Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 23:14
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރުކުރިތާ މިއަދަށް ވަނީ ހަފްތާއެއް ވެފައި
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރުކުރިތާ މިއަދަށް ވަނީ ހަފްތާއެއް ވެފައި
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ފާރިސް އަނެއްކާ ވެސް މާފުށި ޖަލަށް!
ފާރިސް މާފުށީ ޖަލަށް ބަދަލުކުރީ މިރޭގެ ވަގުތެއްގައި
މި ގޮތަށް އެއް ޖަލުން އަނެއް ޖަލަށް ބަދަލުކުރުމަކީ ފާރިސްއަށް ދެވޭ އަނިޔާއެއް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު އަނެއްކާ ވެސް  މަފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފާރިސްގެ ގާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ، ފާރިސް މާފުށީ ޖަލަށް ބަދަލުކުރީ، އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަންގާރަ ދުވަހުގެ ހެނދުނު ބައްދަލުވި ކަމަށާއި، ފާރިސް ހުންނެވީ ގަދަކޮށް ކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.

 

މިމަހުގެ 18 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކުރުމަށް ފަހު ފުރަތަމަ ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށެވެ. އެހެންނަމަވެސް ހައްޔަރުކުރިތާ ދެ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު ފާރިސް މާފުށީ ޖަލަށް ބަދަލުކުރެވުނެވެ. އަދި އޭގެ ދެ ދުވަސްފަހުން މިދިޔަ ހޮނިހިރު ދުވަހު އަނެއްކާ ވެސް ފާރިސް ދޫނިދޫއަށް ބަދަލުކުރިއެވެ.

 

ވަކީލު މައުމޫނު ހަމީދު ވިދާޅުވީ، ފާރިސް ފުލުހުންގެ ބަންދުގައި ހުރި އިރު ކުއްލި ކުއްލިއަށް އެކި ތަންތަނަށް ބަދަލު ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފާރިސް މިއަދު މާފުށީ ޖަލަށް ދެވަނަ ފަހަރަށް ބަދަލުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރާއި، ފާރިސް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު މުއްދަތު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން އެ މައްސަލަ  އަންގާރަ ދުވަހު ވަނީ ބަލައިގެންފައެވެ.

 

ޝަރީއަތް ނިމެންދެން ފާރިސް ބަންދުކޮށްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާ މެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެ ނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ، ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ ކޯޓަށް ފިލާފާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފަނޑިޔާރަށް ހަބޫލުކުރެވިއްޖެ ހާލަތެއްގައި އޭނާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ.

 

ފާރިސްގެ މައްޗަށް ޖުމްލަ ތިން ތުހުމަތެއް ކޮށްފައި ވެއެވެ. އެގޮތުން ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުގެ ކުށާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން، 540 ވަނަ މާއްދާގެ ދަށުން ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓް ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅު ހެދުމުގެ ކުށުގެ ތުހުމަތު ކޮށްފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް