ފުޓްބޯޅައިގެ ގަދަ ކުލަބުތަކެއް އެކުވެގެން އުފައްދަން އުޅުނު ޔޫރަޕިއަން ސުޕަލީގް ފީފާ އާއި ޔޫއޭފާ އަށް މަނާ ނުކުރެވޭނެ ކަމަށް ޔޫރަޕުގެ އެންމެ މަތީ ކޯޓުން ނިންމައިފި އެވެ.
ސުޕަލީގަކީ ޗެމްޕިއަންސް ލީގުގެ ބަދަލުގައި ޔޫރަޕުގެ ގަދަ ޓީމުތައް އެކަނި ކުޅެން ރޭވި މުބާރާތެވެ. ފަހުން މުބާރާތުގެ އޮނިގަނޑު ވަނީ އެކި ޑިވިޝަންތަކަށް ބަލާހައިފަ އެވެ.
ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާ އާއި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން މިހާތަނަށް ބުނަމުން އައީ ސުޕަ ލީގަކީ ފުޓްބޯޅަ އަށް ހުރި ނުރައްކަލެއް ކަމަށާއި އެ މުބާރާތުގައި ބައިވެރިވާ ކުލަބުތަކާއި ކުޅުންތެރިން ޔޫއޭފާ އަދި ފީފާގެ މުބާރާތްތަކުގައި ނުކުޅެވޭނެ ކަމަށެވެ. އަދި އެ ޖަމާއަތުގެ ހުއްދަނެތި އެއްވެސް ބަޔަކަށް މުބާރާތެއް ރާވައި ހިންގުން ވަނީ މަނާކޮށްފަ އެވެ.
ނަމަވެސް ކޯޓުން ވަނީ ފީފާ އާއި ޔޫއޭފާއަށް އެކަނި މުބާރާތްތައް ހިންގުމުމާއި މުބާރާތް ބާއްވަން އެ ޖަމާއަތުން ހުއްދަ ހޯދަން ޖެހުމަކީ ޔޫރަޕުގެ ގާނޫނުތަކާ ފުށުއަރާ ކަމެއް ކަމަށް ނިންމައިފަ އެވެ.
އިޓަލީގެ ޔުވެންޓަސް ވަކިވުމުން ޔޫރަޕިއަން ސުޕަލީގުގެ އުފެއްދުމުގައި މިހާރު ދެމި ތިބީ ސްޕޭނުގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އެވެ.
ސުޕަލީގް އުފައްދަން އުޅޭ ފަރާތްތަކުން ބުނަނީ ކޯޓު އަމުރުގެ ސަބަބުން އެމީހުންގެ މަސައްކަތް އަލުން ފަށައިގަތުމަށް ބާރު ލިބިއްޖެ ކަމަށެވެ. ނަމަވެސް ކޯޓުގެ ނިންމުމަކީ ސުޕަލީގް ހުއްދަނުކުރުން ނޫން ކަމަށް ވެސް ކޯޓުގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ.
ޔޫރަޕުގެ ކޯޓުގެ މި ނިންމުމާ ދެކޮޅަށް އިނގިރޭސި ކުލަބުތަކުން ވަނީ ހަރަކާތްތެރިވާނެ ފަށައިފަ އެވެ. އިނގިރޭސި ގާނޫނުތައް ބުނާ ގޮތުން މުބާރާތްތައް ރާވައި ހިންގުމުގައި އެ ގައުމުގެ ގާނޫނަށް ކުލަބުތަކުން އަމަލުކުރަންޖެހޭނެ އެވެ.