ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 16:07
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ބިމާއި ބޮޑެތި މަޝްރޫއުތައް ބޭރުގެ ކުންފުނިތަކަށް
އިސްކުރަނީ ގައުމިއްޔަތު، ބިމާއި ބޮޑެތި މަޝްރޫއުތައް ބޭރުގެ ކުންފުނިތަކަށް!
 
99 އަހަރަށް އަގަކާއި ނުލައި ރާއްޖެއިން 70 ހެކްޓަރު ބިމެއް ދިނުން މައްސަލައަކަށްނުވި
 
އެއާޕޯޓު ތަރައްގީ ކުރުމަށް ޖީއެމްއާރްއާ ހަވާލުކުރުމުން މައްސަލައަކަށްވި
 
ފުށިދިއްގަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސީއެމްސީސީއަށް

''އޭ ދިވެހީންގެ ފަޚުރުވެރި ގައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހްސާސް ކުރަން! ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން!''މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެން، ގައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައި އަމުނާލެއްވި އަސަރުގަދަ ބަސްފުޅުތަކެކެވެ. އެމަނިކުފާނުގެ މިބަސްފުޅުތަކަށް ދިވެހިންގެ ގިނަ ރައްޔިތުން ވަރަށް ތައުރީފު ވެސް ކުރިއެވެ. އަސަރުގަދަ ކަމުގެ ވާހަކައާއި، ގައުމުގެ ކަންކަން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް އެ ރައްޔިތުން ގަބޫލުކުރިއެވެ.

ހާމަކަން ބޮޑު ސިޔާސަތަކާއެކު ރައްޔިތުންގެ މަސްލަހަތު އިސްކޮށް ގައުމު ހިންގަވާނެ ކަމަށް ވިދާޅުވެ ގައުމުގެ ހުންގާނުގައި ހިއްޕެވިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ތަރައްގީއަށް ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫއުގެ މަސައްކަތް ވެސް ފެށީ ސިއްރިއްޔާތުގައެވެ. ރަސްމާލޭގެ ނަމުން ނަންދީފައިވާ ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް 18 ޑިސެންބަރު 2023 ވީ ހޯމަ ދުވަހު ވަނީ ފަށާފައެވެ. އަދި އިންޓަނޭޝަނަލް ބިޑިން ޕްރޮސަސްއަކަށް ނުގޮސް ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން (ސީއެމްސީސީ)އާ މިމަޝްރޫއު ސަރުކާރު ހަވާލުކުރިއެވެ. ސިއްރިއްޔާތުގައި ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާތީ އެކަމުގެ ސުވާލުތަކާއި ސަރުކާރަށް ކުރިމަތިވި ޕްރެޝަރާއެކު އާބަންކޯއިން 21 ޑިސެންބަރު 2023ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު، އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް 99 އަހަރަށް ދޭގޮތަށް ކަމަށެވެ. ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ބިމުގެ އަގެއް ވިދާޅެއް ނުވިއެވެ.

މިއަދު އެބޭފުޅުންނަށް މިކަން މައްސަލައަކަށް ނުވިއެވެ. ނަމަވެސް ކުރީގެ ސަރުކާރުގައި އެބޭފުޅުން ރާއްޖޭގެ ބިންތައް ގިނަ އަހަރުތަކަކަށް ކުއްޔަށް ދޭ ކަމަށް ބުނެ ހަގީގަތާއި ހިލާފު އެތައް ވާހަކަތަކެއް ދައްކާފައިވެއެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް ކުރުމުގެ ޖާގަ ނުދޭނެ ކަމަށް ބުނެ މުޒާހަރާކުރުމަށް ވެސް ގޮވާލާފައިވެއެވެ. ނަމަވެސް މިއަދު އެބޭފުޅުންގެ ސަރުކާރުގައި 99 އަހަރަށް އަގަކާއި ނުލައި ރާއްޖެއިން 70 ހެކްޓަރު ބިމެއް ދިނުމަކީ މައްސަލައެއް ނޫނެވެ. ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން މިއަދު އެކަމުން ރެކިގަތުމަށް ސަރުކާރުން ބުނެފައިވަނީ ބިން 99 އަހަރަށް ދޫކޮށްލަނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްއާއެކު ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުތަކުގައި މިގޮތަށް މިކަން ކުރުމުން އެބޭފުޅުންނަށް އެގޮތް ކަމަކު ނުދިޔައެވެ.

އެގޮތުން ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރްއާ ހަވާލުކުރުމުން ދިވެހިންގެ ހަރުމުދާ ބޭރު މީހުންނަށް ވިއްކަނީ ކަމަށް ބުނެ އަޑު އުފުލާފައިވެއެވެ. ގާނޫނީ ގޮތުން އުފެދިފައިއޮތް ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލުމުގެ އުޒުރަކަށް ވެސް ދެއްކީ އެކަމެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލެނީ ކަމަށް ބުނެ، އެއާޕޯޓު ޖީއެމްއާރް އަތުން އަތުލިއެވެ. ނަތީޖާއެއް ގޮތުން 2008 ވަނަ އަހަރުން ފެށިގެން ތަރައްގީކުރަން ފެށި އެއާޕޯޓުގެ މަސައްކަތް އަދިވެސް ނުނިމެއެވެ.

އޭރު ވެސް އެއާޕޯޓު ޖީއެމްއާރްއާއި ހަވާލުކޮށްފައިވަނީ ތަރައްގީ ކުރުމަށެވެ. ވީއިރު، ޖީއެމްއާރުން އެއާޕޯޓު ތަރައްގީ ކުރުމަށް އޭރު މައްސަލައަކަށްވީއިރު، މިއަދު ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް 70 ހެކްޓަރު ބިން ދޫކޮށްލުމަށް ތިޔަ ދިފާއުކުރައްވަނީ ކީއްވެގެންތޯއެވެ. މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން އެދުވަހު ވެސް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ ބިރު ދެއްކީ އިންތިހާއަށެވެ. ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ވެސް އިންޑިއާ ސިފައިންނާއި ގުޅުވައިގެން ވެސް އެބޭފުޅުން ކުރެއްވީ ހަމަ އެމަސައްކަތެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.''ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް. އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ގައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް. އަޅުގަނޑު ގައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށްވެސް އިހްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން''

ނަމަވެސް ރައީސް މުއިއްޒު ވިދާޅުވާ މިފަދަ ފަށުވި ބަސްފުޅު ތަކުގައި މާބޮޑު އިތުބާރެއް ނެތްކަން މިވަނީ ހާމަވެގެން ގޮސްފައެވެ. ދިވެހި ރައްޔިތުން އަންނާނީ އެއްވަނައަށް ކަމަށް ވާނަމަ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރާނެ އެވެ. އެކުންފުނީގެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ކުރި ނަމަވެސް ކުންފުނީގެ ގާބިލް ކަމާމެދު މިއަދު އެބޭފުޅުން ވަނީ ސުވާލު އުފައްދަވާފައެވެ. މިފަދަ ކަންކަމަށް ބެލުމަށްފަހު މިސަރުކާރުން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާ މިންވަރު ރައްޔިތުން ވަޒަންކޮށްލުން ރަނގަޅުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް