މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ހައްޔަރުކުރި ތިން މީހުން ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ކެފޭއެއް ބަލައިފާސްކޮށް، ބަނގުރަލާއެކު ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިޔާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ކެފޭ ބަލައިފާސްކުރިއިރު 7 ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ. އަދި އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައިފާސްކޮށް، 34 ފުޅި ބަނގުރަލާއެކު 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލުމާއި ގުޅިގެން އެމީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މިމައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.