އައްޑޫސިޓީގައި ހިންގި މާރާމާރިއެއްގައި 20 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.
އާދިއްތަ ދުވަހު ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް މެންދުރުފަހު 15:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީގައި ތޫނު އެއްޗަކުން ހަމާލާ ދީ 20 އަހަރުގެ ދިވެހި ފިރިހެނެއް ޒަހަމްކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އެ ޒުވާނާއަށް ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިމަރާމާރީގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އާދިއްތަ ދުވަހު އިތުރު ޒުވާނަކު ޒަހަމްކޮށްލާފައިވާއިރު، މިމަހުގެ 1 ވީ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ. ޒަހަމްވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އައްޑޫ ސިޓީގައި ހިނގާ ދިޔަ މާރާމާރީ އާ ގުޅުންހުރި ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމަށެވެ. އެގޮތުން މިހާތަނަށް 4 މީހަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި އަދި 23 އަހަރުގެ މީހުނެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ ޓީމުތައް އައްޑޫ ސިޓީއަށް ވަނީ ފޮނުވާފައެވެ.
މީގެއިތުރުން މިދުވަސްވަރު މާލެ ސިޓީގައިވެސް އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު މާލޭގައި ހިނގާދިޔަ މާރާމާރީ އާއި ޑިސެމްބަރ 1 ގައި އައްޑޫ ސިޓީގައި ހިނގާދިޔަ މާރާމާރީއާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާކަމަށެވެ.