ކްލަބް ވެލެންސާގެ ގޯލް ބަލަހައްޓަމުން އައި ގައިމީ ޓީމުގެ ގޯލް ކީޕަރު އަހުމަދު ފައިސަލް އާއި ވިކްޓްރީއަށް ކުޅެމުން އައި ހަސަން އަހުމަދު (ސަޑޭ) އަދި މުހަންމަދު ރިލްވާން (ރިލޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިއްޖެއެވެ.
ފައިސަލް ކުޅެމުން އައި ވެލެންސިއާ އާއި ސަޑޭ އަދި ރިލޭ ކުޅެމުން އައި ވިކްޓްރީއަށް ވަނީ މިފަހަރުގެ ސީޒަން ނިމިފައެވެ. މި ދެޓީމަށްވެސް މާލެ ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ނުލިބި ދިވެހި ޕްރެމިއާ ލީގުން ފުރުސަތު ނުލިބުމުން ދެން ޖެހުނީ މާލެ ލީގުގެ ޕްލޭއޮފްގައި ކުޅޭށެވެ. ނަމަވެސް ސެކަންޑް ޑިވިޝަންގެ ދަގަ ދެޓީމް ކަމަށްވާ ކްލަބް ޒެފްރޯލް އާއި ކުޑަހެންވޭރު ޔުނައިޓެޑް ޕްލޭއިފްގައި ނުކުޅެން ނިންމުމުން އެފްއޭއެމް އިން ވަނީ ޕްލޭއޮފް ނުބާއްވާގޮތަށް ނިންމާފައެވެ. އެހެންކަމުން ވެލެންސިއާ އާއި ވިކްޓްރީގެ އިތުރުން ޔުނައިޓެޑް ވިކްތްރީ އާއި އީގަލްސް އަށްވެސް ވަނީ އަންނަ އަހަރުގެ މާލެ ލީގުން ޖާގަ ޔަގީންވެ މިފަހަރުގެ ސީޒަން ނިމިފައެވެ.
ކީޕަރު ފައިސަލް ނިއު އާއި ގުޅުނުއިރު، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހަންމަދު އަދި ކީޕަރި ޒިޔަޒަންވެސް މިވަގުތު ތިބީ ނިއުގައެވެ. ނަމަވެސް 17 އަހަރު ގައުމީ ޓީމުގެ ގޯޅް ބެލެހެއްޓި އިމްރާން މުހަންމަދު (އިންމަ) މިވަގުތު ހުރީ އަނިޔާގައެވެ.
ސަޑޭ އާއި ރިލޭ ވިކްޓްރީ ދޫކޮށް ނިއުއާއި ގުޅިފައި ވާއިރު، މިފަހަރުގެ ޓްރާންސްފާގައި ވިކްޓްރީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ވަނީ އެޓީމް ދޫކޮށްލާފައެވެ. ވިކްޓްރީގެ އެތެރޭގައި މައްސަލަތަކެއް ޖެހިގެން އުޅޭކަމަށް އަޑު ފެތުރެމުން ދާއިރު، އެކުލަބުގެ ކެޕްޓަން އިސްމާއިލް އީސަ (މެސީ) އާއި، ކީޕަރު މަހްމޫދު އާއި، ފޯވާޑް ކެރިޗްގެ އިތުރުން މިޑްފިލްޑަރު މުހަންމަދު އާރިފް ބަކާ ވަނީ ވިކްޓްރީ ދޫކޮށް މާލެ ލީގުގެ ޗެމްޕިއަން މާޒިޔާ އަށް ގުޅިފައެވެ.
ވަރުގަދަ ސްކޮޑަކާއި އެކު ނިކުތް ނަމަވެސް ނިއުއަށް މާލެ ލީގު ނިންމާލަން ޖެހުނީ 3 ވަނަ މަގާމުގައި އޮވެގެންނެވެ. އެހެންކަމުން ދިވެހި ޕްރެމިއާ ލީގަށް ސްކޮޑް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ނިއުއިން ވަނީ މިހަތަނަށް މިފަހަރުގެ ޓްރާންސްފާގައި 7 ކުޅުންތެރިއެއްގެ ސޮއެ ހޯދާފައެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ތަޖުރިބާކާރު މިޑްފިލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ އިތުރުން ލުބްނާންނެ ޑިފެންޑަރު ހުސައިން އެލް ޑޯ އާއި، ސްޕެއިންގެ މިޑްފިލްޑަރު ކަނޑޭލާގެ ސޮއެ ނިއުން ވަނީ ހޯދާފައެވެ.