖަމާޢަތުން ދިޔައީ ބޮމުގެ ޙަމަލާތަކެއް ދެމުންނެވެ. އެކަމަކުގެ ނާޖާއިޒު ފައިދާ އިޒްރޭލުން ނެގިއެވެ. އަދި ފަލަސްޠީނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ޣައްޒާއިން ބޭރަށް ފަލަސްޠީނުގެ ރައްޔިތުން އައިސް ގޮސް ވުމުގައި ޢަމަލު ކުރަން ޖެހޭ އުސޫލުތައް އިތުރަށް ހަރުކަށި ކުރިއެވެ. އަދި ޢަރަފާތުގެ އަރިސް ކޮއިލު ތެރޭގައި ފެތުރެމުން ދިޔަ ކޮރަޕްޝަނާ، ޢާއިލީ ބާރުވެރިކަން ގަދަ ކުރުމާއި، އިޤްތިޞާދީ ކަންކަން ހަމައަކަށް އަޅުވަން ފެއިލްވުން ފަދަ ކަންކަން ވީ ޙަމާސް ޖަމާޢަތަށް ބަލައިގަންނަން މާ ފަސޭހަ ކަންކަމަށް ނޫނެވެ.
ޣައްޒާގައި ޔަހޫދީން ވަޒަންވެރިގަނެގެން ދިރިއުޅެމުންދާ ސަރަޙައްދުގައި ދިން ކާރުބޮމުގެ ޙަމަލާއަކާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ.
މަރޗް 27، 1996 ވަނަ ދުވަހަކީ އިޒްރޭލުގެ ޢުދުވާންތަކުގެ ތާރީޚަށް ބަލާއިރު އެ ދުވަހެއްގެ ވާހަކަ ދައްކަން މަޖޫބުރުވާ ދުވަހެކެވެ. ފަތިހުގެ އަލިކަންވެސް ނުވިލި އުޅެނިކޮށް ހުޅަނގު އައްސޭރީގައި ވަރުގަދަ ރެއިޑެއް ހިނގިއެވެ. އެއީ އެހާތަނަށް އެންމެ ގިނަ ބަޔަކު ހައްޔަރު ކުރި އޮޕަރޭޝަންއެވެ. ޔަހޫދީ އަސްކަރިއްޔާއާއި ބޯޑަރު ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ފަލަސްޠީނުގެ 376 މީހުން ހައްޔަރު ކުރިއެވެ. ޙަމާސް ޖަމާޢަތާ ގުޅުން އޮތް ކަމުގެ ތުހުމަތުގައެވެ.
ދެބަސްވުންތަކާއި ކޯޅުންތަކުގައި އަހަރުތައް ފާއިތުވަމުން ގޮސް، 2000 ވަނަ އަހަރަކީ ޔަހޫދީ އިޒްރޭލާއި ފަލަސްޠީނުގެ ގުޅުންތައް، ތާރީޚު ނުދެކޭ މިންވަރަށް ހީނަރުވެގެން ދިޔަ އަހަރެކެވެ. ފަލަސްޠީނުން 2 ވަނަ އިންތިފާޟާ ފެށިއެވެ. ބޮމާއި ބަޑީގެ ޙަމަލާތައް ފަލަސްޠީނުން ދެމުން ދިޔައިރު، އިޒްރޭލުންވެސް ދިޔައީ އިންތިހާއަށް ވަރުގަދަ ވައިގެ ޙަމަލާތައް ދީ، ފަލަސްޠީނު ސުންނާފަތި ކުރަމުންނެވެ. ދިއުން މަނާ ސަރަޙައްދުތައް ކަނޑައަޅާ، ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ކާފިއުތައް އިޢުލާން ކުރަމުން ގެންދިޔައެވެ.
އެ ފަހަރުގެ ޢުދުވާންތަކުގައި އެންމެ ބޮޑު ގެއްލުންތަކެއް ދީފައި ވަނީ ޣައްޒާގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށެވެ. އެ ވައިގެ ބަނދަރަކީ ފަލަސްޠީނުގެ ރައްޔިތުން ދެކެމުން ދިޔަ އިޤްތިޞާދީ މިނިވަންކަމުގެ ރަމްޒެވެ. އަދި މިޞްރާއި އިޒްރޭލުގެ ކޮންޓްރޯލެއް ނެތި ބައިނަލްއަޤުވާމީ ދުނިޔެއާއި ފަލަސްޠީނުގެ ރައްޔިތުން ގުޅާލަދިން މައި ދޮރޯށިވެސްމެއެވެ.
ޣައްޒާގެ އެތައް ހާސް ބަޔަކު، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެ ސިނާޢަތަކަށް ބަރޯސާވެގެން އޮތް މަސްވެރިކަމުގެ ސިނާޢަތަށްވެސް އިޒްރޭލުން އަތްގަދަ ކުރިއެވެ. ޣައްޒާގެ ރަށްވެހިންނަށް މަސްވެރިކަމަށް ނުކުމެ އުޅުމުގެ ހުއްދަ އޮތް ޖާގަ ހަނި ކުރިއެވެ. ސަބަބެއް ކަމަށް ބުނީ، ޣައްޒާއަށް ހަތިޔާރު އެތެރެ ކުރާ ބޯޓުފަހަރު ހުއްޓުވުމެވެ.
ދީނީ ގޮތުން މުއްސަނދި ތާރީޚެއް އޮތް ޤުދުސްގެ ބައެއް ސަރަޙައްދުތަކަށް، އިޒްރޭލުގެ އޭރުގެ އިދިކޮޅު ލީޑަރު އާރިއަލް ޝަރޯން ދިޔަ ހިސާބުން ފަލަސްޠީނާއި އިޒްރޭލުގެ ސަލާމަތީ ބާރުތަކާ ދެމެދު، ޤުދުސްއާއި ހުޅަނގު އައްސޭރީގައި ކުރިމަތިލުންތަކެއް ހިންގިއެވެ.
ފަލަސްޠީނުން ދޭ ޙަމަލާތަކުގެ ރައްދުގައި ކަމަށް ބުނެ، ޣައްޒާގައި އޮތް ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ ރަންވޭ، އިޒްރޭލުގެ އަސްކަރިއްޔާއިން ބަރު މެޝިނަރީ ބޭނުންކޮށްގެން ސުންނާފަތިކޮށް ހަފުސްކޮށްލިއެވެ. އޭރު އިޒްރޭލަށް ދެމުން ދިޔަ ޙަމަލާތަކެއްގެ ޒިންމާ، ޙަމާސް ޖަމާޢަތުން އޮތީ އުފުލާފައެވެ.
ދެން ފެނުނީ ފަލަސްޠީނުގެ ސިޔާސީ މައިދާނުގެ އުހުން ފެނުނު ލީޑަރުންތަކެއް މި ދުނިޔެއާ ވަކި ކުރެވިގެން ދިޔަ މަންޒަރެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން ޙަމާސްގެ ބާނީ އަދި ދީނީ އިމާމް، ޝައިޚް އަޙުމަދު ޔާސީން އަށް ޙަމަލާ ދީ، އޭނާ މަރާލީ 2004 ވަނަ އަހަރުއެވެ. ފަލަސްޠީނުގެ ލީޑަރު، ޔާސިރު ޢަރަފާތުވެސް އަވަހާރަވީ، ނުވަތަ އަވަހާރަކޮށްލީ ހަމަ އެ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުއެވެ. ޢުމުރުފުޅުން 75 އަހަރުގައި ޢަރަފާތު މި ދުނިޔެއަށް ފަހު ނޭވާ ދޫކުރެއްވި ފަރަންސޭސިވިލާތުގެ ހޮސްޕިޓަލެއްގައެވެ. ޢަރަފާތުގެ މަރުގެ ފަހަތުގައި އަޑި ނޭނގޭ ސިއްރުތަކެއް ވާ ކަމުގެ ތުހުމަތުތައް ފެންމަތިވެ، ހިންގި ތަޙުޤީޤީތަކުން، އޭނާގެ ހަށިގަނޑަށް ވިހައިގެ އަސަރުކޮށްފައި ވާ ކަން ވަނީ ހާމަވެފައެވެ.
2005 ވަނަ އަހަރުގެ އޯގަސްޓް މަހެވެ. ޣައްޒާގައި ތިބި އިޒްރޭލުގެ މީހުން އެ ރަށުން ބާލަން ފެށިއެވެ. އަސްކަރިއްޔާއާއި ޢާންމުން ހިމެނޭހެންނެވެ. އޭރު ޣައްޒާ އޮތީ ބައިނަލްއަޤުވާމީ މުޖުތަމަޢާ މުޅިން ވަކިކޮށްފައެވެ. އިޒްރޭލުގެ ނުފޫޒުންނެވެ. އަމިއްލަ ވަޒަނުގައި ފިއްތާ ހާސްކޮށްލާއިރު އެޅިހައި ބަތަކަށް ރިހަވެގެން ތިބޭނީ ކޮން ބައެއް ހެއްޔެވެ؟ ޣައްޒާގެ ރަށްވެހިންވެސް މިނިވަންކަމަށް މަސައްކަތް ފެށިއެވެ. ބިންގަރާސް ރާސްތާތަކުން މިޞްރާ ޣައްޒާ ގުޅާލިއެވެ.
2006 ވަނަ އަހަރު ފާހަގަ ކުރެވެނީ ޙަމާސްގެ ވެރިކަމުގެ ދަށުގައި ޣައްޒާ އެކަހެރިވެގެން ދިޔަ އަހަރެއްގެ ގޮތުގައެވެ. އެ އަހަރު ފަލަސްޠީނުގައި ކުރިއަށް ގެންދިޔަ މަޖިލިސް އިންތިޚާބުގައި ޙަމާސް އިން ބޮޑު ކާމިޔާބެއް ހޯދާ، ޣައްޒާގެ ކޮންޓްރޯލް ނަގައި، ޢަރަފާތަށް ފަހު ފަލަސްޠީނުގެ ރައީސް ކަމަށް ވަޑައިގެންނެވި މަޙަމޫދަށް ޢައްބާސްއަށް ވަފާތެރި ބާރުތައް ޣައްޒާއިން ބޭރު ކުރިއެވެ.
އެތައް ޤައުމަކުން ފަލަސްޠީނަށް ދެމުން ދިޔަ އެހީއިން ޣައްޒާ އިސްތިސްނާ ކުރިއެވެ. އެ ޤައުމުތަކުން ޤަބޫލުކުރާ ގޮތުގައި ޙަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެކެވެ.
ފަލަސްޠީނުގެ އެތައް ހާސް މަސައްކަތްތެރިންނަކަށް އިޒްރޭލަށް ވަނުން މަނާ ކުރިއެވެ. އެއާއިއެކު ޣައްޒާއަށް ވަންނަމުން ދިޔަ އާމްދަނީގެ ބޮޑު ބައެއް ހުއްޓުނެވެ. އިޒްރޭލުން ދެމުން ދިޔަ ވައިގެ ޙަމަލާތަކުގައި، ޣައްޒާގައި ހުރި ހަމަ އެކަނި އިންޖީނު ގެއަށް ގެއްލުން ވެ، މުޅި ޣައްޒާގެ އެކި ހިސާބުތަކަށް ކަރަންޓުގެ ދަތިކަން ކުރިމަތިއެވެ. ސަލާމަތީ ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ، އިޒްރޭލާއި މިޞްރުން ޣައްޒާ އިތުރަށް ފިއްތާލިއެވެ. ޣައްޒާއަށް އެތެރެވެވެން އޮންނަ މަގުތަކުން ހުރަސް ކުރާ މީހުންނާ، އެތެރެ ކުރާ މުދާތައްވެސް ކޮންޓްރޯލް ކުރަން ފެށީ އޭގެ އެންމެ އިންތިހާއަށެވެ.
ޙަމާސް އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. ޙަމާސްއިން ދިޔައީ އިޤްތިޞާދީ ބާރުވެރިކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އިޤްތިޞާދީ ހަރަކާތްތައް ފުޅާ ކުރަމުން ދިޔައީ އިޒްރޭލާ ވީހާވެސް ދުރުން، އިރުމަތީގައެވެ.
ޙަމާސް ޖަމާޢަތަކީ ނުރައްކަލެއް ކަމަށް ބައްލަވާ، އަސްކަރިއްޔާގެ ފުރިހަމަ އެއްބާރުލުމާއެކު މިޞްރުގެ ވެރިކަން ނެންގެވި އެ ޤައުމުގެ ރައީސް ޢަބްދުލްފައްތާޙު އަލް-ސީސީ، ޣައްޒާއާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރެއްވިއެވެ. ޣައްޒާއާއި މިޞްރު ހިއްސާކުރާ ބޯޑަރު ބަންދުކޮށް، ޓަނަލްތައް ގޮއްވާލިއެވެ. އަނެއްކާވެސް ޣައްޒާ އިތުރަށް އެކަހެރިވެ، އިޤްތިޞާދުވެސް ނުއަތު ބުރަށް އެނބުރެން ފެށިއެވެ.
ޑިސެމްބަރ 27،2008 ވަނަ ދުވަހަކީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް 22 ދުވަހުގެ ހަނގުރާމައެއް ފެށި ދުވަހެވެ. ޙަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާ ހިސާބަށް ދެވުނުއިރު ފަލަސްޠީނުން 1400 އެއްހާ މީހުންގެ ފުރާނަ ގެއްލިއްޖެއެވެ. އިޒްރޭލުން މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީ 13 މީހެކެވެ.
2014 ވަނަ އަހަރުގެ ޖުލައި މަހަކީވެސް އިޒްރޭލާއި ފަލަސްޠީނާ ދެމެދު ވަރުގަދަ ޙަމަލާ ބަދަލު ކުރުންތަކެއް ފެށި މަހެކެވެ. 7 ހަފުތާއަށް ދެމިގެން ދިޔަ އެ ހަނގުރާމައިގެ ތެރޭގައި ޣައްޒާއިން 2100 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނު އިރު އިޒްރޭލުން މަރުވީ 73 މީހުންނެވެ. އޭގެ ތެރެއިން 67 މީހުން ނިސްބަތް ވީ އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއަށެވެ.
2021 ވަނަ އަހަރަކީ ޣައްޒާއިން ހިތްދަތި މަންޒަރުތަކެއް ފެނުނު އަހަރެކެވެ. ދުވަސްވަރަކީ ތާރީޚު ނުދެކޭ ފަދަ ބަލިމަޑުކަމެއްގައި މުޅި ދުނިޔެ ފުރަބަންދުވެ، މާޔޫސްވެފައި އޮތް ދުވަސްވަރެކެވެ. އަދި އެއީ، ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްވަރެވެ. އިޒްރޭލާއި ޣައްޒާއާ ދެމެދު މަޞްރަޙު ނުތަނަވަސް ވަމުން ގޮސް، ހަނގުރާމައަކަށް ބަދަލުވިއެވެ. 11 ދުވަހަށް ދެމިގެން ދިޔަ އެ ހަނގުރާމައިގައި ޣައްޒާއިން 250 އަކަށް މީހުން އަދި އިޒްރޭލުން 13 މީހަކު މަރުވިއެވެ.
ދެންވެސް މަޞްރަޙު ހަމަޖެހޭ ގޮތެއް ނުވިއެވެ. 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިވެސް 3 ދުވަހަށް ދެމިގެން ދިޔަ ކުރިމަތިލުންތަކެއް ފެނުނެވެ. އެ ޙަމަލާތަކުގައި 44 މީހެއްގެ ފުރާނަ ގެއްލިދިޔައެވެ. އޭގެ ތެރޭގައި 15 ކުޑަކުދިންވެސް ހިމެނެއެވެ.
ޙަމާސް ޖަމާޢަތަކީ ހުޅަނގުގެ މީޑިއާތަކުން ކޮންމެ ގޮތަކަށް ސިފަކޮށްދެމުން ދިޔަ ކަމުގައި ވީ ނަމަވެސް، ފަލަސްޠީނުގެ މިނިވަންކަމުގެ ދިފާޢުގައި ތެދުވެ އޮތް ސާބިތު ހަރަކާތެކެވެ. އަމިއްލަ ފަސްގަނޑަށް ބިދޭސީންގެ ބަޔަކު އަތްގަދަ ކުރަމުން ދާ އިރު، މިނިވަންކަމުގެ ދިފާޢުގައި ތެދުވުމަކީ ޓެރަރިޒަމް ކަމުގައި ވާނަމަ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޤައުމު ކަމަށް ވަކާލާތު ކުރާ އެމެރިކާއިން އިސްލާމީ އަޣުލަބިއްޔަތު އޮންނަ ޤައުމުތައް ހަފުސް ކުރަމުން ދާ ދިއުމަށް ކިޔާނީ ކީކޭ ހެއްޔެވެ؟ އެއީ އަމިއްލަ ނަފުސުގެ ދިފާޢުގައި ތެދުވުން ކަމަށް ވާނަމަ، ޙަމާސްގެ ޢަމަލުތަކަށް އެހެން ގޮތަކަށް މާނަ ކުރަނީ ކޮން ހަމައަކުން ހެއްޔެވެ؟
ފަލަސްޠީނުގެ ބިންތަކުން ހިމާޔަތް ދިން ކަމަށްޓަކައި ޔަހޫދީ އިޒްރޭލަށް ކާންދިން އަތުގައި ދަތް އެޅީއެވެ. އެކަން ބަލަން ނޯވެ، އޮކްޓޯބަރ 7، 2023 ވަނަ ދުވަހު ޙަމާސް ޖަމާއަތުން އިޒްރޭލަށް ޙަމަލާތަކެއް ދީ، އިޒްރޭލުން ބަޔަކު ރަޙީނު ކުރިއެވެ. އޭގެ ރައްދުގައި ކަމަށް ބުނެ، ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ވަޢުދުވަމުން އިޒްރޭލުން ވަރުގަދަ ޙަމަލާތަކެއް ޣައްޒާއަށް ދޭން ފެށިއެވެ. އެ ޢުދުވާންތަކަށް 100 ވާ އިރު، މުޅި ޣައްޒާ ހަފުސްކޮށް ނިންމައިފިއެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މަގުމަތިކޮށްފިއެވެ. ލައްކައަކާ ގާތް ކުރާ ޢަދަދަކަށް މީހުން ޒަޚަމްކޮށްފިއެވެ. ޢުދުވާންތަކުގައި މި ދުނިޔެއާ ވަކިވި ފަލަސްޠީނު މީހުންގެ ޢަދަދުގެ 24000 އަށް އަރައެވެ. ގިނައީ ކުޑަކުދިންނެވެ. ޣައްޒާގެ ޖީލެއް ޔަޠީމުކޮށް، ނުކުޅެދޭ ބަޔަކަށް ހަދައިފިއެވެ.
ނިރުބަވެރި ޔަހޫދީންނާ ދެކޮޅަށް ތެދުވަން ކެރުނު ހަމަ އެކަނި ޤައުމަކަށް ވީ ދެކުނު އެފްރިކާއެވެ. ދެކުނު އެފްރިކާއިން އިޒްރޭލު ގޮވައިގެން ބައިނަލްއަޤުވާމީ ޢަދުލު އިންސާފުގެ ކޯޓު (އައިސީޖޭ) އާ ދެކޮޅަށް މައްސަލަ ވެއްދިއެވެ. ނަސްލު ދޮވެލުމުގެ ޤަތުލުޢާންމު ހިންގާ ކަމުގެ ދަޢުވާ އުފުލި ނަމަވެސް، އިޒްރޭލުން ފާޅުގައި އެކަމަށް އިންކާރު ކުރެއެވެ. ނަމަވެސް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ޢާންމު ބައިވެރިން މިއަދު އެ ޢުދުވާންތަކަށް އެހެން ނަމަކުން ރިޢާޔަތެއް ނުކުރެއެވެ.