Advertisement
ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 06:07
ފަލަސުރުހީ ޕްރޮގްރާމްގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އަޒުލުކުރުމާއި ގުޅުން ހުރި މާއްދާތައް
ރައީސާއި ނައިބު ރައީސް އަޒުލުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށްނުދޭ: މެންބަރު އިކްރާމް
މިސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން
މާއްދާތައް އިސްލާހުކުރީ އެއްވެސް ބަޔަކަށް ބިރު ދައްކާކަށް ނޫން
ޖަޒުބާތުގެ އިހުސާސުތަކެއް ހިފައިގެން ގައުމު ހިންގުމަށް މަސައްކަތް ކުރާނަމަ ދެރަ ގޮތްތަކެއް ވެދާނެ

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު އަޒުލުކުރުމާއި ގުޅުން ހުރި މާއްދާތަކަށް ގެނައި އިސްލާހުތައް ފާސްކޮށްފައިވަނީ ބިރު ދެއްކުމަށް ނޫން ކަމަށާއި، އަޒުލުކުރުމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އިކްރާމް ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް އެ ލިބިފައިވާ ބާރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާދާރު މަސައްކަތްތަކެއް އެމަޖިލީހުން ކުރަމުންދަނިކޮށް އެހެން ބާރަކަށް ފާޑުކިޔުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި، އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

Advertisement

މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މެންބަރު އިކްރާމް ވިދާޅުވީ ރައްޔިތުން މަޖިލީހަށް ލިބިދީފައިވާ ބާރެއްގެ ތެރެއިން ގަވާއިދެއް ނުވަތަ ގާނޫނެއް ބަދަލުކުރަނީ މަޖިލީހުގެ މެޖޯރިޓީ ވޯޓާ އެކު ކަމަށެވެ. މަސައްކަތް ކުރަމުންދަނީ ވަރަށް ޒިންމާދާރު ކަމާއެކު ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެމްޑީޕީގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން މަޖިލިސް ތެރެއިން ވެސް ދެމުން ގެންދާ ކަމަށް މެންބަރު އިކްރާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖަވާބުދާރީކުރުވަންޖެހޭ ހާލަތުގައި ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު އަޒުލުކުރުމާއި ގުޅުން ހުރި މާއްދާތަކަށް ގެނައި އިސްލާހުތަކާއި ގުޅޭގޮތުން މެންބަރު އިކްރާމް ވިދާޅުވީ އެއީ އެއްވެސް ބަޔަކަށް ބިރު ދެއްކުމަށް ކުރި ކަމެއް ނޫން ކަމަށާއި، މިހާރުގެ ރައީސާއި ނައިބު ރައީސް އަޒުލު ކުރުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން މަޝްވަރާއެއް ވެސް ނުކުރާ ކަމަށް މެންބަރު އިކްރާމް ވިދާޅުވިއެވެ.

އެހާލަތަށް ރިޔާއަތްކޮށް އަޅުގަނޑުމެން އަބަދުވެސް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރަންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ހާލަތެއް އުފެދިދާނެ ކަމަށް ވިސްނާފައި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތަކެއް ގެންނަން ވެސް ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިއަދު މިސާލަކަށް 87 މެންބަރުން ގޮނޑި މަޖިލީހުގައި ހުރިކަމުގައިވީ ނަމަވެސް 80 މެންބަރުން މަޖިލީހުގައި މަސައްކަތް ކުރަންތިބީ. މެންބަރުންގެ ގޮތުގައި ތިބީ 80 މެންބަރުން. އެހެންވީމަ އެ 80 މެންބަރުން ވޯޓު ލާނީ ނޫނީ ވޯޓު ނުލާނީ. އެހެންވީމަ އެއަށް ރިއާޔަތްކޮށް އަޅުގަނޑުމެން މަޖިލީހުގެ އަގުލަބިއްޔަތު ނުވަތަ މަޖިލީހުގެ ކޯރަމް ގުނާނެ ގޮތް އަޅުގަނޑުމެން ބަދަލުކޮށްފިން. އެކަމަކު އެއީ އެއްވެސް ހާލަތެއްގައި އަޒުލްކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ނޫން. އަދި އެމަޝްވަރާއެއް ނުވެސް ކުރެވޭ މަޖިލީހުގެ ތެރޭގައި އަދިއެއް.
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

މެންބަރު އިކްރާމް ވިދާޅުވީ ޖަޒުބާތުގެ އިހުސާސުތަކެއް ހިފައިގެން ގައުމު ހިންގުމަށް މަސައްކަތް ކުރާނަމަ ވަރަށް ދެރަ ގޮތްތަކެއް ގައުމަށް ވެދާނެ ކަމަށެވެ. އެހެންކަމުން ގައުމު އިސްކުރުމަށްފަހު މަސައްކަތް ކުރަންޖެހޭ ކަމަށް މެންބަރު އިކްރާމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް