ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 14:48
ޔަމަނުގެ އުތުރުގެ ބޮޑު ސަރަޙައްދެއްގެ ކޮންޓްރޯލް އޮންނަނީ ޙޫޘީ ހަނގުރާމަވެރިންގެ އަތް ދަށުގައި
ޢަދަން ބަނދަރު
އިޒްރޭލުގެ ޤަތުލުޢާންމު ނުހުއްޓާހާ ހިނދަކު އޮޑިފަހަރަށްވެސް ރައްކަލެއް ނެތް! ހުރިހާ ވޭނެއް ރައްޔިތު މީހާއަށް!
 
ޙޫޘީ ހަނގުރާމަވެރިންގެ ޙަމަލާތަކާ ހެދި ޝިޕިންގް އަގުތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، މި ޙަމަލާތަކާ ހެދި ފްރެއިޓް އަގުވެސް 150 ޕަސެންޓާއި 200 ޕަސެންޓާ ދެމެދު މިންވަރަކަށް ވަނީ އުފުލިފައި
 
މިދިޔަ ދުވަސްތަކަށް ބަލާއިރު، މީގެ ކުރިން ޢަދަންގެ ބަނދަރަށް ގާތް ކުރި ގިނަ ޢަދަދު ބޯޓުފަހަރު ގާތް ކޮށްފައި ވަނީ ޙުދައިދާ ބަނދަރަށް

ޔަހޫދީ އިޒްރޭލުން ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުން ގެންދާ ނިރުބަވެރި ޢުދުވާންތަކުގެ އަސަރު ހަމަ ރަނގަޅަށްވެސް ފަލަސްޠީނުގެ ސަރަޙައްދީ އިން ހުރަސްކޮށް އެހެން ސަރަޙައްދުތަކަށް ފެތުރިއްޖެއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ކަނޑާއި، އެއްގަމާއި މައިގެ މަގުން ސީދާ ގޮތުން ދެ އަސްކަރީ ޙަމަލާއެއްގެ ޝިކާރައަކަށް ނުވި ކަމުގައި ވީ ނަމަވެސް، އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަން ފެށި ޤަތުލުޢާންމުގެ ބިޔަ ރާޅުތައް ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ހެން މިއަދު ވަނީ ފެތުރެން ފަށާފައެވެ. މެދުއިރުމަތީގެ ޙައްސާސް ކަނޑުއޮޅިތަކާއި، އިސްތިރާޖީ ގޮތުން މުހިންމުކަން ބޮޑު ބަނދަރުތައް ހުރަސްކޮށެވެ.

ދައްކަން މި އުޅެނީ ޔަމަނުގެ ދެކުނުގައި އޮންނަ، އިސްތިރާޖީ ގޮތުން މުހިންމު ބަނދަރެއް ކަމަށް ވާ ޢަދަންގެ ވާހަކައެވެ. ޢަދަން މަގުން ދަތުރު ކުރާ ކަނޑުބޯޓުފަހަރުގެ ޢަދަދު މިހާރު ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް މަދުވެފައެވެ. ސަބަބަކީ ރެޑް ސީގައި އުފެދިފައިވާ ފިތުނައިގެ ހުޅުގަނޑު ގަދަވުމެވެ. ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ހަނގުރާމަވެރިން، އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ ބޯޓުފަހަރަށް ދެމުންދާ ޙަމަލާތަކާއެކު، އެ ސަރަޙައްދުން ދަތުރު ނުކޮށް ވޭތޯ ބޯޓުފަހަރުތަކުން މަސައްކަތް ފަށާ، ދަތުރުތަކުގެ ރާސްތާއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ރެޑް ހުރަސް ކުރަމުން ދިޔަ ވިޔަފާރި ބޯޓަކަށް އެންމެ ފަހުން ދިން ޙަމަލާތަކާއި، ރެޑް ސީގެ އުތުރުގެ ބަޔަކާ ގުޅިފައި އޮންނަ އިޒްރޭލުގެ އީލާތަށް ދާދި ފަހުން ދިން ޙަމަލާތަކުގެ ޒިންމާ، ޙޫޘީ ހަނގުރާމަވެރިން ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި އުފުލާފައެވެ. މީގެ ކުރިންވެސް ޙޫޘީއިންވަނީ ރެޑް ސީ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ބޯޓުފަހަރަށް ޙަމަލާ ދީފައި ވާނެ ކަމަށް ޢިއުތިރާފުވެފައެވެ.

އެފަދަ ޙާދިޘާތައް ތަކުރާރުވާން ފެށުމާއެކު ކަނޑުބޯޓުފަހަރުތަކުން ކުރަން ޖެހޭ ދަތުރުތަކުގެ ސަލާމަތާއި ރައްކާތެރި ކަމާ މެދު ވަނީ ސީރިއަސް ދަރަޖައަކަށް ކަންބޮޑުވުން އުފެދިފައެވެ. ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤުވާމީ ފެންވަރެއްގައި، ކަނޑު އުޅަނދުފަހަރުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫ އަރަން ފަށާފައެވެ.

ބާބް އަލް-މަންޛީބު ނުވަތަ މަންޛީބު ދޮރޯށީގެ އިރުން އޮންނަ ޢަދަންއަކީ މެދުއިރުމައްޗަށް އަބަދުވެސް މުހިންމު ބަނދަރެކެވެ. ބާބް އަލް-މަންޛީބުއަކީ ރެޑް ސީއާއި ޢަދަންގެ ކަނޑުއޮޅި ގުޅާލަދޭ މައި ދޮރޯއްޓެވެ. އެ ރާސްތާއަކީ މުދާ އުފުލާ ކަނޑުބޯޓުފަހަރާއި ތެޔޮ ޓޭންކަރުތަކުގެ ދަތުރުތަކަށް އިންތިހާއަށް މުހިންމު ރާސްތާއެކެވެ.

ޢަދަންގެ ބަނދަރު އޮންނަނީ، ބައިނަލްއަޤުވާމީ މައި ޝިޕިންގް ރޫޓުތަކާ އިންތިހާ ކައިރީގައި ކަމުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލާ އެތައް ކުންފުންޏަކުން، ޓްރާންސިޓް އަދި މުދާ ބަރުކުރުމުގެ މައި ބަނދަރެއްގެ ގޮތުގައި އެ ބަނދަރުގެ ބޭނުން ދަނީ ކުރަމުންނެވެ.

ނަމަވެސް ރެޑް ސީ ސަރަޙައްދުގެ މަސްރަޙު ހޫނުވުމާއެކު ގިނަ ޢަދަދެއްގެ ކުންފުނިތަކަކުން މިހާރު ވަނީ އެ ކުންފުނިތަކުގެ ބޯޓުފަހަރު ދަތުރު ކުރާ ރާސްތާއަށް ބަދަލުތަކެއް ގެނެސްފައެވެ. ޢަދަންގެ ބަނދަރަށް ކައިރި ނުކޮށް، އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް މަގުން ބޯޓުފަހަރު ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިދިޔަ ދުވަސްތަކަށް ބަލާއިރު، މީގެ ކުރިން ޢަދަންގެ ބަނދަރަށް ގާތް ކުރި ގިނަ ޢަދަދު ބޯޓުފަހަރު ގާތް ކޮށްފައި ވަނީ ޙުދައިދާ ބަނދަރަށެވެ. ނަތީޖާއެއްގެ ގޮތުން، ޢަދަންގެ ކަނޑުބޯޓުފަހަރުގެ ޓްރެފިކް މަދުވެ، އަވަށްޓެރި ބަނދަރުތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރު ވަނީ ފޯރަން ފަށާފައެވެ.

ޢަދަން ބަނދަރުގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން، މުޙައްމަދު އަމްޒަރުބާ ވިދާޅުވީ، މިކަމުގެ ސަބަބުން އިޒްރޭލާއި ފަލަސްޠީނުގެ މައްސަލައަށް ސީދާ އަސަރެއް ނުފޯރި ކަމުގައި ވީ ނަމަވެސް، އަވަށްޓެރި ޤައުމުތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށެވެ.

ރެޑް ސީގައި އުފެދިފައިވާ ފިތުނައިގެ ހުޅުގަނޑު އިތުރަށް ގަދަވާންވެއްޖެނަމަ، އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ފަރާތްތަކުން ޔަމަނުގެ ބަނދަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށާ، އެކަމަކުގެ ސަބަބުން ބަނދަރުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، ކާބޯތަކެތީގެ އަގުތައް އުފުލުން ފަދަ ސީރިއަސް މައްސަލަތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު، މުޙައްލިލުން މިހާރުވެސް ވަނީ ދީފައެވެ.

ޢަދަންގައި ޝިޕިންގ ކުންފުންޏެއް ހިންގަމުން އަންނަ ޢަބްދުލް ޙަކީމް އަލް-ޙަކީމީ ފާހަގަ ކުރި ގޮތުގައި، ޝިޕިންގް ކުންފުނިތަކަށް މިހާރުވެސް ވަނީ މި ޙައްސާސް ކަމުގެ ގެއްލުންދެނިވި އަސަރުތައް ފޯރަން ފަށާފައެވެ.

ޙޫޘީ ހަނގުރާމަވެރިންގެ ޙަމަލާތަކާ ހެދި ޝިޕިންގް އަގުތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފި. މި ޙަމަލާތަކާ ހެދި ފްރެއިޓް އަގުވެސް 150 ޕަސެންޓާއި 200 ޕަސެންޓާ ދެމެދު މިންވަރަކަށް އުފުލިއްޖެ. އެއީ ރެޑް ސީ ސަރަޙައްދުން ކަނޑުބޯޓުފަހަރު ދަތުރު ކުރުމުގައި އޮތް ނުރައްކާ ބޮޑުވީމަ. އިންޝުއަރަންސް ފީވެސް 100 ޕަސެންޓް ބޮޑުވެއްޖެ. މިކަންކަމާ ހެދި ޔަމަނަށް ގެންނަ މުދަލުގެ އަގުތައްވެސް ވަރަށް ބޮޑަށް އުފުލިއްޖެ. އެހެންވެ، މުދާ ވިއްކާ އަގުތައްވެސް އުފުލަން މަޖުބޫރު.
ޢަބްދުލް ޙަކީމް އަލް-ޙަކީމީ؛ ޢަދަންގެ ޝިޕިންގް ކުންފުންޏެއްގެ ވެރިޔާ

ޢަރަބި ކަނޑާއި ރެޑް ސީ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރުގެ ތެރެއިން އިޒްރޭލާ ގުޅުން ހުރި ބޯޓުފަހަރަށް ޙޫޘީ ހަނގުރާމަވެރިން ޙަމަލާތައް ދޭން ފަށާފައި ވަނީ، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމަށް ނިމުން ގެނެސް، ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ސަޕްލައި ކޮށްދިނުމަށް ޑިމާންޑް ކޮށެވެ.

ޔަމަނުގެ އުތުރުގެ ބޮޑު ސަރަޙައްދެއްގެ ކޮންޓްރޯލް އޮންނަނީ ޙޫޘީ ހަނގުރާމަވެރިންގެ އަތް ދަށުގައެވެ. ވެރިރަށް ސަންއާއާއި އިސްތިރާޖީ ގޮތުން މުހިންމު ބަނދަރު ސިޓީއެއް ކަމަށް ވާ ޙުދައިދާވެސް އޮންނަނީ ޙޫޘީންގެ ކޮންޓްރޯލްގެ ދަށުގައި ވާ ސަރަޙައްދުގައެވެ. މި ދެންނެވި ސަރަޙައްދަކީ މުޅި ދުނިޔޭގެ ނިސްބަތުން، ވިޔަފާރީގެ 12 ޕަސެންޓް، އެ ރާސްތާއިން ދަތުރު ކުރާ ސަރަޙައްދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް