ކ. މާލެ
|
6 ޑިސެންބަރ 2023 | ބުދަ 20:36
ދެކުނު އެފްރިކާ ގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ
ދެކުނު އެފްރިކާ ގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ
ގެޓީ އިމޭޖަސް
ނެލްސަން މަންޑޭލާ
މަންޑޭލާ "މެޖިކް" އަދިވެސްއެގޮތުގައި އެބައޮތްތަ؟
 
ދެކުނު އެފްރިކާގެ މުއްސަނދި ކަމުގެ 80 އިންސައްތަ ނިސްބަތް ވަނީ އާބާދީގެ އެންމެ ދިހަ އިންސައްތަޔަށް

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއަކީ މުޅި ދުނިޔޭންވެސް އެންމެ ނުފޫޒުގަދަ އެއްބޭފުޅާގެ ގޮތުގައި ތާރީޚްގައި ލިޔެވިގެން ގޮސްފައިވާ ބޭފުޅެކެވެ. އަދި މަންޑޭލާ އަށް ވަނީ "ފާދަރ އޮފް ދަ ނޭޝަން"ގެ ލަގަބުވެސް އަރުވާފައެވެ. ގައުމެއްގެ 80 އިންސައްތަ އާބާދީ އެއްއިރެއްގައި އެބޭފުޅަކަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި ބޭފުޅެކެވެ.

ނަމަވެސް ސުވާލަކީ މިއަދުގެ ޒުވާނުންގެ މެދުގައި މަންޑޭލާ "ޖާދޫ" އެގޮތުގައި އެބައޮތް ތޯއެވެ.

ޑިސެމްބަރު ފަސްވަނަ ދުވަހަކީ މަންޑޭލާ އަވަހާރަވިތާ 10 އަހަރު ފުރުނު ދުވަހެވެ. އެދުވަހާ ދިމާކޮށް ބީބީސީ އިން ހެދި ރިޕޯޓަކަށް ޖަވާބު ދެމުން 26 އަހަރުގެ ޒުވާނެއްކަމަށްވާ، ދެކުނު އެފްރިކާގެ ތިންވަނަޔަށް އެންމެ ބޮޑުޕާޓީ އިކޮނޮމިކް ފްރީޑަމް ފައިޓަރސްގެ ލީޑަރ ލޮންޒީ ބުނީ އޭނާ މަންޑޭލާ ދެކެ ލޯބި ވާކަމަށެވެ. އަދި ހަމައެއާއެކުއެކީ ނަފްރަތުވެސް ކުރެވޭ ކަމަށެވެ. ސަބަބެއްކަމަށް އޭނަބުނީ ދެކުނު އެފްރިކާގައި މިއަދު އޮތް މުއްސަނދި ކަމުގެ ބޮޑު ފަރަގު އޮތީ މަންޑޭލާ އެދުވަހު ކަންތައް ކުރެއްވި ގޮތުން ކަމަށް ގަބޫލު ކުރާތީ އެވެ.

ދެކުނު އެފްރިކާގައި އޮތް ދޮނާއި ކަޅުގެ ހަނގުރާމަ ނުވަތަ "އެޕާތެއިޑް" ނިމުމަކަށް ގެންނެވުމަށް މަންޑޭލާ އިސްވެ ހުންނަވައިގެން ވަނީ ދިގު ޖިހާދެއް ކުރައްވާފައެވެ. އަދި 27 އަހަރު ޖަލުގައި ހޭދަ ކުރައްވާފައި ވެއެވެ. އެއަށްފަހު 1994 ވަނަ އަހަރު ވަނީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ހޮވި ވަޑައިގެންނެވި ފުރަތަމަ ކަޅު ނަސްލުގެ ރައީސް އަށް ވެވަޑައިގެންފައެވެ. ނަމަވެސް އެއްދައުރު ވެރިކަން ކުރެއްވުމަށް ފަހު ވަކިވެ ވަޑައިގެންނެވިއެވެ. އަދި އުމުރުފުޅުން 95 އަހަރުފުޅުގައި، 5ޑިސެމްބަރު 2013ގައި އަވަހާރަވެފައިވެއެވެ. ގައުމު އެއްކޮން ރޮއްވާލާފައެވެ.

ޒުވާން ލީޑަރު ލޮންޒީ ބުނި ގޮތުގައި އޭރު އޮތް ދޮންމީހުންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވުނު މަޝްވަރާތަކުގައި މަންޑޭލާ މާބޮޑަށް ދޫދެއްވީއެވެ. އޭނާ ބުނި ގޮތުގައި މަންޑޭލާ ގައުމަށް ސިޔާސީ މިނިވަންކަން ހޯއްދަވާ ދެއްވި އެވެ. ނަމަވެސް އިގްތިސާދީ މިނިވަންކަން ހޯއްދަވައެއް ނުދެއްވައެވެ.

1990 ވަނަ އަހަރު މަންޑޭލާ ވައުދުވެ ވަޑައިގެންފައިވަނީ ވެރިކަން ލިބި ވަޑައިގެންފި ނަމަ ގެންނަވާނެ އިގްތިސާދީ ބަދަލު ތަކުގެ ތެރޭން މައިން ތަކާ ބޭންކު ތައް ނެޝަނަލައިޒް ކުރައްވާނެ ކަމުގައެވެ. ނަމަވެސް ނެޝަނަލައިޒް ކުރުމަކީ އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނެ ކަމެއްކަމަށް ބައްލަވާ އަދި "ޓްރާންސިޝަން" ގައި މައްސަލަ ތައް ކުޑަ ކުރެއްވުމަށްޓަކައި މަންޑޭލާ ފަހުން އެޕޮލިސީ ދޫކޮށްލެއްވީ އެވެ.

ދެކުނު އެފްރިކާއަކީ މިއަދު މުއްސަދި ކަމުގެ ގޮތުން ހަމަ ހަމަކަމެއް ނެތް ގައުމަކަށް ވެފައިވަނީ މިކަމުގެ ސަބަބުން ކަމަށް ޒުވާނުން ގަބޫލު ކުރެއެވެ.

ވަރލްޑް ބޭންކް އިން 2022 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ދެކުނު އެފްރިކާގެ މުއްސަނދި ކަމުގެ 80 އިންސައްތަ ނިސްބަތް ވަނީ އާބާދީގެ އެންމެ ދިހަ އިންސައްތަޔަށެވެ. އެގައުމުގައި އިގްތިސާދީ ގޮތުން އޮންނަ ބޮޑު ތަފާތު ބިނާވަނީ ނަސްލުގެ މައްޗަށް ކަމަށް ބުނެފައި ވެއެވެ.

އާބާދީގެ ކުޑަ އިންސައްތަ އެއްކަމަށްވާ ދޮންމީހުން އެޕާތެއިޑް ޒަމާނުގައި ގަދަބާރުންނާއި އެކި ގޮތް ގޮތުން ޖަމާކޮށްފައިވާ މުއްސަންދިކަން އަދިވެސް ހުރީ އެމީހުން އަތުގައެވެ. މިހެން ވުމުގެ ސަބަބުން އިގްތިސާދީގޮތުން ކުރިޔަށް ދިއުމަށް ޒުވާނުންނަށް، ޚާއްސަކޮން ކަޅު ޒުވާނުން ނަށް ހުރި ފުރުސަތުތައް ވަރަށް މަދެވެ.

ޒުވާން ލީޑަރަކު ބުނެފައިވާ ގޮތުން މަންޑޭލާގެ ހުވަފެންތަކާ މިއަދު ޒުވާނުން އުޅެންޖެހިފައިވާ ހަގީގީ ހާލަތު ވަރަށް ވެސް ތަފާތެވެ.  

ކަޅު ޒުވާން އާބާދީގެ 60 އިންސައްތަ ވަޒީފާނެތިފައި ތިބިއިރު މީހުން މެރުމާ ޑްރަގް ގެ ކަންތައް ވަނީ ވިހި އަހަރު ނުދާހާ މައްޗަށް ގޮސްފައެވެ.

ޔޫއެންގެ ފައުންޑޭޝަން އެއްގައި މަސައްކަތް ކުރާ 24 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ބުނީ ތިމަންނަ ސިކުޑީގައި އަބަދު އެނބުރޭ ސުވާލަކީ އަމިއްލަ އާއިލާއެއް ފެށެންދެން އަހަރެން ދުނިޔޭގައި ހުންނާނެ ބާވައެވެ، މިސުވާލެވެ. ފަގީރުކަން ބޮޑުވެ އާންމުވާ ބޮޑެތި ޖަރީމާ ހިންގުމާއި، މީހުން މެރުމާއި މާރާމާރީގެ ތެރެއިން އޭނާގެ އެތައްރައްޓެހިން މިދުނިޔެ ދޫކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އެކަންކަމަކީ މަންޑޭލާ ކަންތައް ކުރެއްވި ގޮތުން ވާގޮތެއް ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ.

ދެކުނު އެފްރިކާ މިއަދު ދެކެމުންދާ ފެއިލް ވުންތަކަކީ މަންޑޭލާ ގެ ކުށް ކަމަށް ގަބޫލު ނުކުރާ ބައިވަރު އެހެން ޒުވާނުންވެސް އެބަތިއްބެވެ. އޭއެންސީ ގެ ޔޫތުވިންގ ގެ ލީޑަރު ބުނި ގޮތުގައި އޭނާގެ މައިންބަފައިންގެ ގޭގެ ސިޓިންގ ރޫމްގައި މަންޑޭލާގެ ފޮޓޯ ފުޅެއް ބަހައްޓާފައި ހުރެއެވެ. އަދި އޭނާވެސް އުންމީދު ކުރަނީ އޭނާގެ އަމިއްލަގެޔެއް އެޅޭދުވަހަކުންވެސް މަންޑޭލާގެ ފޮޓޯ ފުޅެއް ބެހެއްޓުމަށް ކަމަށް ބުނެފައި ވެއެވެ. އޭނާއަބަދުވެސް މަންޑޭލާއަށް އިހުތިރާމް ކުރާނެ ކަމަށާ އެއީ ދެކުނު އެފްރިކާއަށް އިންގިލާބީ ބަދަލެއް ގެނެސް ދެއްވި އާދަޔާޚިލާފް ޝަޚުސިއްޔަތެއްކަމަށް ބުނެފައި ވެއެވެ. ކަޅު މީހުންނަށް ތައުލީމް ގެ ފުރުސަތު ފުޅާކޮށް އަދި ގެދޮރުގެ ދަތިކަން ފިލުވައިދިނުމަށް ކުރެވޭ މަސައްކަތަކީ މަންޑޭލާ ފެއްޓެވި ކަންތައްކަމަށް އޭނާ ބުނެފައި ވެއެވެ. ނަސްލީ އިމްތިޔާޒު ގެންގުޅުނު ދޮންމީހުންގެ ވެރިކަމަށް މަންޑޭލާ މާބޮޑަށް ދޫ ދެއްވީ ކަމަށް ބުނާ ބުނުން އޭނަ ދޮގު ކޮށް ބުނެފައި ވަނީ އެދުވަހު މަންޑޭލާ އެގޮތަށް ކަންތައް ނުކުރެއްވިނަމަ މަދަނީ ހަނގުރާމައެއް ފެށުނީހެވެ. އޭނާ ބުނީ އިގްތިސާދު ރަގަޅު ކުރުން މިހާރު މިއޮތީ މިއަދުގެ ޒުވާނުންގެ އަތްމައްޗަށް އައިސްފައި ކަމަށާ އެކަން ރަގަޅު ކުރަންޖެހޭނީ އަމިއްލަޔަށް ކަމަށެވެ.

މިހާރު އުފެދޭ ސުވާލަކީ އަންނަ އަހަރު އޮންނަ އާންމު އިންތިޚާބުގައި މަންޑޭލާ ދެކެލޯބިވާ މީހުންގެ ލޯބި ފެނިދާނެތޯއެވެ؟ ޒުވާން ލީޑަރަކު ބުނި ގޮތުގައި މަންޑޭލާގެ "ޖާދޫ"ގައި ޖެހި މީހުން "ހިޕްނޮޓައިޒް" ވީކަން އެއީ ހަގީގަތެކެވެ. ނަމަވެސް އެކަން މިއަދު ވަނީ "އެކްސްޕަޔަރީ ޑޭޓް" ހަމަވެފައި ކަމަށް އޭނާ ބުނެފައި ވެއެވެ. އަދިވެސް ތަންކޮޅެއް އުމުރުން ދުވަސްވީ މީހުން އެގޮތުގައި ތިބެދާނެ ކަމަށާ ނަމަވެސް ޒުވާނުން ތިބީ ނާއުންމީދު ވެފައިކަމަށް އޭނާ ބުނެފައި ވެއެވެ.     

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް