ހިޔާ ފުލެޓުގެ ފިނިޝިންގ މަސައްކަތް ނިންމަން ހަރަދުކުރި ފައިސާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއްގައި އެފައިސާ ނުދޭން ނިންމިކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް "އެކްސް" އަށް ޕޯސްޓްކުރައްވާ އަރބަންކޯ އާ އަލަށް ހަވާލުވެވަޑައިގެންނެވި އެމްޑީ ވިދާޅުވީ އެޚަބަރަކީ ދޮގު ޚަބަރެއްކަމަށެވެ. ފަޒުލު މިމޭރުމުން ވާހަކަދައްކަވާފައިވާއިރު އަންނަ އަހަރުގެ ބަޖެޓަށް ބަހުސްކުރައްވަމުން ކޮންމެ ފްލެޓަކަށް 200،000 ރުފިޔާ ދޭން ބަޖެޓް ކޮމިޓީ އޮތީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ، އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް ހުޅުމާލޭ ހިޔާ ސަރަހައްދުގައި ސެޕްޓެމްބަރ 13 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އިމާރާތްތަކަށް މީހުން ވައްދަން ނިންމާފައި އޮތީ އިމާރާތް ފިނިޝިން ނިންމުމަށްފަހު އެވެ. ނަމަވެސް މި ސަރުކާރުން އެތަން ދިނީ ފިނިޝިން މަސައްކަތް ނުނިންމައެވެ. އެހެން ދިނުމުން އެތަނަށް ބަދަލުވީ މީހުން އަތުން ވަރަށް ބޮޑު ހޭދައެއް ހިނގާފައިވާ ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ ރައީސް ކަމަށް އާދެވިއްޖެނަމަ އެ ފައިސާ އަނބުރާ ދެއްވާނެކަމަށެވެ.
"އެވްރެޖު އަގެއް، އިރާދަކުރެއްވިއްޔާ ދެ ލައްކަ ރުފިޔާ، އެހާކަށްހާވަރު ކޮސްޓުން ކަނޑައިދޭނަން،" ރައީސް އޭރު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓެއް ލައިދެއްވާ އެތަނުގައި އެކި ހިދުމަތްތައް ގާއިމުކޮށްދެއްވާ، އެ ތަނަކީ އުޅެން ހިތްފަސޭހަ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.