ދިވެހި ގައުމަށާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއެކު ތިބުން ކަމަށް، އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ވެރިކަން ކުރާ ޕާޓީ ޕިއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރަމުން އަންނަ މައި ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު އެންމެފަހުން ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދުވުމުގެ މަސައްކަތްޕުޅު ފައްޓަވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީ އަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރާ ދެ ޕާޓީ ކަމަށެވެ. އަދި އެ ކޯލިޝަނުން ތިބީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް ޑރ. މުއިއްޒާއެކު ފިސާރި ސާބިތުވެ ކަމަށް ވިދާޅުވިއެވެ.
"މާތްﷲ ގެ ވާގިފުޅާއެކު ރައީސް މުއިއްޒުގެ ސަރުކާރު ވެގެން ދާނީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސް އެނބުރި ބެލުމެއްނެތި އަޅުގަނޑުމެން ދާނީ ކުރިއަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ފަސް އަހަރުގެ ވެރިކަމަށްފަހު ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހުމުން މުޅި އިދިކޮޅު ހިފަހައްޓައި، ހިންގުމުގައި އިސްކޮށް ހުންނެވި މޭސްތިރިޔާއަކީ އަބްދުއްރަހީމެވެ. އަދި ރިޔާސީ އިންތިޚާބާ ހަމައަށް ވެސް އިދިކޮޅުގެ އެންމެހާ ކަންކަން ބެލެހެއްޓެވީ ރައީސް ޔާމީންގެ ލަފާފުޅާ އެއްގޮތަށް އަބްދުއްރަހީމެވެ. އެންމެފަހު ވަގުތާ ހަމައަށްވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ޔާމީންކަމަށް ސަޕޯޓަރުންނަށް އެންމެ ބޮޑަށް ޔަގީންކަން ދެއްވަމުން ގެންދެވި ބޭފުޅަކީވެސް އަބްދުއްރަހީމެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެކަން ކޯޓުގެ ނިންމުމާއެކު ޔަގީންވުމުން، އިންތިޚާބު ބޮއިކޮޓްކުރުމަށް ޔާމީން އެންގެވުމުންވެސް އެއީ އާންމު މެންބަރުން ބޭނުންވި ގޮތާ ޚިލާފު ކަމަކަށްވުމުން އަބްދުއްރަހީމް އިސްނަންގަވައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަކު ނެރުއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ރައީސް މުއިއްޒަށް ވެރިކަން ހޯއްދަވައިދެއްވުމަށް ވެސް އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅާއަކީވެސް އަބްދުއްރަހީމެވެ.
މުއިއްޒުގެ ސަރުކާރުގެ ގިނަ މަގާމުތަކެއް އަބްދުއްރަހީމްގެ އާއިލީ ބޭފުޅުންނަށް ވަނީ ދެއްވާފައެވެ.