ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައިވާ ދައުލަތުގެ ބިންތައް ހިންގައި ބެލެހެއްޓުމަށް ޙަވާލުކުރުމާއި ކައުންސިލްތަކަށް ބިން މިލްކުކޮށް ދިނުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބިން މިލްކު ކޮށްދިނުމުގެ ބާރު ކައުންސިލްތަކަށް ލިބިދިނުމުގެ ގަވާއިދު ހަދައި، އަންގާރަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.
ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްތަކުގެ ނަމުގައި ބިން ހޯދުމާއި، ބިން މިލްކުކުރުމާއި، އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ތަންތަނުގައި އިންވެސްޓްކުރުމާއި، އެފަދަ އިންވެސްޓްމަންޓްތަކުން ކައުންސިލްތަކަށް ފައިދާ ލިބިގަތުމަށް މަގުފަހިކޮށްދިނުން މި ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.
މި ގަވާއިދުގެ ދަށުން ކައުންސިލްތަކާ ހިންގައި ބަލަހައްޓަން ޙަވާލުކުރެވޭނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ އެންމެހާ ބިންތައް ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
މިޤަވާއިދުގައި ބުނާ ގޮތުން ކައުންސިލާ ހަވާލުކުރާ ބިންތަކުގެ މިލްކުވެރި ފަރާތަކީ، ދިވެހި ދައުލަތެވެ. އަދި މި ބިންތައް ކައުންސިލާ ހަވާލުކުރެވެނީ ހަމައެކަނި ހިންގައި ބެލެހެއްޓުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.
ކުރިން އޮންނަ ގަވާއިދުގައި ކައުންސިލްތަކަށް ބިން މިލްކުކޮށްދެވޭ ގޮތަކަށް ނޯވެއެވެ.
އަލަށް އަމަލުކުރަން ފެށި ގަވާއިދު ބުނާގޮތުން ރައްޔިތުންނަށް ހިންގާ އިގްތިސާދީ ނުވަތަ އިޖްތިމާއީ މަޝްރޫއުތަކަށްޓަކައި ކައުންސިލަކަށް ބިމެއް މިލްކުކޮށް ދެވިދާނެ އެވެ. އެގޮތަށް ބިމެއް މިލްކުކޮށް ދެވޭނީ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އަދި ދެ ފަރާތުގެ ދެމެދުގައި ހެދޭ އެއްބަސްވުމުންގެ ދަށުން ކަމަށް އާ ގަވާއިދުގައިވެ އެވެ.
އެގޮތަށް ބިމެއް މިލްކުކޮށް ދީފި ނަމަ އެ ބިމެއް އެ ކައުންސިލެއްގެ ނަމުގައި ހައުސިން މިނިސްޓްރީން ރަޖިސްޓަރީ ކޮށްދޭން އެ ގަވާއިދު ލާޒިމް ކުރެއެވެ. ނަމަވެސް މިލްކު ކޮށްދީފައިވާ ބިމެއް ވަކި ހާލަތްތަކެއްގައި ސަރުކާރަށް ނެގުމުގެ ބާރު ގަވާއިދުގެ ދަށުން ހައުސިން މިނިސްޓްރީ އަށް ލިބެއެވެ.
އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ ނުވަތަ ލޭންޑް ޔޫސް ޕްލޭނާ ޚިލާފުވުން ނުވަތަ ގާނޫނުތަކާ ޚިލާފުވެއްޖެ ނަމަ ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ ކަމަކަށް ނުވަތަ ގައުމީ ސަލާމަތުގެ ބޭނުމަކަށް އެ ބިން އަނބުރާ ނެގުމަށް ސަރުކާރުން ނިންމައިފި ނަމަ އެފަދަ ބިމެއް ސަރުކާރަށް އަނބުރާ ނެގިދާނެކަމަށް ގަވާއިދުގައި ވެއެވެ.