ކ. މާލެ
|
26 ޑިސެންބަރ 2023 | އަންގާރަ 15:54
ވެލެންސިޔާގެ އާ ޗެއަރމަން، އަޒްމީން
ވެލެންސިޔާގެ އާ ޗެއަރމަން، އަޒްމީން
ވެލެންސިޔާއަށް އާ ޗެއަރމަނެއް
ވެލެންސިޔާގެ ޗެއަރމަންކަމަށް، ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ކުރީގެ ނޫސްވެރިޔާ އަޒްމީން
ވެލެންސިޔާގެ ޗެއަރމަންކަން ހުސްވީ ކުރީގެ ޗެއަރމަން އިސްތިއުފާ ދެއްވުމުން

ކްލަބް ވެލެންސިޔާގެ އާ ޗެއަރމަނަކަށް، އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމްގައި ހުންނެވި, ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން އައްޔަން ކުރައްވައިފިއެވެ.

ވެލެންސިޔާގެ ޗެއަރމަންގެ މަގާމް ހުސްވީ, އެމަގާމުގައި ކުރިން ހުންނެވި ރަސްލާން އަދީލް ޖަލީލް އިސްތިއުފާ ދެއްވުމުންނެވެ. ރަސްލާނަކީ ވެލެންސިޔާގެ ކުރީގެ ޗެއަރމަން އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮއްކޮއެވެ. ވެލެންސިޔާގެ އާ ޗެއަރމަނަކަށް، ކްލަބުގެ ހިންގާ ބޯޑުން އަޒްމީން އައްޔަންކުރައްވާފައި މިވަނީ ބައްސާމުގެ އިތުބާރު އެއިދާރާގެ އެކްސްކޯއަށް ގެއްލިފައި ވަނިކޮށެވެ. އަދި އެފްއޭއެމްއިން އާ އިންތިޚާބެއް އިއުލާނުކޮށްފައި ވަނިކޮށެވެ. ނަމަވެސް އާ އިންތިޚާބަކަށް އިއުލާންކުރީ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ނޫންކަމަށް ބުނެ ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ.

ވެލެންސިޔާގެ އާ ޗެއަރމަނަކަށް އައްޔަންކުރެއްވި އަޒްމީނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅިވަރު ނޫސްވެރިޔާއެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ޒުވާނުންގެ އިނާމާއި ގައުމީ އިނާމުވެސް ހާސިލްކުރައްވާފައެވެ. ޚާއްސަކޮށް، ފުޓްބޯޅަ ކޮމެންޓްރީއާއި ކުޅިވަރުގެ ދިރާސާތައް ކުރުމުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ބޭފުޅަކީވެސް އަޒްމީނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔާބީކަމަށްވާ، 2008 ވަނަ އަހަރު ހޯދި ސާފް ޗެމްޕިއަންޝިޕަށް ޚާއްސަ ފޮތެއްވެސް އޭނާ ވަނީ ޝާއިއުކުރައްވާފައެވެ. އަޒްމީނަކީ ނޫސްވެރިއެއްގެ އިތުރުން މޮޅު ޕްރެޒެންޓަރެއްވެސް މެއެވެ.

އޭނާއަކީ އަބަދުވެސް ކްލަބް ވެލެންސިޔާގެ ސަޕޯޓަރެކެވެ. އަދި ރަސްމީކޮށް ނޫސްވެރިކަން ދޫކޮށްލެއްވުމަަށްފަހު ކްލަބް ވެލެންސިޔާ ހިންގެވުމުގައި އިދާރީގޮތުން ގެންދަވަނީ އަމަލީގޮތުން މަސައްކަތް ކުރައްވަމުންނެވެ. އޭއެފްސީކަޕްގައި އެ ކްލަބުގެ މީޑިޔާ އޮފިޝަލުގެ ގޮތުގައިވެސް ވަނީ މަސައްކަތްކުރައްވާފައެވެ.

ކްލަބް ވެލެންސިޔާގެ ޗެއަރމަންކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަޒްމީން ވިދާޅުވީ، ކްލަބަށް ރަނގަޅު ގޮތް ހޯއްދަވައިދެއްވުން ނޫން އެއްވެސް ނިޔަތެއް, ވިސްނުންފުޅެއްވެސް ނެތްކަމަށެވެ. ކޮންމެ ފުރުސަތެއްގައިވެސް މަސައްކަތްކުރައްވާނީ ވެލެންސިޔާ ވެލެންސިޔާގެ ގޮތުގައި ބޭއްވުމަށް ކުރެއްވެން އޮތް ކޮންމެ މަސައްކަތެއް ކުރެއްވުމަށް ކަމަށެވެ.

ވެލެންސިޔާގެ ސަޕޯޓަރުންނަށްޓަކާ, ވެލެންސިޔާއަށްޓަކާ މަސައްކަތްކުރުން ނޫން ވިސްނުމެއް ނޯންނާނެ. އެނޫން މަގަކަށް ކުރާނެ މަސައްކަތެއްވެސް ނޯންނާނެ
އަބުދުالله އަޒްމީން/ ވެލެންސިޔާގެ ޗެއަރމަން

ވެލެންސިޔާ މިހާރު އޮތީ މުބާރާތެއްގައި ވާދަކޮށްނުވެލޭ ވަރަށް ނިކަމެތި ވެފައެވެ. ސްކޮޑް ހަމަނުވެ މިސީޒަންގެ ލީގުގެ ދެވަނަ ބުރުންވެސް ވަކިވީއެވެ. ވެލެންސިޔާއަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އަދި އެންމެ ކާމިޔާބު އެއް ކްލަބެވެ. މުސާރަ ދީގެން ކުޅުންތެރިން ލައްވާ ކުޅުވަން ފެށި ޓީމަކީވެސް ވެލެންސިޔާއެވެ. ނަމަވެސް މިހާރު އެ ކްލަބުވެސް އޮތީ މާލީ ގޮތުން އިނދަޖެހިފައެވެ.

އަޒްމީން، ކުރިން ވެލެންސިޔާގެ އޮފިޝަލެއްގެ ގޮތުގައި
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް