ކ. މާލެ
|
30 ޖުލައި 2017 | އާދީއްތަ 07:49
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގެ ތަށި ބާސާ އިން އުފުލާލަނީ
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގެ ތަށި ބާސާ އިން އުފުލާލަނީ
ޓްވިޓަރ
ބާސާ އިން ރެއާލް ބަލިކުރުން
ރެއާލް ބަލިކޮށް އިންޓަނޭޝަނަލް ޗެމްޕިއަންސް ޓްރޮފީ ބާސާ އުފުލާލައިފި
ސްޕެއިންގެ ޗެމްޕިއަން ރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ބާސާ އިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުން
ރެއާލް މެޑްރިޑް އަދި ބާސެލޯނާ ދެން ވާދަކުރާނީ ސްޕެނިޝް ސުޕާ ކަޕްގައި

ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު އިންޓަނޭޝަނަލް ޗެމްޕިއަންސް ޓްރޮފީ ވާދަވެރި ބާސެލޯނާ އިން އުފުލާލައިފި އެވެ.

އާދީއްތަ ދުވަހު ސްޕެއިންގެ ޗެމްޕިއަން ރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ބާސާ އިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

އެމެރިކާގެ ފްލޮރިޑާގައި ކުޅުނު ފައިނަލް މެޗު ފެށިގެން ތިންވަނަ މިނެޓުގައި ބާސާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ތިން ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ.

މި ލަނޑަށްފަހުވެސް ބާސާ އިން ދިޔައީ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ހަތްވަނަ މިނެޓުގައި އިވާން ރަކިޓިޗް ކާމިޔާބުކޮށްދިން ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ރެއާލް އިން ވަނީ މެޗުގެ ވަކި ހިސާބަކުން ކޮންޓްރޯލް ހޯދާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރީ 14 ވަނަ މިނެޓުގައި މަޓިއޯ ކޮވަސިޗް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށްފަހުވެސް ރެއާލް އިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ.

އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މާކޯ އެސެންސިއޯ އެވެ. ފުރަތަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފަށް ދެޓީމުވެސް ނިކުތީ ގިނަ ބަދަލުތަކާއެކުގަ އެވެ. ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ބާސާއިން ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މި ލަނޑު 50 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް ޕީކޭ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ.

ރެއާލް އަދި ބާސާ ދެން ވާދަކުރާނީ ސްޕެނިޝް ސުޕާ ކަޕްގައެވެ. މި މެޗުގެ ފުރަތަމަ ލެގު އަންނަ މަހުގެ 14 ވަނަ ދުވަހު ކުޅޭއިރު، ދެވަނަ ލެގު ކުޅޭނީ 16 ވަނަ ދުވަހެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް