ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 21:53
10 އަހަރުގެ ޕައިލެޓް
10 އަހަރުގެ ޕައިލެޓް
ރޮއިޓާސް
10 އަހަރުގެ ޕައިލެޓް
އެއްގަމު އުޅަނދު ދުއްވަން ލައިސަންސް ނުލިބުނަސް ޕައިލެޓް ލައިސަންސް ލިބިދާނެ!
 
އޭމީ އުދެހެމުން ދާ އުޅަނދަކީ ކަރަންޓު ހަކަތައިން އޮޕަރޭޓް ކުރާ އުޅަނދެއް
 
މަތިންދާ ބޯޓު ދުއްވަން ދަސްކުރާ ދަރިވަރުން ބޭނުން ކުރާ ޒާތުގެ އުޅަނދެއްގައި އޭމީ ޚާއްޞަ ވަނީ ހަމަ އެކަނި އޭނާގެ ޢުމުރުގެ ސަބަބަކުން ނޫން

ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ދަށް ކުރަމުން ގޮސް ސުން ރޭޓަށް ތިރި ކުރަން އަދުގެ ސިނާޢަތްތަކުން ކުރަމުން ދާ މަސައްކަތުގައި ވައިގެ އުދުހުންތަކުގެ ސިނާޢަތުންވެސް ދަނީ ބައިވެރިވަމުންނެވެ. ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ސުން ރޭޓަށް ދަށް ކުރުމަށް އެ ބަޔަކަށް ވީ ގޮތަކުން މަސައްކަތް ކުރަމުން ދެއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި، ނުވަތަ ވިޔަފާރި އުސޫލުން އެތައް ސަތޭކަ ފަސެންޖަރުންނެއް ގޮވައިގެން ނޫން ކަމުގައި ވީ ނަމަވެސް، އޮސްޓްރޭލިއާއަށް އުފަން، ޢުމުރުން އެންމެ 10 އަހަރުގެ އޭމީ ސްޕައިސަރ ގެ ވާހަކަ، އެހެން މީހުންނަށް ވުރެ ބާރަށް ދައްކާލުމަކުން ގޯހެއް ނެތެވެ.

މަތިންދާ ބޯޓު ދުއްވަން ދަސްކުރާ ދަރިވަރުން ބޭނުން ކުރާ ޒާތުގެ އުޅަނދެއްގައި އޭމީ ޚާއްޞަ ވަނީ ހަމަ އެކަނި އޭނާގެ ޢުމުރުގެ ސަބަބަކުން ނޫނެވެ. އޭމީ އުދެހެމުން ދާ އުޅަނދަކީ ކަރަންޓު ހަކަތައިން އޮޕަރޭޓް ކުރާ އުޅަނދެކެވެ. 2 މީހުންގެ ޖާގައިގެ ޕިޕިސްޓްރެލް އަލްފާ އިލެކްޓްރޯ މަތިންދާ ބޯޓު ދުއްވަން ދަސްކުރަމުން އަންނަ އޭމީ މިހާރުވެސް އެ ދަނީ، ޕަރތުގެ ޖެންޑާކޮޓް އެއަރޕޯޓްގައި އެކަމާ ބެހޭ ފިލާވަޅުތައް އުނގެނެމުންނެވެ. ތަޖުރިބާތައް ހޯދަމުންނެވެ.

މީ އޭމީ. ޢުމުރަކީ 10 އެއް. ވައިގެ އުދުހުންތަކަށް ވަރަށް ގަޔާވޭ. އެހެންވެ، މިހާރުވެސް އަހަންނަކީ ހަމަ ޕައިލެޓެއް. ޕައިލެޓަކަށް ވާން ބޭނުން ވާހަކަ އެންމެ ފުރަތަމަ ބުނީ، ޢުމުރުން 2 އަހަރާއި ބައިގަ. ފުރަތަމަ ފްލައިޓް އެޅީ 7 އަހަރުގަ. ގްލައިޑަރއަކަށް އެރީ 8 އަހަރުގަހެން ހީވަނީ. މިކަން ދަސްކުރަން ފެށީ، 9 އަހަރުވާން ގާތް ވަނިކޮށް.
އޭމީ ސްޕައިސަރ؛ ޢުމުރުން 10 އަހަރުގެ ޕައިލެޓެއް

ހައި ސްކޫލަށް ދެވޭ ވަރަށް ވުރެވެސް ހަގު ޢުމުރެއްގައި ހުރި އޭމީއަށް، އޭނާގެ މުސްތަޤުބަލު އޮތީ ވައިގެ އުދުހުންތަކުގެ ތެރޭގައި ޤަބޫލު ކުރެވުނީ އޭނާ ބުނާ ގޮތުން ވިއްޔާ ވަރަށް ކުޑަ އިރުއެވެ. މިހާރުވެސް، މާ ދޮށީ ކުއްޖަކީ ނޫނެވެ. ފަހަރުގައި އޭމީއަކީ، ސައްތަ އިންސައްތަ ކަރަންޓު ހަކަތައިން އޮޕަރޭޓް ކުރާ މަތިންދާ ބޯޓެއް އުދުއްސާ އެންމެ ހަގު ޕައިލެޓަށްވެސް ވެދާނެއެވެ.

އަސްލުގަ މީ، ބޯޓުގެ ކޮންޓްރޯލް އަހަރެން ނެގި ފުރަތަމަ ފަހަރު. އިންސްޓްރަކްޓްޓަރު އެހި، ކޮންޓްރޯލް ބޭނުންހޭ. މީގެ ކުރިން ދެތިން ފަހަރަކު އެމީހުން ދުއްވި އަހަރެން ގޮވައިގެން. އެހެން ހުރެފަ، ހަމަ ކުއްލިއަކަށް ކޮންޓްރޯލް ބޭނުންހޭ އެހީމަ ވަރަށް ބިރު ގަތް. އެހެން އެހީ ކީއްވެ ކަމެއްވެސް ނޭނގެ އަސްލު. އަހަރެން ބުނީ، ޔަޤީންތާއޭ. އެކަން ކާމިޔާބުވެއްޖެ. ހީވީ ހަމަ ހުވަފެނެއްހެން. މީ ހަމަ އަސްލުގަވެސް، ހުވަފެނެއް ޙަޤީޤަތަކަށް ވުން. އޭރުއްސުރެ ފަށައިގެން އަހަންނަށް އެނގޭ، އަހަރެން ވާނީ ޕައިލެޓަކަށް ކަން
އޭމީ ސްޕައިސަރ؛ ޢުމުރުން 10 އަހަރުގެ ޕައިލެޓެއް

ވެއްޓާ ރައްޓެހި މަތިންދާ ބޯޓުތަކުގެ ސިނާޢަތަކީ ފުޅާވެ، ކުރިއަރާ ދިއުމުގެ ފުރުޞަތު ފަހި ދާއިރާއެކެވެ. ނަމަވެސް މިވަގުތު މާ ގިނަ އެއަރޕޯޓްތަކެއްގައި، މިފަދަ މަތިންދާބޯޓުތައް ޗާޖު ކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައެއް ނެތެވެ.

އޭމީ ދުއްވަމުންދާ މަތިންދާ ބޯޓު އޮޕަރޭޓް ކުރަނީ ފްލައިވަން ކުންފުނިންނެވެ. ޕައިލެޓުން ތަމްރީނު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފްލައިވަން ކުންފުނިން ދަނީ، އޮސްޓްރޭލިއާގެ ވައިގެ އުދުހުންތަކުގެ ސިނާޢަތަކީ ޖައްވަށް ދޫކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު ސުން ރޭޓުގައި ހިފަހައްޓާ ސިނާޢަތަކަށް ހެދުމަށް ކޭމްޕޭން ކުރަމުންނެވެ.

އެއަރޕޯޓްތަކުގައި ޗާޖު ކުރެވޭނެ އިންތިޒާމުތައް ހަރުދަނާ ކުރުމާއެކު، ވައިގެ އުދުހުންތަކުގެ ސިނާޢަތަށް މީހުން ތަމްރީނު ކުރުމުގައިވެސް ވެއްޓާ ރައްޓެހި ގޮތްތައް ޚިޔާރު ކުރެވޭނެ ކަން، ފްލައިވަންގެ ފައުންޑަރ، ކޫރަމް އީލިޒް ވަނީ ފާހަގަކޮށްފައެވެ.

އަހަރެމެންނަށް އަދި މި އުޅެވެނީ ކަރަންޓު ހަކަތައިން އޮޕަރޭޓްކުރާ ވައިގެ އުދުހުންތަކުގެ ސިނާޢަތުގެ ވަރަށް ޅަފަތުގަ. މިދިޔަ 50 އަކަށް، 80 ވަރަކަށް އަހަރު ތެރޭގަ އެކި ޒާތްޒާތުގެ ޓެސްޓުތައް ހަދައިފި. އެކި ކަހަލަ މަންތިރިތައް ޖަހައިފި. އެކަމަކު، އަހަރެމެންގެ ފަހަތުން ފެންނަން މި އޮތް ބޯޓު އުފެއްދުމުގެ ކުރިން، މިކަން ހިނގައިގެންފައެއް ނެތް. ޕިޕިސްޓްރެލް އަލްފާ އިލެކްޓްރޯއަކީ، ކަރަންޓު ހަކަތައިން އުދުއްސާ ގޮތަށް ފަރުމާކޮށްގެން އުފެއްދި ފުރަތަމަ މަތިންދާބޯޓު. ރާސްތާއަށް ބަލާއިރު، މާ ދުރަށް ދަތުރު ނުކުރެވުނަސް، ގަޑިއެއްހާއިރަށް އުދުހެވޭނެ. އޭގެ މާނައަކީ ޕައިލެޓުން ތަމްރީނު ކުރަން މިހާރު މި ބޭނުން ކުރާ ބޯޓުތަކުގެ ބަދަލުގަ މީގެ ބޯޓު ބޭނުން ކުރެވޭނެއޭ. އަޕްގްރޭޑް ކުރާ މޮޑެލްތައް ބޭނުން ކުރެވޭނެތާދޯ، ވިޔަފާރި އުސޫލުން ކުރާ ދަތުރުތަކުގަ.
ކޫރަމް އީލިޒް؛ ފްލައިވަންގެ ފައުންޑަރ

މިހާ ހިސާބަށް އައުމަށް އޭމީ ކުރި ދަތުރަކީ ވަކި ފަސޭހަ ދަތުރެއް ނޫނެވެ. އެތައް ބައެއްގެ ފުރައްސާރައާވެސް ކުރިމަތިލާން ޖެހުނެއެވެ. ސްކޫލުގައި އުޅޭ ކުދިންގެ ފަރާތުންވެސް، ހިތް މަރާލަނިވި އެތައް އަޑެއް އަހަން މަޖުބޫރުވިއެވެ. ނަމަވެސް އެއިން ކޮންމެ މީހަކަށްވެސް އޭމީ ޖަވާބު ދެނީ ޢަމަލާއި ބަހުންނެވެ. އޭމީ ވަނީ ކެލިފޯނިއާގައި މިއަހަރު އޮތް ވިމެން އިން އޭވިއޭޝަން ސަމިޓްގައިވެސް ވާހަކަދައްކާފައެވެ.

އަހަރެން ގުރޭޑް 4ގަ އުޅުނު އިރު، ސްކޫލުގަ އުޅުނު ފިރިހެން ކުދިންތަކެއް ވަރަށް ދިމާކުރި. އެއްގަމު އުޅަނދު ދުއްވާ ލައިސަންސް ނުނެގޭ ހާ ޅަ އިރު ކިހިނެއްހޯ އުދުހޭނީ ކިޔައިގެން. އެކަމަކު އަސްލު އެނގޭތަ؟ އެއްގަމު އުޅަނދު ދުއްވާ ލައިސަންސްއަށް ޢުމުރު ހަމަ ނުވިއަސް، ޤާނޫނުގެ ތެރެއިން ޕައިލެޓް ލައިންސަންސް ލިބޭނެ.
އޭމީ ސްޕައިސަރ؛ ޢުމުރުން 10 އަހަރުގެ ޕައިލެޓެއް

އޭމީއަށްޓަކައި އޭނާގެ މުޅި ޢާއިލާގެ ދިރިއުޅުން ވަނީ ކުއީންސްލަންޑްއިން ވެސްޓަރން އޮސްޓްރޭލިއާ ސަރަޙައްދަށް ބަދަލު ކޮށްފައެވެ. އެއީ ވައިގެ އުދުހުންތަކުގެ ދާއިރާއިން ކުރިއަށް ދިއުމަށް އޭމީއަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަ ކޮށްދިނުމަށްޓަކައެވެ. ވެސްޓަރން އޮސްޓްރޭލިއާއިން އަމާޒު ހިފާފައި އޮތީ ކަރަންޓު ހަކަތައިން އޮޕަރޭޓް ކުރާ ވައިގެ ސިނާޢީ ހަބަކަށް ވުމަށެވެ. 2025 ވަނަ އަހަރު، ފަތުރުވެރިންނަށްވެސް އެ ފަދަ ފްލައިޓްތަކުގައި ދަތުރު ކުރުމުގެ ފުރުޞަތު ދިނުމަކީވެސް އަމާޒެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް