ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 23:09
ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކުރި ފެތުންތެރިން
ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކުރި ފެތުންތެރިން
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ފީނާ ވޯލްޑް ޗެމްޕިއަންޝިޕް
ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
ރެކޯޑް އައު ކޮށްފައިވަނީ 04:31.24 އިން ރޭސް ފުރިހަމަ ކޮށްގެން
މިއީ 44.52 ސިކުންތުގެ ކުރިއެރުމެއް

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ކުރިއަށްދާ 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ފެތުންތެރިން، 4 ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ.

 

ރާއްޖެ ޓީމުގައި ހިމެނޭ މުބާލް އައްޒާމް އިބުރާހިމް އާއި، އިސްމާއީލް މުއުތަސިމް އަދުނާން އާއި، އައިމިނަތް ޝަޖަން އަދި އައިޝަތް ސާޖިނާ، މި ރެކޯޑް އާކޮށްފައިވަނީ 44.52 ސިކުންތުގެ ކުރިއެރުމަކާއި އެކުގައެވެ. ރާއްޖެ ޓީމުން ރޭސް ފުރިހަމަ ކޮށްފައިވަނީ 04:31.24 އިންނެވެ.

 

މި އިވެންޓުން އެންމެ ފަހުން ގައުމީ ރެކޯޑް ހަދާފައިވަނީ 2016 ވަނަ އަހަރުގެ ސައުތް އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްގައެވެ. ދިވެހި ޓީމުން އެފަހަރު ރޭސް ނިންމާފައިވަނީ 05:15.76 އިންނެވެ.

 

ބުޑަޕެސްޓްގައި ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖެ ޓީމުން ގޮސްފައިވަނީ އަވައްޓެރި ސްރީލަންކާގައި ޓްރެއިނިންގް ކޭމްޕެއް ފުރިހަމަ ކޮށްފައެވެ. އެގޮތުން ރާއްޖެ ޓީމުން ވަނީ މި މުބާރާތުގައި، ބުރާސްފަތި ދުވަހު، 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑްވެސް އާ ކޮށްފައެވެ.

 

ދިވެހި ޓީމުން މި އިވެންޓުގެ ގައުމީ ރިކޯޑް އައުކޮށްފައިވަނީ 05:07.35 އިން ރޭސްފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑްވެސް އެންމެ ފަހުން އާކޮށްފައި ވަނީ 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕް ގައެވެ. އެފަހަރު 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ 05:26.02 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

 

ދިވެހި ޓީމް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

- ކޮމެންޓް