އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އައު ކޯލް ސެންޓަރެއް ގާއިމްކޮށް ވުޒާރާއަށް ގުޅޭނެ އައު ނަންބަރެއް ތައާރަފް ކޮށްފިއެވެ.
އާދިއްތަ ދުވަހު އެ ވުޒާރާއިން ބުނީ 07 ޖެނުއަރި 2024 ގައި އައު ކޯލް ސެންޓަރެއް ގާއިމްކޮށް ވުޒާރާއަށް ގުޅޭނެ އައު ނަންބަރެއް ތައާރަފް ކުރެވިގެން ދިއުމާއެކު އިދާރާގެ ޚިދުމަތްތަކަށް އެދިގުޅާ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާ އެކު ޚިދުމަތް ދެވޭނެ ކަމަށެވެ. ކޯލް ސެންޓަރުގެ އައު ނަންބަރަކީ 1433 އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނީ ކޯލް ސެންޓަރުގެ މިނަންބަރަކީ މިއިދާރާއިން މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާއީ ޚިދުމަތްތަކާއިގުޅޭ ހެލްޕްލައިން 1421 އަދި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ހެލްޕްލައިން 1412ގެ އިތުރުން ތަޢާރަފުކުރެވުނު މުޅިން އައު ނަންބަރެކެވެ.
1421 އަދި 1412 އަކީ 24 ގަޑިއިރު ގުޅޭ ހެލްޕްލައިން ތަކަށް ވީނަމަވެސް 1433 ނަންބަރަކީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެގޮތުން 1433 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 01:30 އަށް ގުޅޭނެއެވެ. އަދި ކޯލު ނުނެގި ދާ ހާލަތްތަކުގައި ކޯލުގެ މަޢުލޫމާތު ވަކި ސިސްޓަމެއްގައި ރައްކާކުރެވި ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލްސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ބަދަލާއެކު ކޯލްސެންޓަރުގައި އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރެވި، މިސިސްޓަމުގެ ޒަރީއާއިން ކޮންމެ ކޯލެއް ލޮގު ކުރެވި، ކަމާއިގުޅޭ ފަރާތްތަކާއި މައުލޫމާތު ހިއްސާކޮށް އާންމުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ބުނެއެވެ. އަވަސްކަމާއި އިތުބާރާ އެކު އެންމެ ފަސޭހަވާނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އެ ވުޒާރާގެ އަމާޒެވެ. އަދި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކުގެ ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.