ކ. މާލެ
|
8 ޖެނުއަރީ 2024 | ހޯމަ 16:54
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޓްވިޓަރ
އިންޑިއާ-ރާއްޖޭގެ މަސްރަހު
ވެރިކަމުގެ ހުންގާނުގައި ހިއްޕެވިތާ ތިން މަސް ހަމަނުވަނީސް އެ ޖެއްސެވީ ދުވަހަކުވެސް ފިލައިގެންނުދާނެ ލައްގަނޑެއް
ސަރުކާރުގެ ތިން ބޭފުޅަކު އެ ވިދާޅުވި ބަސްތަކުން މުޅި ރާއްޖެއަށާއި، ގިނަ އާއިލާތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ
ފަތުރުވެރިކަން ކުރިއަރުވަމުން ގޮސްފައިވަނީ ވަރަށް ވާދަވެރި މާހައުލެއްގެ ތެރެއިން
ބޮއިކޮޓް މޯލްޑިވްސް ހޭޝްޓެގްތައް ވަނީ އާންމުވެފައި

ބަސް ބުނުމުގެ ކުރިން، ބަހަކީ ތިބާގެ އަޅެކެވެ. ބަހެއް ބުނުމަށްފަހުގައި ތިބާއީ އެ ބަހުގެ އަޅެކެވެ. ތިމާ ބުނާ އެއްޗެއް ބުނަންވާނީ ވަރަށް ވިސްނާފައެވެ. ތިމާގެ ހައިސިއްޔަތާއި ބުނެވޭ އެއްޗަކުން ނިކުމެދާނެ ނަތީޖާއަށް ވިސްނާނުލައި، ބުނާ ބަސްތަކުގެ އަޅަކަށްވެ، އޭގެ ގެއްލުން ތިމާއާއި ވަށައިގެންވާ އެންމެނަށްވެސް ފޯރާފާނެއެވެ. ތެދެކެވެ. ސަރުކާރުގެ އޮފިޝަލުންތަކެއް ވިދާޅުވި ބަސްފުޅުތަކާ ގުޅިގެން އެކަމުގެ ގެއްލުން މުޅި ދިވެހިރާއްޖެއާއި ދިވެހިންނަށް މިވަނީ ކޮށްފައެވެ. މުޅި ރާއްޖޭގެ ރީތި ނަން ކިލަނބުވެއްޖެއެވެ. ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދީ ބާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޅުން އަރައިފިއެވެ. ވަކި ބްރޭންޑްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްގޮސްފައިވަނީ ވަކި ބަޔަކު ރެއާދުވާލު ކުރި ބުރަ މިންނަތް މަސައްކަތުންނެވެ. ނަމަވެސް ބައެއް ސިޔާސީ ބޭފުޅުންގެ ސަބަބުން މުޅި ސިނާއަތުގައި ރެނދުލައިގެން ދިއުމަކީ މި ސިނާއަތް ކުރިއެރުވުމަށް އުުމުރު ހުސްކޮށްލި މީހުން ނުހަނު ކަންބޮޑުވެސް ވާނެކަމެކެވެ. މި މަންޒަރުން ބަލަންވެސް އެމީހުން ހިތްދަތިވާނެއެވެ.

މުޅި ސޯޝަލް މީޑިޔާއިން މިއަދު ފެންނަނީ ބޮއިކޮޓް މޯލްޑިވްސް ހޭޝްޓެގްތަކެވެ. ބުކިންތައް ކެންސަލްކޮށްފައިވާ ލިޔުންތެކެވެ. ޔަގީނުން ވެސް މިކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނުކުރޭނެ ގޮތެއް އެއީ ނެތް ގޮތެކެވެ. މިސަރުކާރަށް ދިފާއުކުރާ ފަރާތްތަކުން އަދިވެސް ބުނަމުންދަނީ މިކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ނުކުރާނެ ވާހަކައެވެ. ނަމަވެސް މިގޮތަށް މިކަން ނުހިނގާނެ އެއްވެސް ގޮތެއް ނެތެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިވެރިންގެ ތެރެއިން އެންމެ ބޮޑު މާކެޓެއް އޮތީ އިންޑިއާގައި ކަމަށްވާތީއެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވެ، މިމައްސަލަ ބޮޑުވެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދީޕުގެ ރަށްތަކަށް ވަޑައިގެން، އެރަށްތަކުގެ ރީތިކަން ޕްރޮމޯޓުކުރާ ވީޑީއޯއެއް އާއްމުކުރި ހިސާބުންނެވެ. އެވީޑިއޯގައި އެގައުމުގެ ރީތިކަން ބަލައިލަން މީހުން އައުމަށް އެދިފައިވެއެވެ. ރާއްޖޭގެ ނަން ވެސް އެވީޑީއޯގައި ގެނެސްފައެއްނުވެއެވެ. އެހެންކަމުން މި ވީޑިއޯއިން ރާއްޖެއަށް ލިބޭނެ ގެއްލުމެއްވެސް ނެތެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ބުނެފައިވަނީ ޒަމާނުއްސުރެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަމުން ގޮސްފައިވަނީ ވަރަށް ވާދަވެރި މާހައުލެއްގެ ތެރެއިން ކަމަށެވެ. އެގޮތުން މީގެ ކުރިން ސްރީލަންކާއާމެދު ވެސް މިފަދަ ވިސްނުންތައް ގެންގުޅެފައިވާކަމަށެވެ. އަދި ކޮމްޕެޓިޓިވް (ވާދަވެރި) ޑެސްޓިނޭޝަންގެ ގޮތުގައި ދުށުމަށްވުރެ ކޮމްޕްލިމެންޓަރީ (އެކަތި އަނެކައްޗަށް ވާގިވެރިވާ) ޑެސްޓިނޭޝަންގެ ގޮތުގައި ބައެއް އަވައްޓެރިން ދެކެންޖެހޭ ކަމަށެވެ. ނަމަވެސް ހިތާމައަކީ މިހާރު އިންޑިއާގެ ޗެމްބަރ އޮފް ކޮމަރސްއިން ވެސް ވަނީ އެގައުމުގެ ފަތުރުވެރިން ގެންނަ ޖަމިއްޔާތަކަށް ފަތުރުވެރިން ނުގެންދިއުމަށް ގޮވާލާފައެވެ. އަދި ބޮއިކޮޓް މޯލްޑިވްސްއަށް ތާއީދުކޮށްފައެވެ.

މަސްލަހަތު މިހާބޮޑަށް ގޯސްވެފައިވާއިރު، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ ގައުމުތަކުގެ ވެރިންނަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ މަލާމާތާއި ހުތުރު ބަސްތައް ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ބަޔާނުގައި ވަކި ގައުމެއް ފާހަގަކޮށްފައެއް ނެތެވެ. މައާފަށް އެދިފައެއްވެސް ނުވެއެވެ. އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތު ނޫންކަން ފާހަގަކޮށް، އެއީ ޚިޔާލުފާޅުކުރުން ކަމަށްވެސް ސަރުކާރުން ވަނީ ސިފަކޮށްފައެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކަށް ބުރޫއަރާގޮތަށް ނަފްރަތު ފަތުރާނަމަ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ބޭއަދަބީކޮށް ކޮމެންޓް ކުރެއްވި ތިން ނައިބު ވަޒީރުންގެ އެކްސް އެކައުންޓުން އެއީ އަދިވެސް ސަރުކާރު ތަމްސީލުކުރާ އޮފިޝަލުންކަން ޔަގީންކޮށްދެއެވެ. އެހެންކަމުން މިކަމުގައި ސަރުކާރު މިއަށް ފުރިހަމައަށް ޖަވާބުދާރީވުމަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް ޒުވާނުންނާ ގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދު ސަސްޕެންޑް ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ގައުމާއި ސަރުކާރު ތަމްސީލު ކުރައްވާ ތިން ބޭފުޅަކު، އެ ވިދާޅުވި ބަސްތަކުން މުޅި ރާއްޖެއަށާއި ގިނަ އާއިލާތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ. ރައީސް މުއިއްޒު ވެރިކަމުގެ ހުންގާނުގައި ހިއްޕެވިތާ ތިން މަސް ހަމަނުވަނީސް އެ ޖެއްސެވީ ދުވަހަކުވެސް ފިލައިގެން ނުދާނެ ލައްގަނޑެކެވެ. އެހެންކަމުން އެބޭފުޅުން ވަޒީފާއިން ސަސްޕެންޑް ކުރުމުން އެކަންޏަކު ނުފުދެއެވެ. ގައުމާއި، ގައުމުގެ ސިނާއަތް ފުޑިގެންދާވަރުގެ ކަންކަން ކުރައްވާ ބޭފުޅުން މަގާމުތަކުން ބޭރުކުރަންޖެއެވެ. ގާބިލް، ގައުމީވަންތަކަން އިސްކުރާ އިލްމީ ބޭފުޅުން މަގާމުތަކަށް އައްޔަންކުރައްވާނެ ކަމުގެ ވައުދުފުޅާއެކު، ވެރިކަމަށް ވަޑައިގެންނެވި ރައީސް މި ވައުދުފުޅު ފުއްދަވާނެ އިރަކަށް ގިނަ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް