ބެލްޖިއަމްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ އަށް އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެ ކަމަށް އޭނާ ބުނެފި އެވެ.
ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކީޕަރު މިހެން ބުނީ މިހާރު ކުރިއަށްދާ ސީޒަނަށް ތައްޔާރުވާން ރެއާލްގެ ފަރިތަކުރުންތަކުގައި ހުއްޓައި އޭނާގެ ވާތު ކަކުލަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅުވާނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.
"އަހަރެންގެ ނަސީބު ރަނގަޅުނަމަ އަހަރެންނަށް ޖޫން މަހު މެޗެއް ކުޅެވިދާނެ. އެކަމަކު އަހަރެން ޔޫރޯ އަށް ފިޓެއްނުވާނެ. މި އަނިޔާގެ ސަބަބުން އަހަރެންނަށް ޔޫރޯގައި ނުކުޅެވޭނެ،ކޯޓުއާ ބުންޏެވެ.
ޖަރުމަނުވިލާތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށާނީ ޖޫން 14 ވަނަ ދުވަހު އެވެ. ކޯޓުއާ ބުނީ މުބާރާތުގައި އޭނާ މިހާރު އެންމެ އިސްކަންދެނީ މިދިޔަ އޮގަސްޓްމަހު ފަޔަށް ލިބުނު އަނިޔާއިން އަރައިގަތުމަށް ކަމަށެވެ.
އުމުރުން 31 އަހަރުގެ ކީޕަރު ޔޫރޯގައި ނުކުޅެވޭނެ ކަމަށް ބުނުމާއެކު މިވާހަކައިގެ މާނަ އެހެން ގޮތަކަށް ވެސް ދަނީ ދައްކަމުންނެވެ. އެއީ ކޯޗާ މައްސަލަ ޖެހިގެން އޭނާ މިއަހަރުކުރީކޮޅު ގައުމީ ޓީމުގެ މެޗެއް ނުކުޅެ ދޫކޮށްލި މައްސަލަ އެވެ. ބުނެވޭ ގޮތުގައި އެއީ ކެޕްޓަންކަން ނުދީގެންނެވެ.
ނަމަވެސް ކޯޓުއާ ބުނީ އޭނާ އާއި ކޯޗާ ދެމެދު މައްސަލައެއްނެތް ކަމަށާއި އެފަދަ ކަމެއް އޮތްނަމަ ހައްލު ކުރެވޭނެ ކަމަށެވެ.