ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ރޮބާޓޯގެ ކޮންޓްރެކްޓް އައު ކުރަން ކޯޗު ޒަވީ ހަނާންޑޭޒް ބާރު އަޅަން ފަށައިފި އެވެ.
ޒަވީ މިކަމަށް އެދެން ފެށީ މި ސީޒަނަށް ފަހު ރޮބާޓޯ ދޫކޮށްލަން ބާސެލޯނާގެ ބޯޑުން ނިންމާފައިވަނިކޮށެވެ. އެއީ އޭނާގެ ކޮންޓްރެކްޓް ވެސް ހަމަވާތީ އެވެ. އެންމެ މުހިންމު ސަބަބަކީ އޭނާ އަކީ ފުރަތަމަ 11އިން ޖާގަ ނުލިބޭ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވެސް މާގިނައިން ފުރުސަތު ނުލިބޭ ކުޅުންތެރިއަކަށް ވުމުންނެވެ.
ނަމަވެސް ރޮބާޓޯ ވަނީ ބާސެލޯނާ އަށް ދިމާވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ޓީމުން ފުރުސަތު ހޯދައި ރަނގަޅު ކުޅުމެއް ދައްކައި ގޯލު ވެސް ޖަހަމުންނެވެ. ސްޕޭނުގެ ނޫސްތަކުން ބުނަނީ ރޮބާޓޯގެ ކޮންޓްރެކްޓް އާކުރަން ޒަވީ އެދެން ފެށީ ދެ ކަމަކާ ހެދި ކަމަށެވެ. އެއީ ބާސެލޯނާގައި އެކުލަބުގެ އެކަޑަމީން ގްރެޖުއޭޓްވެގެން އައި ކުޅުންތެރިން މަދުވުމާއި ކުލަބު އެނގޭ ލީޑަރޝިޕް ހުރި ކުޅުންތެރިން ޓީމުގައި ތިބެން ބޭނުންވާތީ ކަމަށެވެ.
ރޮބާޓޯ އަކީ ޒަވީ އާއި ލަޔޮނަލް މެސީ ކުޅުނު ދުވަސްވަރު ވެސް ބާސެލޯނާ އަށް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އަކީ ކުލަބާއި ސަޕޯޓަރުން އޭނާގެ އަގުވަޒަން ނުކުރާ ކުޅުންތެރިއެއް ކަމަށް ރޮބާޓޯ ސިފަކުރަ އެވެ.
ޒަވީގެ ހުށަހެޅުމާމެދު ބާސެލޯނާގެ މެނޭޖްމަންޓުން ވަކި ގޮތެއް ނުނިންމަ އެވެ. އަދި ކުލަބުގައި ދެމި ހުރުމާމެދު ރޮބާޓޯ ވެސް ވަކި އެއްޗެއް ނުބުނެ އެވެ.