ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 10:27
ހަށިތައް ރައްކާ ކުރަނީ މޯގްގެ އައިސްއަލަމާރީގައި، އެތައް ހަފުތާއެއް ވަންދެން އެ އައިސްއަލަމާރީގައި ހަށިތައް ހުރޭ
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
ނާޞިރު ހޮސްޕިޓަލުގެ މޯގްގައި ވަގުތުކޮޅެއް...ހަނދާނުން ފޮހެނުލެވޭނެ އެތައް މަންޒަރަކާއި އަޑުތަކެއް!
 
މޯގްގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި ހަށިގަނޑުގެ ގުނަވަންތައް ނެތި ފެނުމުން، ނަފުސާނީ ގޮތުން ހަމައަކަށް އެޅިލަން އެތައް ގަޑިއިރެއް ނަގާ، އެކަހަލަ ޝޮކަކުން އަރައިގަންނަން
 
ކަށުކަމާ ކެމީގެ ކަންކަމާއި، ޖަނާޒާގެ ކަންކަމާ ހިސާބަށް ގެންދެވެނީ އެއީ ކާކުގެ ހަށިގަނޑެއްކަން ދެނެގަނެވޭ ހިސާބުން، ނަމަވެސް ކާކުކަން ނޭނގޭ ހަށިގަނޑުތައް ވެސް އެބަހުރި

ނިރުބަވެރި އިޒްރޭލުން، ނަސްލު ދޮވެލުމުގެ ވަރުގަދަ ޤަތުލުޢާންމެއް ހިންގަމުން ދާ ޣައްޒާގެ ކޮންމެ ހިސާބަކަށް ބަލައިލި ކަމުގައި ވީ ނަމަވެސް ފެންނަނީ ހިތްފަޅައިގެން ދާ ފަދަ މަންޒަރުތަކެކެވެ. ޢުދުވާންތަކަށް 70 އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް މިއިން އެއްވެސް މަންޒަރަކަށް ދުނިޔޭގެ ލޯތައް އާދައެއް ނުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޣައްޒާއިން ފެންނަ މަންޒަރުތަކަކީ، އަދުގެ 21 ވަނަ ޤަރުނުގައި އިންސާނުންތަކަކަށް ކުރިމަތިލާން ޖެހިދާނެއޭވެސް ބަޔަކު ހީކުރި ފަދަ މަންޒަރުތަކެއް ނޫނެވެ.

ޣައްޒާގެ ދެކުނުގައި ހުންނަ ނާޞިރު ހޮސްޕިޓަލުގެ މޯގް، ނުވަތަ ޤަބުރު ފިނިކުރާ ކޮޓަރީގެ މަންޒަރުތަކެއް ހިއްސާކޮށްލެވޭތޯ ބަލާނަމެވެ. އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި، ކަނޑާއި ވައިގެ މަގުން ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މި ދުނިޔެ ދޫކުރާ މީހުންގެ ހަށިތައް ހުދު ކަފުނުގައި ނިވާ ކުރުމުގެ މަސައްކަތް ކުރިއަށް ދާ ތަނަކީވެސް އެއީއެވެ.

އަހަރެމެން މިތާ މަސައްކަތް ކުރަން ކޮންމެ ދުވަހަކު. މިއަށްވުރެ އުނދަގޫ އެހެން ކަމެއް ނޯންނާނެ. ކޮންމެ ދުވަހަކު މިތާ މަސައްކަތް ކުރާ އިރުވެސް އަހަރެމެން ތިބެނީ ސިހިސިހި. ބައެއް ފަހަރު އެބަ ފެނޭ އަމިއްލަ މައިންބަފައިން ޝަހީދުވެގެން ގެނެސްފަ އޮންނަ މަންޒަރުވެސް. ބުރިބުރިވެފައިވާ ހަށިތަކާއި، އަތްފައިގެ ބައިބައިވެފައިވާ ގުނަވަންތައްވެސް އެބަ ފެނޭ. އަހަރަމެންނަށް މި ފެންނަނީ އިޒްރޭލުގެ ޢުދުވާންތަކުގެ ޝިކާރައަކަށް ވާ މީހުންގެ ހަށިތައް. ދުވަނީ ބަޑިބޭސް ވަސް. ލޭ ވަސް. އަހަރަމެންނަށް މި ފެންނަނީ މި ޤަތުލުޢާންމުގެ އެންމެ ހިތްދަތި މަންޒަރު. ޝަހީދުންގެ މައިންބަފައިންގެ ހިތުގަ އަޅާ ވޭންވެސް އަހަރެމެންނަށް އެބަ ފެނޭ.
ޙަމަދު ޙަސަން އަލް-ނައްޖާރު؛ މޯގްގައި މަސައްކަތް ކުރާ މީހެއް

މޯގްގައި ތިބި ޖަމާޢަތްތެރިންނަށް މިއީ ބުރަ ދުވަސްވަރެކެވެ. މުވައްޒަފުންގެ ޢަދަދު ވަނީ ރެކޯޑް މިންވަރަކަށް މަދު ވެފައެވެ. ނުވިތާކަށް، މަރުވެފައި ވާ މީހުންގެ މަޢުލޫމާތު އެއް ކުރުމުގައިވެސް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން މަޖުބޫރުވެފައެވެ. ހަށިގަނޑަށް ބަލައިލުމަށް ފަހު އެއި ކާކުގަން ދެނެނުގަނެވޭ މީހުންނާއި، ލައިގެން ހުރި އަންނައުނުގެ އެއްވެސް ހިސާބެއްގައި، ނުވަތަ ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި އެއީ ކާކުކަން އަންގައިދޭ ލިޔެކިޔުމެއް ނެތް މީހުންނަކީ ކޮން ބައެއްކަން ދެނެގަތުގައި މޯގްގެ މުވައްޒަފުން އުފުލަމުން ދާ ބުރައަކީ ބަޔާންކުރަން ދަތި ތަކުލީފެކެވެ.

މިތާ މިއޮތީ ކާކުކަން ދެނެނުގަނެވި އޮތް ޝަހީދެއްގެ ހަށިގަނޑު. މިތާ މި ހަށިގަނޑު އޮންނަތާ މިހާރު 2 ހަފުތާ ވެއްޖެ. މިއޮތީ ސައިކަލީގަ ޑިސެމްބަރު 16ގަ ޝަހީދުވި މީހެއްގެ ހަށިގަނޑު. މިއަދު މީ ޑިސެމްބަރު މަހުން 20 ވަނަ ދުވަސް. 4 ދުވަސް ވީއިރުވެސް ކާކުކަން ދެނެގަނެވޭ ގޮތެއް ނުވި. މީވެސް ހަމަ އެކަހަލަ ކޭހެއް. އެހެން ނޫނީ ހަމަ ހުރިހާ ޤަބުރުތަކެއްވެސް ވަގުތުން ވަޅުލާނެ. ޢާއިލާތަކުން އެއީ ކާކުކަން ދެނެގަނެ ޙަވާލުވާ ހިސާބުން. ނޫނީ، ހަށިގަނޑުގެ ކޮންމެވެސް ހިސާބަކުން އެއީ ކާކުކަން ދެނެގަނެވޭ ހިސާބުން.
ޙަމަދު ޙަސަން އަލް-ނައްޖާރު؛ މޯގްގައި މަސައްކަތް ކުރާ މީހެއް

އެވަރުން އަދި ނިމުނީއެއް ނޫނެވެ. ޢުދުވާންތަކުގައި ބައެއް މީހުންގެ ހަށިތައް ވަނީ ބުރިބުރިވެ، އެޔެއް މިޔެއް ވަކި ނުވާ ވަރުވެފައެވެ.

ކަށުކަމާ ކެމީގެ ކަންކަމާއި، ޖަނާޒާގެ ކަންކަމާ ހިސާބަށް ގެންދެވެނީ އެއީ ކާކުގެ ހަށިގަނޑެއްކަން ދެނެގަނެވޭ ހިސާބުން އެކަންޏެވެ. ނުވަތަ ޢާއިލާއަކުން ހަށިގަނޑާ ޙަވާލުވާ ހިސާބުންނެވެ. އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި މި ދުނިޔެ ދޫކުރާ މީހެއްގެ ލިސްޓަށް އެމީހެއްގެ ނަން އިތުރު ކުރެވެނީވެސް އެހާ ހިސާބުންނެވެ.

އަހަރެމެންގެ މަސައްކަތަކީ އެމްބިއުލާންސްތަކަށް، ނުވަތަ ކުދި ކާރުތަކަށް، ނޫނީ ސައިކަލުތަކަށް ޤަބުރުތައް އަރުވަން، އެ ޤަބުރުތައް ތައްޔާރު ކުރާ ޓީމު. ހަށިގަނޑެއް ތައްޔާރު ކުރަން ފަށާ ހިސާބުން އަހަރެމެން ޝޮކަށް ދޭ. ބޯ ނެތް ތުއްތު ކުއްޖެއްގެ ހަށިގަނޑުވެސް ހަމަ ފެނިދާނެ. ފައި ބުރިވެފަ ތިބޭ ކުދިންގެ ހަށިތައް ފެނިދާނެ. އަތް ނެތް ކުދިން ފެނިދާނެ. ކުޑަކުޑަ ކުދިންގެ ހަށިތައް، ބުރިބުރިވެ، ކުދިކުދިވެފަ އޮއްވާވެސް ފެނިދާނެ. އަހަރެމެން ވަރަށް ވަރަށް ދެރަވޭ އެ މަންޒަރުތައް ފެނުނީމަ. ހަމަ ޝޮކެއް ލިބެނީ. ނަފުސާނީ ގޮތުން ހަމައަކަށް އެޅިލަން އެތައް ގަޑިއިރެއް ނަގާ، އެކަހަލަ ޝޮކަކުން އަރައިގަންނަން.
ޙަމަދު ޙަސަން އަލް-ނައްޖާރު؛ މޯގްގައި މަސައްކަތް ކުރާ މީހެއް

ބާކީ ހުރި ހުރިހާ ހަށިތައް ރައްކާ ކުރަނީ މޯގްގެ އައިސްއަލަމާރީގައެވެ. އެތައް ހަފުތާއެއް ވަންދެން އެ އައިސްއަލަމާރީގައި ހަށިތައް ހުރެއެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުން ހިންގާ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިޒްރޭލުގެ ޤަތުލުޢާންމުގައި މި ދުނިޔެ ދޫކުރި މީހުންގެ ޢަދަދު 20000 އަށް އަރައެވެ. ޢުދުވާނީ ޙަމަލާތަކުގައި ބިމާ ހަމަކޮށްފައިވާ ޢިމާރާތްތަކުގެ ބައިތަކުގެ ދަށުގައި އެތައް ހާސް ޤަބުރެއް ވާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. މި ޢުދުވާންތަކުގައި ދުނިޔެ ދޫކުރި މީހުންގެ ލިސްޓަށް ބަލާއިރު، 70 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެންމެ ބޮޑު ޝޮކަކަށް ދަނީ ޝަހީދުކޮށްލާފަ އޮންނަ ކުޑަކުދިން ފެނުނީމަ. އެއީ މަޢުސޫމު ކުދިންތަކެއް ވިއްޔާ. މި ކަމާ އެކުދިންނާ ކޮން ކަމެއް. އެއީ ދުވަހަކު މިސައިލެއް އުފުލާލި ބައެއް ނޫނީ. ނޫނީ، ބަޔަކާ ކުރިމަތިލީ ބައެއްވެސް ނޫން... މިއީ ވަރަށް ހިތްދަތި ޙާލަތެއް. ޖެނީވާ ކޮންވެންޝަންތަކުގެ ދަށުން އިންސާނީ ޙައްޤުތައް ޙިމާޔަތް ކޮށްދެއޭ ބުނާއިރު މި ކުދިންގެ ވާހަކަ ނުދައްކާ. މީ އިޒްރޭލު، ޔޫކްރައިން ނޫނީ އެމެރިކާ ކުދިންތަކެއް ނަމަ މުޅި ދުނިޔެ އެއްގަލަކަށް އަރާނެ. ވަގުތުން ވަގުތަށް ޙަމަލާ ހުއްޓުވަން ގޮވާނެ. ކުދިން ނުމަރާން ގޮވާނެ. ހަތިޔާރު ނެތް ޢާންމުން ނުމަރާން ގޮވާނެ.
ޙަމަދު ޙަސަން އަލް-ނައްޖާރު؛ މޯގްގައި މަސައްކަތް ކުރާ މީހެއް

މޯގްގައި މަސައްކަތް ކުރާއިރު އެ އުފުލަންޖެހޭ ނަފުސާނީ ތަކުލީފުތަކުގެ ވާހަކަ ދައްކާ ކޮޅުން ލާކަށް ނެތެވެ.

އެ މީހުން އަބޫ ޚާމިސްއާއި އެ ޢާއިލާގެ ހަށިތައް ގެނައިމަ އަހަރެމެން އެންމެންވެސް ވަރަށް ހައިރާންވި. އެއީ ޤަބުރުތައް ހިނަވާ ކަފުން ކުރުމުގެ މަސައްކަތުގަ އަހަރެމެންނަށް އަތްގާތްކޮށްދީ އުޅުނު މީހެއް. މިތަނުގައި ދީނީ، ޤައުމީ އަދި އިންސާނީ ޒިންމާތަކާއި މައްސޫލިއްޔަތުތައް އަދާކުރަމުން ދިޔަ މީހެއް. އަހަރެމެންގެ އަތު ތެރޭގަ، ޝަހީދެއްގެ ގޮތުގައި އޭނަ އޮތް މަންޒަރު ފެނުނީމަ ވަރަށް ބޮޑު ސިހުމަކަށް ވީ.
ޙަމަދު ޙަސަން އަލް-ނައްޖާރު؛ މޯގްގައި މަސައްކަތް ކުރާ މީހެއް

ޙަމާސް ޖަމާޢަތް ނެތިކޮށްލާނެ ކަމަށް ބުނެ ޔަހޫދީން ހިންގަން ފެށި ޤަތުލުޢާންމުގައި ޢާންމު ރައްޔިތުންގެ ފުރާނަ ދުއްވަމުން ދާ މައްސަލައަށް ބައިނަލްއަޤުވާމީ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ޣައްޒާގައި ހިންގާ ގިނަ ހޮސްޕިޓަލުތަކުގައި މިއަދު އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދެވޭކަށް ނެތެވެ. އެތައް ސަތޭކަ ޑޮކްޓަރުންނަކާއި ޞިއްޙީ ޚިދުމަތްތެރިންނެއްވެސް ޢުދުވާންތަކުގައި މި ދުނިޔެ ދޫކޮށްފިއެވެ. މުޢާޞަލާތީ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. ހޮސްޕިޓަލުތަކަށް ބޭނުންވާ ތެލާއި ކަރަންޓުގެ ސަޕްލައިވެސް އެހާމެ ދައްޗެވެ. އަނިޔާ ލިބި، ޒަޚަމްވާ މީހުންނަށް ފަރުވާ ކުރަންވެސް ހޮސްޕިޓަލުތައް ވަނީ ނުކުޅެދިފައެވެ. ޣައްޒާގެ އުތުރުގައި މިވަގުތު އެންމެ ހޮސްޕިޓަލެއްވެސް ނެތް ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ހާމަކޮށްފައެވެ.

ނާޞިރު ހޮސްޕިޓަލުގެ މޯގްގައި މިވަގުތު މަސައްކަތް ކުރަމުންދާ ޓީމަކީ ބައިނަލްއަޤުވާމީ އެއްބައެއްވަންތަ ކަމުގެ ރީތި މިސާލެކެވެ. އެ ޓީމުގައި ޣައްޒާގެ ޑޮކްޓަރުންނާއި ޞިއްޙީ އޮފިޝަލުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިލޭ ސާބަހަށް ޣައްޒާއަށް ދަތުރު ކޮށްފައި ވާ ޢިލްމުވެރިންނާއި، އެކްޓިވިސްޓުންނާއި ދަރުމައަށް މަސައްކަތް ކުރާ މީހުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް