ސެންޓާރާ ރަސްފުށީގައި ފުޓްސަލް ދަނޑެއް ހުޅުވައިފި އެވެ.
ސެންޓާރާ ރަސްފުށީގެ ސްޓާފް ރެސްޓޯރެންޓް އަދި ބާ ހިންގުމާ ހަވާލުވެހުރި ފުޑް ސްޓަފް ޕްރައިވެޓް ލިމިޓެޑްގެ ކޯޕަރޭޓް ރެސްޕޮންސިބިލިޓީ ގެ ދަށުން ކޮންޓްރެކްޓް އުސޫލުން އަޅައިދިން މި ދަނޑު ހުޅުވައިދެއްވީ އެފްއޭއެމް ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.
ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ސެންޓާރާގެ ޖެނަރަލް މެނޭޖަރު ނިން އާއި ފުޑް ސްޓަފް ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދަނޑު ހުޅުވުމުގެ ގޮތުން ހާއްސަ ފުޓްސަލް މެޗެއް ވަނީ ކުޅެފައެވެ. ސެންޓާރާ ގްރޭންޑް އަދި ސެންޓާރާ ރަސްފުށި ބައްދަލުކުރި މި ފޯރިގަދަ މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސެންޓާރާ ރަސްފުށްޓެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެންޓާރާ ރަސްފުށީގެ އެސިސްޓެންޓް އެޗްއާރް މެނޭޖަރު ނަބީލް ބުނީ މިއީ ވަރަށް ގިނަ ސްޓާފުން ކުރި ބުރަ މަސައްކަތުން ކާމިޔާބުވި ކަމެއް ކަމަށާއި، މިކަން ފުރިހަމަ ކުރުމަށްޓަކައި މެނޭޖްމަންޓުން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.
ފުޑް ސްޓަފްގެ ފަރާތުން ސޮފްވާން ޝަމީމް ބުނީ މިއީ ސީއެސްއާރްގެ ދަށުން ސެންޓާރާ ސްޓާފުންނަށް ދިން ހަދިޔާއެއް ކަމަށާއި، މިކަމުގެ ސަބަބުން ސެންޓާރާ އާއި ފުޑް ސްޓަފްގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.
ސެންޓާރާ ރަސްފުށީގެ އަމާޒަކީ ކުރިޔަށް އޮތް ރިސޯޓް ފުޓްސަލް މުބާރާތްތައް ހޮސްޓްކުރުމެވެ. މީގެއިތުރުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ ސެޕްޓަމްބަރު މަހު ބާއްވާ ރިސޯޓު ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަކީވެސް އެ ރިސޯޓުގައި ދަނޑު އެޅުމުގެ އެއް އަމާޒެވެ.