ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 22:35
ޗައިނާގައި ބަދަލު ގެނެސްފައިވާ މިސްކިތެއް
ޗައިނާގައި ބަދަލު ގެނެސްފައިވާ މިސްކިތެއް
ގެޓީ އިމޭޖަސް
ޗައިނާގައި މިސްކިތްތައް ބަންދުކުރުން
ޗައިނާގައި މިސްކިތްތައް ބަންދުކޮށް، ހަލާކުކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފި
 
ޗައިނާގައި މިއަދު 20 މިލިއަން މުސްލިމުން ތިބިކަމަށްވޭ

ޗައިނާގައި މިސްކިތްތައް ބަންދުކޮށް، ހަލާކުކޮށް، އަދި އެހެން ބޭނުންތަކަށް ނަގަމުންދާކަމަށް ހިއުމަންރައިޓްސް ވޮޗުން ނެރުނު އައު ރިޕޯޓެއްގައި ބުނެފިއެވެ. ރިޕޯޓުގައި ބުނެފައިވާގޮތުން، މިއީ އެގައުމުން އިސްލާމް ދީން ނައްތާލުމަށް "ސިސްޓަމެޓިކް"ކޮށް ނުވަތަ ވަކި އުސޫލެއްގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ.

ރަސްމީކޮށް އިއުލާންކޮށްފައި ވާގޮތުގައި ޗައިނާއަކީ، "އެތިއިސްޓް" ނުވަތަ ވަކިދީނެއް ގަބޫލުނުކުރާ ގައުމެކެވެ. ނަމަވެސް ޗައިނާގައި މިއަދު 20 މިލިއަން މުސްލިމުން އެބަތިބި ކަމަށް ވެއެވެ.

ޗައިނާއިން ބުނާގޮތުގައި، އެގައުމުގައި ދީނީ މިނިވަންކަން އޮންނާނެއެވެ. ނަމަވެސް މަންޒަރުދެކޭ ފަރާތްތަކުން ބުނާގޮތުގައި، އެކިއެކި ދީނީ އަޅުކަމުގެ ހަރަކާތްތައް ހުއްޓުވުން ވަނީ ފަހުގެ އަހަރުތަކުގައި އިތުރުވެގެން ގޮސްފައެވެ. އަދި ވެރިރަށް ބޭޖިންގުގައި މިކަންތައް މާބޮޑުކަމަށް އެފަރާތްތަކުން ބުނެއެވެ.

ހިއުމަން ރައިޓްސްވޮޗްގެ ރިޕޯޓާ ބެހޭގޮތުން ކޮމެންޓެއް ހޯދުމަށް ބީބީސީން، ޗައިނާގެ ފޮރިން މިނިސްޓްރީ އެންޑް އެތުނިކް އެފެއާސް ކޮމިޝަނަށް ގުޅިކަމަށް ވެއެވެ. އަދި އެ މިނިސްޓްރީން ވެސް، ޗައިނާގައި މިސްކިތްތައް ބަންދުކޮށް، ހަލާކުކޮށް ހަދަމުންދާކަމަށާއި، އަދި އެއީ އިސްލާމްދީން ފެތުރުން ހުއްޓުވުމަށް ކުރާ ކަމެއްކަމުގައި އެފަރާތުންވެސް ޔަގީންކޮށްދީފައި ވާކަމަށް ވެއެވެ. ހިއުމަން ރައިޓްސްވޮޗްގެ ރިޕޯޓް ނިކުތުމުގެ ކުރިންވެސް، ޗައިނާގެ ޒިންޖިއޭންގ ސަރަހައްދުގައި އުއިގުރު މުސްލިމުންގެ އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން ދާކަމަށް ބުނާ ރިޕޯޓްތައް އައީ ލިބެމުންނެވެ. ނަމަވެސް މުސްލިމުންނަށް އިހާނެތި ނުކުރާކަމަށް ބެއިޖިންގުން އައީ ބުނަމުންނެވެ.

ޗައިނާގެ ގިނަ މުސްލިމުން އުޅެނީ ހުޅަގު އުތުރު ސަރަހައްދުގައެވެ. އެއީ ޖިންޒިއޭންގ، ކިންގާއީ އަދި ނިންގޒިއާގައެވެ.

ރިޕޯޓްތައް ބުނާގޮތުން، ނިންގޒިއާގެ އަވަށެއްގައި ހުންނަ ހަ މިސްކިތުގެ ތެރެއިން ތިން މިސްކިތުގެ ގުއްބާއި މުންނާރުތައް ވަނީ ހަލާކުކޮށްލާފައެވެ. އަދި އަނެއް ތިން މިސްކިތުގެ ނަމާދުކުރާ ބައި ވަނީ ހަލާކުކޮށްލާފައެވެ. ހިއުމަން ރައިޓްސްވޮޗުން ހާމަކޮށްފައިވާ ސެޓަލައިޓް ފުޓޭޖަކުން ފެންނަގޮތުގައި، މިސްކިތެއްގެ ގުއްބު ނެގުމަށްފަހު އެތަނުގައި ބުރިބުރިޔަށް ހުންނަ ކަހަލަ ޗައިނާގެ ގަދީމީ ބިނާއެއް ބަހައްޓާތަން ފެނެއެވެ.

ޗައިނާގެ މުސްލިމުންނާބެހޭ މައުލޫމާތު ދިރާސާކުރައްވާ އިލްމްވެރިއެއް ކަމަށްވާ ހަނާ ތީކަރ ވިދާޅުވިގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން ނިންގޒިއާ ސަރަހައްދުގެ 1300 މިސްކިތް ވަނީ ބަންދުކޮށްފައެވެ. ނުވަތަ އެހެން ބޭނުންތަކަށް ބަދަލުކޮށްފައެވެ. އެއީ އެސަރަހައްދުގައި ހުރި ޖުމްލަ މިސްކިތުގެ ތިންބައިކުޅަ އެއްބައި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޗައިނާގެ ލީޑަރު ޝީޖިންޕިންގގެ ޒައާމަތުގެ ދަށުން އިސްކަން ދެމުންދަނީ ސިޔާސީ "އައިޑިއޮލޮޖީ" އަދި ޗައިނާގެ ސަގާފަތަށްވުރެ ދީނީ ކަންކަން ފުޅާވެގެން ދިޔަނުދިނުމަށް ކަމަށްވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް