ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 17:17
ބަޔާން އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް
ބަޔާން އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް
ޓްވިޓަރ
ރެނާޓޯ ސަންޗޭޒް
ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް ބަޔާން އިން ބުނެފި
އުމުރުން އެންމެ 19 އަހަރުގެ ސަންޗޭޒް އަންނަނީ ޒުވާން އުމުރުގައި މޮޅު ކުޅުމެއް ދައްކަމުން
ރެނާޓޯ ސަންޗޭޒް ބަޔާން މިއުނިކަށް އަށް ބަދަލުވީ މިދިޔަ އަހަރު 35 މިލިއަން ޕައުންޑަށް
ސަންޗޭޒް ބަޔާންއާއެކު ހެދި އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް އެ ކްލަބުން ބުނެފި އެވެ.

 

ގަޒެޓާ ޑެލޯ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ބަޔާންގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގާ ވިދާޅުވީ، ރެނާޓޯ ސަންޗޭޒް ހޯދުމަށް 10 ވަރަކަށް ޓީމު މަސައްކަތްކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީވެސް ހިމެނޭ ކަމަށެވެ.

 

ރުމެނިގާ ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ބަޔާން އަދި ޗެލްސީ ބައްދަލުކުރި މެޗަށްފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ރެނާޓޯ ސަންޗޭޒްގެ ބައެއް މައުލޫމާތުތައް ހޯދާފައިވާ ކަމަށާއި، ކޮންޓޭ ގަބޫލުކުރާ ގޮތުގައި ދަނޑުމަތީގައި އޭނާއަށް ތަފާތު ދެއްކޭނެ ކަމަށެވެ.

 

ޗެލްސީއާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ރެނާޓޯ ސަންޗޭޒް ދެއްކު ކުޅުމަށް ބަޔާންގެ ކޯޗު ކާލޯ އެންޗޮލޮޓީ ތައުރީފްކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް ލޯނެއްގެ ދަށުން ރެނާޓޯ ސަންޗޭޒް ވިއްކާލުމާ ގާތަށް ދިޔަ ކަމަށްވެސް ރުމެނިގާ ވަނީ ވިދާޅުވެފައެވެ.

 

އޭސީ މިލާންގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ރެނާޓޯ ސަންޗޭޒް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޔުވަންޓަސްވެސް ހިމެނެއެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން ސަންޗޭޒްއަށް ބޮޑު ހޭދައެއް ކުރުމަށް ޔުވަންޓަސް އިން އޮތީ ތައްޔާރަށެވެ. އެގޮތުން އޭނާގެ ސޮއި ހޯދާ ކުރިޔަށް އޮތް ސީޒަނަށް އޭނާ އެ ކްލަބަށް ގެންނަނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ބެންފީކާ އިން ކެރިޔަރު ފެށި އުމުރުން އެންމެ 19 އަހަރުގެ ސަންޗޭޒް އަންނަނީ ޒުވާން އުމުރުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ވަނީ މިހާތަނަށް ބަޔާނަށް 25 މެޗު ކުޅެފައެވެ.

 

ސަންޗޭޒް ބަޔާން އަށް ބަދަލުވީ މިދިޔަ އަހަރުގެ މެއި މަހު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 35 މިލިއަން ޕައުންޑަށެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

 

މިދިޔަ އަހަރު ގޯލްޑެން ބޯއި އެވޯޑު ހޯދި ސަންޗޭޒް ވިދާލީ ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައެވެ. އޭނާ ވަނީ އެ މުބާރާތުގައި ޕޯޗުގަލް ޓީމަށް މޮޅު ކުޅުމެއް ދައްކާ އެޓީމަށް މުބާރާތް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް