ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މަގާމުން ވަކިކުރުމުން އެ ގައުމުގެ ގައުމުގެ ގައުމީ ޓީމާ ހަވާލުވާން ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޯޓީ ހިނގައިދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.
އިޓަލީގެ ކޯޗު އެންޗެލޯޓީ މިވަގުތު ހުރީ ރެއާލް މެޑްރިޑްގެ ކޯޗަކަށެވެ. އޭނާ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން ހަމަޖެހިފައި އޮތީ މި ސީޒަން ނިމުމުންނެވެ. މިހެންވެ ކޮންޓްރެކްޓް އައުކުރުމުގެ ވާހަކަތައް ރެއާލް މެޑްރިޑުން ވެސް މާބޮޑަށް ނުދައްކައެވެ.
ބްރެޒިލްއިން ގައުމީ ކޯޗަކު ހަމަނުޖައްސައި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން އެ ތިބީ ވެސް އެންޗެލޯޓީގެ އިންތިޒާރުގައެވެ. އަދި އޭނާ ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ފަރާތަކީ ވެސް މަގާމުން ދުރުކުރި ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒްއެވެ.
އޭނާ މަގާމުން ވަކިކުރީ ބްރެޒިލްގެ ކޯޓަކުންނެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފުކޮށް އަލުން މަގާމަށް ރުޖޫއަވުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ. ނަމަވެސް އޭގެ ކުރިން ފީފާގެ ސަސްޕެންޝަނެއް ބްރެޒިލަށް ކުރިމަތިވެ، އެތައް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
ސްޕޭނުގެ ނޫސްތަކުން ބުނަނީ އެންޗެލޯޓީ ރެއާލް މެޑްރިޑުގައި ބަހައްޓަން އެކުލަބުން ބޭނުންވާ ކަމަށެވެ. މިހެންވެ މި ވަގުތަކީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަގުތުގެ ބޭނުން ހިފައި އެންޗެލޯޓީ ލައްވައި އައު އެއްބަސްވުމެއްގައި ސޮއިކުރުވާނެ ވަގުތަށްވުން ކައިރި ކަމަށެވެ.