Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 19:21
ގާސިމްގެ ޝަރީއަތުގެ މަޖިލިސް ފެށޭނީ މިރޭ 8.00 ގައި
ގާސިމްގެ ޝަރީއަތުގެ މަޖިލިސް ފެށޭނީ މިރޭ 8.00 ގައި
ރާއްޖެ އެމްވީ
ގާސިމްގެ ޝަރީއަތް
ގާސިމްގެ ޝަރީއަތް ސިއްރުކޮށްފި!
ގާސިމްގެ ޝަރީއަތް ސިއްރު ކުރީ ކީއްވެ ކަމެއް ނޭނގޭ
މިއަދު ހެނދުނު އޮތް އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހަށް އެދުމުން އެ ފުރުސަތު ދެވެން ނެތްކަމަށް ކޯޓުން ވަނީ އަންގާފައި

އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަހެޖިފައި އޮތް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.

 

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާއާއި ގުޅިގެން އަޑުއެހުން ތާވަލުކޮށްފައިވަނީ މިރޭ އަށެއް ޖަހާއިރަށެވެ. ކްރިމިނަލް ކޯޓުން ވަނީ އެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓު ކުރި މީޑިއާތަކަށް ގުޅައި އަޑުއެހުން ސިއްރު ކުރަން ނިންމި ކަން އަންގާފައެވެ.

 

ގާސިމްގެ އަޑުއެހުން ސިއްރު ކުރި ނަމަވެސް ސިއްރު ކުރަން ނިންމީ ކީއްވެގެންކަން ކޯޓުން ހާމައެއް ނުކުރެއެވެ.

 

ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރުނުވުމުން އެ މައްސަލަ ބާތިލްކޮށް، އަނބުރާ ވަނީ ފޮނުވާލާފަ އެވެ. އެއިރު މައްސަލަ ބެއްލެވީ، ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފާއި، ގާޒީ އަހުމަދު ޝަކީލުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

 

ގާސިމްގެ މައްސަލަ ބާތިލްކޮށް، އަނބުރާ ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވަނީސް، ގާޒީ ބާރީ ޖުވެނައިލް ކޯޓަށް، އަދި ގާޒީ ޝަކީލް ފެމިލީ ކޯޓަށް ބަދަލުކުރުމަށް ކުރުމަށް ޖުޑިޝަލް ސާރވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމި އެވެ.

 

ކްރިމިނަލް ކޯޓުން މައްސަލަ ބާތިލްކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ އަލުން އަނބުރާ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. ފަހުން ހުށަހެޅި މައްސަލައިގެ ގަޒިއްޔާ ނަމްބަރަކީ 627 އެވެ. ކުރިން ތިން ދައުވާއެއް ކުރިއިރު، އެ މައްސަލަތަކުގެ ގަޒިއްޔާ ނަމްބަރުތަކަކީ 478، 479. އަދި 480 އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ކުރިން ކުރީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ. ނަމަވެސް ފަހުން ގާސިމްގެ މައްޗަށް ކޮށްފައިވަނީ ހަމައެކަނި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އެވެ.

 

އެ މައްސަލައިގައި މިއަދުގެ (އަންގާރަ ދުވަހު) ހެނދުނު 11:00 ގައި ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވަން އިންނެވީ ގާޒީ އާދަމް އާރިފް އެވެ. 

ގާޒީ އާދަމް އާރިފް ވިދާޅުވީ ކުރިން ކުރި ދައުވާގެ މައްސަލަ ބާތިލްކުރީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ގަސްތުގައި ކޯޓަށް ހާޒިރުނުވުމުން ކަމަށާއި، ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް ވަނީ ހަމަ އެއްވާހަކަތަކެއް ކަމަށެވެ. އެހެންކަމުން، ބާތިލްކުރި ގަޒިއްޔާ، ބާތިލްކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން މި ގަޒިއްޔާ ފެށުމަށް ނިންމަވާފައިވާ ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ.

 

އަޑުއެހުމަށް ގާސިމް ވަޑައިގެންނެވީ ވަކީލަކާ ނުލަ އެވެ. އާލާސްކަންފުޅާ އެޑްމިޓް ކުރުމަށް ފަހު ހޮސްޕިޓަލުން ގާސިމް ދޫކޮށްލިތާ 24 ގަޑިއިރު ވެސް ނުވާއިރު، ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. ނަމަވެސް، ގާޒީ އާރިފް ވިދާޅުވީ ގާސިމްގެ ބަލިހާލަތުގެ ކަންކަމުގައި ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދި ވަކީލުން ކޯޓަށް ވަޑައިގެންނެވި ކަމަށާއި، އަދި ގާސިމްގެ ހާލުކޮޅާ ގުޅިގެން މީޑިއާގައި ވެސް ވަކީލުން ވާހަކަދައްކަވާފައިވާތީ އެ މުއްދަތު ދެވެން ނެތް ކަމަށެވެ.

 

މިރޭ 8:00 އަށް އަޑުއެހުމެއް ތާވަލުކުރުމަށްފަހު، ގާޒީ އާރިފް ވަނީ ވަކީލުންނާއެކު ޝަރީއަތަށް ވަޑައިގަތުމަށް ގާސިމަށް އަންގަވާފަ އެވެ.

 

ގާސިމް ކޯޓަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ބޮޑީގާޑުގެ އަތުގައި ހިއްޕަވައިގެން ކޮރުޖައްސަވަމުންނެވެ. އަޑުއެހުމުގައި ވެސް ގާސިމް ވަނީ އާލާސްކަންފުޅާ އުޅުއްވާ ކަމާއި، ގިނަ ބޭސްތަކެއް ބޭނުންކުރައްވަން ޖެހިވަޑައިގެންފައިވާތީ ހަށިގަނޑު ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ވިދާޅުވެފަ އެވެ.

މިމަހުގެ 16 ވަނަ ދުވަހު ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރިގޮތަށް ދޫކޮށްލާފައިވަނީ ހޯމަ ދުވަހު އެވެ. ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައިވާތީ، ރާއްޖެއިން ބޭރަށް ފަރުވާއަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް