ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 05:37
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ފުޓްބޯޅަ
ބާސެލޯނާގައި ކުރީގެ ފެންވަރެއްނެތް، މޮޅުވާނީ ފުރާނައިން ގުރުބާންވެގެން: ޒަވީ
ޓީމުގައި ފުރާނައިން ގުރުބާންވުން ފަދަ ރޫހެއްނެތް: ޒަވީ

ބާސެލޯނާގެ މިހާރުގެ ޓީމަކީ 2010 ވަނަ އަހަރު ދުނިޔެދުށް މޮޅު ޓީމު ނޫން ކަމަށާއި މިހާރު އޮތް ޓީމަށް ކާމިޔާބު ލިބޭނީ ފުރާއިން ގުރުބާންވެގެން ކަމަށް ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޓީމުގެ ނަތީޖާތައް ދަށްވެ ލީގު ދިފާއު ނުކުރެވޭނެހެން ހީވެފައިވަނިކޮށެވެ. އަދި ދަށް ނަތީޖާތަކުގެ ސަބަބުން އޭނާ މަގާމުން އިސްތިއުފާދޭން ވެއްޖެކަމަށް ގަބޫލުކުރާ މީޑިޔާތަކާއި ސަޕޯޓަރުންގެ އަދަދު އިތުރުވަމުންދާ ވަގުތެއްގަ އެވެ. ނަމަވެސް ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ވަނީ ކޮންމެ ނަތީޖާއެއް ނުކުތަސް ކުރީގެ ކެޕްޓަން މި ސީޒަނުގެ ނިޔަލަށް ކޯޗުކަމުން ވަކިނުކުރާނެކަން އިއުލާނުކޮށްފަ އެވެ.

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި 2010 ވަނަ އަހަރު ހަ ތަށި ހޯދި ބާސެލޯނާގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ ޒަވީ އެވެ. އޭނާ ބުނީ އެ ޓީމާއ މިހާރުގެ ޓީމާ ހާސްބައި ތަފާތު ކަމަށެވެ.

"2010ގެ ޓީމު ތަށީ ހޯދީ ފުރާނައަށް ކުޅެގެން. އަދި ކޮލިޓީ ޓީމެއް. ފެންވަރު މަތި ޓީމެއް. މޮޅު ކުޅުންތެރިން ގިނަ ޓީމެއް. މިހާރުގެ ޓީމުގައި އެ ފެންވަރެއްނެތް. މިހާރުގެ ޓީމު ކާމިޔާބު ހޯދުމަށް މަރަށް ފުރާނައަށް ކުޅެންޖެހޭ،"
ޒަވީ ބުންޏެވެ.

ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެ ރޭ ބާސެލޯނާ މޮޅުވީ އަލްމީރިއާ އަތުން 3-2އިންނެވެ. ލީގު ތަށި ނުލިބޭ ހަމައެކަނި ޓީމު އަތުން މޮޅުވާން ބާސެލޯނާ އުނދަގޫ ހާލެއްގައި އުޅެންޖެހުމުން ސަޕޯޓަރުން މަލާމާތް ކުރި އެވެ. ޒަވީ ބުނީ އެ މެޗުގެ ފުރަތަމަ ހާފު ގޯސް ކަމަށާއި ފަހުހާފުގައި މޮޅުވެވުނީ ފުރާނައަށްޓަކައި ޖާނުން ފިދާވާ ފަދައިން ކުޅުންތެރިން ކުޅެން ފެށުމުން ކަމަށެވެ.

"އަހަރުމެން މަޑުމަށުން ތިބެގެން މި ކަމެއް ނުވާނެ. ޓީމުގައި ރޫހާއި މަސައްކަތުގެ ކޮލިޓީ އާއި ޖާނުން ފިދާވުމުގެ ހިތްވަރު ދައްކަންޖެހޭ. އަހަރެންގެ ވާޖިބެއް އެކަން ޓީމުގައި ހަރުލެއްވުމަކީ. ކުޅުންތެރިން އެފަދަ ބަޔަކަށް ނުވާނަމް ކާމިޔާބު ހޯދަން ދަތިވާނެ. ޓީމަށް މިހާރު ދިމާވެގެން އުޅެނީ މިފަދަ ކންކަން ނެތުމުގެ މައްސަލަ،"
ޒަވީ ބުންޏެވެ.

ބާސެލޯނާގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ޓީމަށް ކުޅުންތެރިން ގެނައުމުގައި ދަތިތަކެއް އެބަހުއްޓެވެ. ނަމަވެސް ޒަވީ ބޭނުންވާ ފަދަ ޓީމެއް އެކުލަވާލެވިއްޖެކަމަށް މޮޅުވާނެކަމަށް ގަބޫލުކުރާ ސަޕޯޓަރުންނާއި ބޯޑު މެމްބަރުން މިހާރު ގިނަ އެވެ. މިހެންވެ ނަތީޖާ ނުނެރެވޭނަމަ އޭނާ އަށް އަންނަ ސީޒަނުގައި ކޯޗުކަން ކުރަން ފުރުސަތު ލިބުން ދުރެވެ.

- ކޮމެންޓް