ކ. މާލެ
|
2 ޑިސެންބަރ 2023 | ހޮނިހިރު 23:14
ޔޫރޯ 2012ގެ ފައިނަލްގައި ސްޕޭނާއި އިޓަލީ ކުޅުނު މެޗުގެ ތެރެއިން
ޔޫރޯ 2012ގެ ފައިނަލްގައި ސްޕޭނާއި އިޓަލީ ކުޅުނު މެޗުގެ ތެރެއިން
ޑެއިލީ މެއިލް
ޔޫރޯ 2024
ޔޫރޯ 2024: ސްޕޭނާއި އިޓަލީ އަދި ކްރޮއޭޝިޔާ އެއްގްރޫޕަކަށް
 
ފްރާންސާއި ނެދަލޭންޑްސް ވެސް ހިމެނުނީ އެއް ގްރޫޕެއްގައި
 
މުބާރާތް ހުޅުވައިދޭނީ ޖަރުމަނާއި ސްކޮޓްލޭންޑް

އަންނަ އަހަރުގެ ޖޫން މަހު ޖަރުމަނުގައި ބާއްވާ ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ޔޫރޯގައި ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ސްޕޭނާއި އިޓަލީގެ އިތުރުން ވަރުގަދަ ކްރޮއޭޝިޔާ އެއް ގްރޫޕަކަށް ހިނގައްޖެ އެވެ.

ޖަރުމަނުގެ ހެމްބާގްގައި މިރޭ ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި ޖަރުމަނާއެކު މުބާރާތް ހުޅުވައިދޭނެ ގައުމަކަށް ހަމަޖެހުނީ ސްކޮޓްލޭންޑެވެ. ޖަރުމަނާއި ހަންގޭރީ އާއި ސްކޮޓްލޭންޑްއާއެކު ގްރޫޕް އޭގައި ހިމެނުނު ފަހު ގައުމަކީ ސްވިޒަލޭންޑެވެ.

ގްރޫޕް ބީގައި ހިމެނުނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕޭން އާއި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި އަލްބޭނިއާ އާއި ކްރޮއޭޝިޔާ އެވެ. މީގެ ތެރެއިން އިޓަލީ އާއި ސްޕޭނަކީ 2012 ވަނަ އަހަރުގެ ފައިނަލް ކުޅުނު ދެ ޓީމެވެ. އެ ފަހަރު ސްޕޭން ތަށި ދިފާއު ކުރީ 4-0އިން އިޓަލީ ބަލިކޮށްގެންނެވެ.

ޔޫރޯ 2024ގެ ޑްރޯ ސެރެމޮނީގެ ތެރެއިން - ޑެއިލީ މެއިލް

ގްރޫޕް ސީގައި ހިމެނެނީ އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލް ކުޅުނު ރަނަރަބް އިންގްލޭންޑް އާއި ޑެންމާކްގެ އިތުރުން ސްލޮވީނިއާ އާއި ސާބިއާ އެވެ.  

ގްރޫޕް ޑީގައި ހިމެނެނީ ފްރާންސް އާއި އޮސްޓްރިއާ އާއި ނެދަލޭންޑްސް އެވެ. ޕްލޭއޯފް ކުޅެގެން މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ޕޮލެންޑް، ވޭލްސް، ފިންލެންޑް އަދި އެސްޓޯނިއާގެ ތެރެއިން ކޮންމެވެސް އެއް ގައުމަކަށެވެ.

ގްރޫޕް އީގައި ހިމެނެނީ ބެލްޖިއަމް އާއި ރޫމޭނިއާ އާއި ސްލޮވާކިޔާ އާއި ޕްލޭއޯފް ކުޅެންޖެހިފައިވާ އެއް ގައުމެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ އިޒްރޭލް، ބޮސްނިއާ، ޔުކްރޭން އަދި އައިސްލޭންޑްގެ ތެރެއިން ކޮންމެވެސް އެއް ގައުމަކަށެވެ.

ގްރޫޕް އެފްގައި ހިމެނެނީ 2016ގެ ޗެމްޕިއަން ޕޯޗުގަލް އާއި ތުރުކީ އާއި ޗެކްރިޕަބްލިކެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ޖޯޖިއާ، 2004ގެ ޗެމްޕިއަން ގްރީސް، ކަޒަކްސްތާން، ލަގްޒެމްބާގްގެ ތެރެއިން ކޮންމެވެސް އެއް ގައުމަކަށެވެ.

ޔޫރޯ 2024ގެ ޑްރޯ ސެރެމޮނީގެ ތެރެއިން - ޑެއިލީ މެއިލް

ގުރުނެގުމުގެ ރަސްމިއްޔާތު ނިމުމާއެކު ހެމްބާގެގެ މައި ބަދަރުން ކޮންޓޭނަރުތަކެއްގެ ސިފާގައި ޔޫރޯގައި ކުޅޭ ޓީމުތައް ދިއްލާލި އެވެ. ޖަރުމަނުގައި ޔޫރޯ ފަށާނީ ޖޫން 14ގަ އެވެ. ފައިނަލް މެޗު ކުޅެނީ ޖުލައި 14ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް