ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 19:03
ލީގު ޗެމްޕިއަން މާޒިޔާއިން އައްޑަނަ އުފުލާލަނީ
ލީގު ޗެމްޕިއަން މާޒިޔާއިން އައްޑަނަ އުފުލާލަނީ
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ދިވެހި ޕްރިމިއަރ ލީގު
ލީގު ޗެމްޕިއަންކަން މާޒިޔާއަށް، މިއީ ވިދިވިދިގެން ލީގު ހޯދި ހަތަރު ވަނަ ފަހަރު!
 
ލީގު ޔަޤީންވީ ފަހު މެޗުން

ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މާޒިޔާއިން އަނެއްކާވެސް ދިފާއުކޮށްފިއެވެ. މިއީ ވިދިވިދިގެން މާޒިޔާއިން ލީގު ހޯދި ހަތަރު ވަނަ ފަހަރެވެ.

މިފަހަރު މާޒިޔާއިން ލީގު ހޯދީ ފަހު މެޗުގައި ކްލަބް އީގަލްސް ބަލިކޮށްގެންނެވެ. ލީގުގެ ފަހު މެޗަށް ދެޓީމް ނިކުއިންއިރު ލީގު ހޯދުމުގެ ފުރުޞަތު ދެޓީމަށްވެސް އޮތެވެ. ދެޓީމް ވެސް އޮތީ މެޗަކުން ބަލިނުވެއެވެ. އެކަމަކު އީގަލްސްއަށް ލީގު ލިބެން އޮތީ މޮޅުވެގެންނެވެ. އެއްވަރުކޮށްލައިގެންވެސް ލީގު ދިފާއުކުރުމުގެ ފުރުޞަތު މާޒިޔާއަށް އޮތެވެ. މަހެއްްހާ ދުވަހު މެޗެއް ނުކުޅެ ތިބެ, މުހިއްމު މެޗަށް ނިކުއިން އީގަލްސްގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު މާޒިޔާއިން ޖެހީ ފުރަތަމަ ހާފްގެ ފަހު ތިން މިނިޓްގެ ތެރޭގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އޭރިޔާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަށް ދިން ޕެނަލްޓީ ކާމިޔާބުކުރީ ބަލަބަނޮވިޗް އެވެ.

މާޒިޔާ ލީގު ޗެމްޕިއަންކަން ހޯދީ 14 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް 14 މެޗުން 35 ޕޮއިންޓް ހޯދިއެވެ. އެފްއޭއެމްގެ މާލީ މައްސަލަތަކާއި, އެނޫންވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެ ކްލަބްތަކާ ވާހަކަ ދެއްކުމަށްފަހު ލީގުގައި މިފަހަރު ކުޅުނީ ދެ ބުރެވެ. ފުރަތަމަ ބުރު ނިމުނު އިރުވެސް އޮތީ ތިން ބުރު ކުޅޭ ގޮތަށެވެ. އީގަލްސް އިން ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދިއިރު, އެޓީމް ސީޒަން ފެށީ އިހުސާން އަބުދުލްޣަނީ (ސާންތި) އާއެކުއެވެ. އެކަމަކު ސާންތި އަށް ކުރިމަތިވި ސިއްހީ މައްސަލައަކާ ގުޅިގެން ފަރުވާއަށް ދިއުމުން ލީގުގެ ބޮޑުބައިގަ އިރުޝާދު ދިނީ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) އެވެ.

މެޗުން މޮޅުނުވެވުނަސް އީގަލްސްއިންވެސް ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުޞަތު ހޯދިއެވެ. އީގަލްސްއިން ފޮނުވާލި ރަނގަޅު ދެބޯޅައެއް މާޒިޔާގެ ގައުމީ ކީޕަރު ހުސެއިން ޝަރީފް މަތަކުރިއެވެ. މާޒިޔާއިންވެސް ލީޑް ފުޅާކުރަން ފުރުޞަތު ހޯދި ނަމަވެސް ގޯލަކަށް ބަދަލުކޮށް ނުލެވުނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް