ކ. މާލެ
|
6 ޑިސެންބަރ 2023 | ބުދަ 19:21
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވާހަކަފުޅުދައްކަވަނީ
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
ހިޔާ ފްލެޓްގައި ލިފްޓް ހަރުކުރުން
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
އެއް ލިފްޓަކީ ސްޓްރެޗަރ އުފުލޭވަރުގެ ބޮޑު ލިފްޓެއް، އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް
ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ގާއިމްކުރާނެ

ހިޔާ ފްލެޓް ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް، އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު އާބަންކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ، އެމަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ރަައްޔިތުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ހައްލުކުރުމުގެ ގޮތުން ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައެވެ.

Advertisement

ލިފްޓް ހަރުކުރުމާ ގުޅޭގޮތުން މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ގާއިމްކުރާނެ ކަމަށާއި، އެއް ލިފްޓަކީ ސްޓްރެޗަރ އުފުލޭވަރުގެ ބޮޑު ލިފްޓެއް ކަމަށެވެ. އަދި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ކަމެއްވެސް ހަމަޖެހޭނެ ކަމަށެވެ.

ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށި އެންމެ ފުރަތަމަ އެެއް މަޝްރޫއެވެ. މި މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓެވެ. ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ޓަވަރުތަކުގައި ތިން ލިފްޓު ހުރެއެވެ. ނަމަވެސް ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމުގައި ދަތިތައް ވަނީ ކުރިމަތިވެފައެވެ. ބައެއް ފަހަރު ލިފްޓަށް އަރަން ބޮޑު ކިޔޫއެއްގައި ހުންނަންޖެހޭ ކަމަށް އެ ޓަވަރުތަކުގައި ދިރިއުޅޭ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް