އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑީއޯ އެވޯޑް ހޯދައިދިނުމަށް ފްރާންސްގެ ޕީއެސްޖީން ނުފޫޒު ފޯރުވި މައްސަލަ ބަލަން ފަށައިފި އެވެ.
ބެލޮންޑީއޯ އެވޯޑަކީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި ފްރާންސްގެ މަޖައްލާއެއް ކަމަށްވާ ފްރާންސް ފުޓްބޯލްއާ ގުޅިގެން ދެމުން އަންނަ އެވޯޑެވެ. ދުނިޔޭގެ ހުރިހާ ކުޅުންތެރިން ވެސް އެންމެ ބޮޑަށް ކަޅިއަޅާ އެވޯޑަކީ ވެސް މިއީ އެވެ.
މައްސަލަ ޖެހިގެން އުޅެނީ 2021 ވަނަ އަހަރުގެ ބެލެންޑީއޯ އެވޯޑްގަ އެވެ. މިއީ މެސީ ހަތް ވަނަ ފަހަރަށް އެވޯޑް އުފުލާލި ފަހަރެވެ. އަދި މިއީ ބާސެލޯނާ ދޫކޮށް އޭނާ ޕީއެސްޖީ އަށް ބަދަލުވި އަހަރެވެ.
ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި މެސީ ޕީއެސްޖީ އަށް ބަދަލުވުމުން އެކުލަބުން ވަނީ މި އެވޯޑް މެސީ އަށް ހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. މި ގޮތުން އެވޯޑް މެސީ އަށް ހޯދައިދިނުމަށް އެންމެ ބޮޑު ރޯލެއް ކުޅުނު ކަމުގެ ތުހުމަތު ކުރެވެނީ ފްރާންސް ފުޓްބޯލްގެ ރައީސް ޕަސްކަލް ފެރޭ އަށެވެ.
މި ތުހުމަތުތަކަށް ބާރު ލިބުނީ ޕީއެސްޖީގެ އައު ކޮމިއުނިކޭޝަންސް އޮފިސަރަކަށް އޭނާ 2023ގައި އައްޔަން ކުރުމުންނެވެ. ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި މެސީ އަށް ބެލޮންޑީއޯ އެވޯޑް ހޯދައިދިނުމަށް ކުރި ކެމްޕޭންގައި ފެރޭ އަށް ވަނީ ކުލަބުގެ ދައުވަތަށް މެޗުތައް ބަލަން ވަޑައިގެންފަ އެވެ. މީގެ ތެރޭގައި ބޮރޫޝިޔާ ޑޯޓްމުންޑާއެކު 2020ގައި ސަޕޯޓަރުން ނުވައްދައި ކުޅުނު މެޗު ވެސް ހިމެނެ އެވެ. އަދި ގަތަރު އެއާވޭސްއިން 8986 ޔޫރޯ އަށްވާ ބިޒްނަސް ކްލާސް ޓިކެޓްވެސް ދީފައިވާ ކަމަށެވެ.
ޕީއެސްޖީ އަކީ ގަތަރުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ އެ ގައުމުގެ މަހުޖަނަކު ހިންގާ ކުލަބެކެވެ. އަދި ގައުމީ ކެޕްޓަނުންނާއި ކޯޗުންނާއި ހޮވާލެވޭ ނޫސްވެރިން ވޯޓުލައިގެން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ އަށް ހޯދައިދިނުމަށް ޕީއެސްޖީން ލޮބީ ކުރީ ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީގެ ކުރި ހޯދާނެކަން އެނގިގެންކަމަށް ވެސް ފްރާންސްގެ މީޑިއާތަކުން ބުނެ އެވެ.