ކޯޗު ޕެޕް ގާޑިއޯލާ ފުރުޞަތު ދިން ޒުވާން ކުޅުންތެރިން ލަނޑު ޖަހައިގެން, ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގެ ފަހު މެޗުންވެސް މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.
މިމޮޅާއެކު ޗެމްޕިއަން ސިޓީ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ހަ މެޗުންވެސް މޮޅުވެ, ސައްތައިން ސައްތަ ރެކޯޑާ އެކުއެވެ. ޕްރިމިއަރ ލީގުގެ ނަތީޖާތައް ދަށްވިޔަސް, ޗެމްޕިއަންސް ލީގުގައި ސިޓީން އަންނަނީ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަމުންނެވެ. ފުރަތަމަ އެގާރަ މުޅިންހެން ބަދަލުކޮށްގެން ނިކުއިތް ސިޓީން ފަހު މެޗުގައި ސަރބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އަތުން މޮޅުވީ 3-2 ނެވެ. މެޗުގައި ސިޓީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ނުވަ އަހަރުން ފެށިގެން ސިޓީގެ އުމުރު ފުރާ ޓީމްތަކަށް ކުޅެމުން އައިސް ސީނިއަރ ޓީމުން ފުރަތަމަ ފަހަރަށް ޖާގަހޯދި ހަމިލްޓަން އެވެ. 20 އަހަރުގެ ހަމިލްޓަން ސިޓީއަށް ލީޑް ނަގައިދިނީ 19 ވަނަ މިނިޓްގައެވެ. ދެވަނަ ހާފްގައި ސިޓީގެ ދެވަނަ ލަނޑު ޖެހީ މެޗުން ގާޑިއޯލާ ފުރުޞަތު ދިން ޒުވާން ކުޅުންތެރިންގެ ތެރެއިން ބޮބް އެވެ. މުޅި މެޗުގައި ވެސް ޓީމްގެ އެންމެ ކުރިއަށް ގާޑިއޯލާ ކުޅުވީ އޮސްކާ ބޮބް އެވެ. 20 އަހަރުގެ ބޮބް އަކީވެސް ސިޓީގެ އެކަޑަމީން ތަމްރީނު ކުރި ކުޅުންތެރިއެކެވެ. ސިޓީން ދެ ލަނޑު ޖެހިފަހުން ރެޑް ސްޓާގެ ހުވަން އިން-ބެއޮމް ލަނޑެއް ޖަހާ ފަރަގު ކުޑަކުރިއެވެ. އެކަމަކު ސިޓީއަށް ލިބުނު ޕެނަލްޓީ އަކުން އިނގިރޭސި މިޑްފީލްޑަރ ކަލްވިން ފިލިޕްސް ލަނޑު ޖަހާ ސިޓީން އަލުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ރެޑް ސްޓާ އިން ފަރަގު ކުޑަކުރީ މެޗުގެ އިތުރު ވަގުތުގައި ކަޓާއީ ޖެހި ލަނޑުންނެވެ.
ގްރޫޕް ސްޓޭޖްގެ ހަ މެޗުންވެސް މޮޅުވެ މިފަހަރުގެ ޗެމްޕިއަންސް ލީގު ދެވަނަ ބުރަށް ދަތުރުކުރީ ދެޓީމެވެ. އެއީ ސިޓީގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑެވެ.