ސައޫދީ ޕްރޯ ލީގުގެ އެހެން ޓީމުތައް ވަރަށް ގަދަ ކަމަށާއި އެ ޓީމުތަކާ އެއް ސަފެއްގައި އަލް އިއްތިފާގަށް ހިފަހައްޓާ ލެވޭނީ ޓީމު ވަރުގަދަކޮށްގެން ކަމަށް ކޯޗު ސްޓީވަން ޖެރާޑް ބުނެފި އެވެ.
އޭނާ މިހެން ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރު އަތުން ބަލިވެ އެއްވަނައިގައިވާ އަލް ހިލާލަށްވުރެ 26 ޕޮއިންޓް ފަހަތުން އަށް ވަނައަށް ޓީމު ދިއުމުންނެވެ.
ޖުލައި މަހު ޓީމާ ހަވާލުވުމަށްފަހު ޖެރާޑް ވަނީ ހަތަރު ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ލިވަޕޫލަށް ކުޅުނު ނެދަލޭންޑްސް މިޑްފީލްޑް ޖިއޯޖިއޯ ވަނައިލްޑަމް އާއި މޫސާ ޑެމްބެލޭ އެވެ. މީގެ ތެރެއިން ޑެމްބެލޭ އަކީ ހަތް ގޯލު ޖަހައިގެން ޓީމުގެ ޓޮޕް ސްކޯރަރެވެ. ޖެރާޑް ބުނީ ޑެމްބެލޭ އަށް އަނިޔާވެ މެޗުތަކެއް ގެއްލުމުން ޓީމު މޮޅުނުވުމާއި ޓީމުގެ ބަލިފައިތައް އިތުރަށް ދެނެގަނެވިއްޖެ ކަމަށެވެ.
"ޓީމަށް ގެނައި ކުޅުންތެރިންގެ ފުށުންނާއި ސައޫދީގެ ކުޅުންތެރިންގެ ފުށުން ރަނގަޅު ކަންކަން ފެނިގެންދިޔަ. އެކަމަކު ޑެމްބެލޭ އަށް އަނިޔާވި ހިސާބުން ޓީމުގެ ބަލިފައިތައް އެނގެން ފަށައިފި. އަހަރުމެންގެ ވާދަވެރި ޓީމުތައް ދަނީ ގަދަ ކުރަމުން. މިހެންވެ އަހަރުމެން ވެސް ޓީމު ވަރުގަދަކޮށްގެން ވާދަކުރެވޭނީ،"ޖެރާޑް ބުންޏެވެ.
ޖެރާޑް ބުނީ އޭނާގެ ވަޒީފާ ގެއްލިދާނެ ކަމަށް އެއްވެސް އިރަކު ނުވިސްނާ ކަމަށާއި ޓީމަކަށް ނަތީޖާ ނެރެވޭނީ ކޯޗަކަށް ރަނގަޅު ކުޅުންތެރިން ލިބި ޓީމާއެކު މަސައްކަރް ކުރަން ވަގުތު ލިބިގެން ކަމަށެވެ. އަދި އޭނާގެ ޓީމަކީ ސައޫދީގެ އެންމެ މުއްސަނދި ޓީމު ނޫން ކަމަށާއި އަލް އިއްތިފާގަށްވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ އަދި މާލީ ފުދުންތެރިކަން ބޮޑު ޓީމުތައް އެބަތިބި ކަމަށެވެ.