ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރަމުން އަންނަ ހަމާސްގެ ޖަމާއަތާއި، ފަލަސްތީނުގެ ބިންތައް ހިފައިގެން އުޅޭ އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ފުރަތަމަ ދުވަހަށް ކަނޑައަޅާފައިވާ މީހުން ދޫކޮށްލައިފިއެވެ.
އިސްރާއީލު ޖަލުތަކުގައި ތިބި 10،000އާ ގާތްކުރާ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން، ހުކުރު ދުވަހު މި އެއްބަސްވުމުގެ ދަށުން ދޫކޮށްލާފައިވަނީ 39 މީހުންނެވެ. އެއީ 17 ކުޑަކުދިންނާއި 22 އަންހެނުންނެވެ.
މިމީހުން އިސްރާއީލުގެ ޖަލުތަކުން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ހުޅަނގު އައްސޭރީގައި ހުންނަ، އިސްރާއީލުން ކޮންޓްރޯލްކުރާ ޖަލަކަށެވެ. އެއަށްފަހު އެ ޖަލުން އެމީހުން މިނިވަންކުރުމުގެ މަސައްކަތް ކޮށްފައިވަނީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ ބަސްތަކުގައެވެ.
ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 150 މީހުން މިނިވަންކުރުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު ވަނީ 300 މީހުން ދޫކޮށްލާނެކަން ހާމަކޮށްފައެވެ. މިއީ ރަހީނުން ބަދަލުކުރުމުގެ ދެވަނަ ބުރުގެ ދަށުން ދޫކޮށްލާ މީހުން ކަމެއް އަދި ސާފެއް ނޫނެވެ. އިސްރާއީލުން އެއްބަސްވެފައިވަނީ ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ތެރެއިން ދޫކޮށްލާ ކޮންމެ 10 މީހަކަށް އިތުރު އެއް ދުވަހަށް ހަމަލާ ނުދިނުމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ހަމާސްއިން ވަނީ ހުކުރު ދުވަހު 24 މީހުން ދޫކޮށްލާފައެވެ. އޭގެތެރޭގައި ތައިލެންޑަށް ނިސްބަތްވާ 10 މީހުންނާއި ފިލިޕީންސަށް ނިސްބަތްވާ އެކަކު ހިމެނެއެވެ. ސުލްހައިގެ އެއްބަސްވުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ބުނެފައިވަނީ، ދޫކޮށްލި ތައިލެންޑު ރައްޔިތުންނަކީ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ބައެއް ނޫންކަމަށެވެ. ހަމާސްއިން ގެންދިޔަ އަސީރުންގެ ތެރެއިން އިސްރާއީލު ނޫން އެހެން ގައުމަކަށް ނިސްބަތްވާ އެންމެ ގިނަ ރައްޔިތުންނަކީ ތައިލެންޑު ރައްޔިތުންނެވެ. އެގޮތުން ތައިލެންޑަށް ނިސްބަތްވާ 23 މީހުން ހަމާސްގެ އަތްދަށުގައި ވާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން، އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ހަމަލާތަކުގައި ތައިލެންޑުގެ 32 މީހުން ވަނީ މަރުވެފައެވެ.
ހުކުރު ދުވަހު އިސްރާއީލާއި އަދި އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ 13 މީހަކު ވަނީ ދޫކޮށްލާފައެވެ.
ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންވިނަމަވެސް، ހަނގުރާމަ ކުރިޔަށް ގެންދާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ވަނީ ބުނެފައެވެ.