ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 18:28
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރަސްމާލެ ތަރައްގީކުރުން
ރަސްމާލޭގައި ޗައިނާއިން 30،000 ހައުސިންގ ޔުނިޓް ގާއިމުކުރަނީ
 
ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ސަރަހައްދުތައް އާބާދުކުރުމަށް މަސައްކަތް ނުކުރާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައި
 
ރަސްމާލޭގައި އަސާސީ އެހެނިހެން ޚިދުމަތްތައް ގާއިމުކުރުމާގުޅޭ އެއްބަސްވުންތައް ހިމެނޭ
 
ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެއް ނޫން

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރަން ފަށާފައިވާ ރަސްމާލޭގައި ޗައިނާއިން 30،000 ހައުސިންގ ޔުނިޓް ގާއިމްކުރާނެ ކަމަށް، ދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިމަޝްރޫއު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުގައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު މުހިންމު 20 އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސޯޝަލް ހައުސިންގ ޕްރޮޖެކްޓް އޮން ފުށިދިއްގަރު ފަޅު، އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ފިޝަރީޒް ޕްރޮޑަކްޓްސް ޕްރޮސެސިންގ ފެކްޓްރީޒް، އެންޑް ރީޑިވެލޮޕްމެންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސްގެ އެއްބަސްވުން ހިމެނެއެވެ.

ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވި ރަސްމިއްޔާތެއްގައި، ރަސްމާލޭގައި ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު، ޑރ. ހައިދަރެވެ.

ބައެއްގެ މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ޗައިނާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި 30،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ނިންމާފައި ވާކަމަށެވެ. މި 30،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ނޫން ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނީ އެއްފަހަރާ ހުރިހާ ޔުނިޓްތަކެއްގެ މަސައްކަތް ކުރިއަށްދާގޮތަށް ކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ހައިދަރު ވިދާޅުވީ ރަސްމާލޭގައި އަސާސީ އެހެނިހެން ޚިދުމަތްތައް ގާއިމްކުރުމާގުޅޭ އެއްބަސްވުންތައް ހިމެނޭކަމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތާއި، މަގުތައް ތަރައްގީކުރުން ހިމެނޭ ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ޖުމްލަ 70 ހެކްޓަރު، ދިގު މުއްދަތަށް ދީގެންނެވެ. ބިން ދޫކުރުމަށް ނިންމައި، މަޝްރޫއު ފަށާފައިވާއިރު، ހުޅުމާލެއިން ދޫކުރި 10 ހެކްޓަރުގެ ބިމުގެ އަަގާއި ރަސްމާލެއިން ދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައިކަން، ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ސަރުކާރުން އޮޅުންފިލުވައިދީފައެއް ނުވެއެވެ.

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ގޮތުގައި އެ ސަރަހައްދު ތަރައްގީކުރުމަށެވެ. އެގޮތުން ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން 65000 ހައުސިން ޔުނިޓް ރަސްމާލޭގައި ތަރައްގީކުރާނެ ކަމަށް މިސަރުކާރުން ބުނެއެވެ.

ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ސަރަހައްދުތައް އާބާދުކުރުމަށް މިސަރުކާރުން މަސައްކަތް ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކާފައި އޮތްނަމަވެސް އެ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތެއް މިސަރުކާރުން ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް