ބަޔާ ލެވަކޫސަން ދޫކޮށްލުމަށްފަހު މެކްސިކޯގެ ފޯވާޑް ޗިޗަރީޓޯ ހެނާޑޭޒް ވެސްޓްހަމް އަށް ސޮއިކޮށްފި އެވެ.
ވެސްޓްހަމް އަށް ބަދަލުވުމަށް މެޑިކަލް ފުރިހަމަކުރުމަށްފަހު ޗިޗަރީޓޯ މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އޭނާ އެ ކްލަބަށް ބަދަލުވީ 16 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ދެ އަހަރު ޖަރުމަން ލީގުގައި ކުޅުނު އުމުރުން 29 އަހަރުގެ ޗިޗަރީޓޯ ވެސްޓްހަމް އަށް ބަދަލުވެފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވެސްޓްހަމް އަށް ބަދަލުވުމަށްފަހު އެޓީމުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޗިޗަރީޓޯ ބުނީ ޕްރިމިއާ ލީގަކީ ދުނިޔޭގެވެސް އެންމެ މޮޅު ލީގު ކަމަށާއި، އެ ލީގުގައި ކުޅެލަން ލިބުމަކީވެސް އުފާވާ ކަމެއް ކަމަށެވެ. އެގޮތުން އޭނާ ބުނީ ވެސްޓްހަމް އަށް ސޮއިކުރަން އޭނާ ހުރީ ކެތްމަދުވެފަ ކަމަށެވެ.
މީގެއިތުރުން ޗިޗަރީޓޯ ބުނީ ސީޒަން ފަށަންދެންވެސް ކެތްމަދުވެފައި އޭނާ ހުރި ކަމަށާއި، ސްޕެއިން އަދި ޖަރުމަނުގައި ހޭދަކުރެވުނީ ރަނގަޅު ދުވަސްތަކެއް ކަމަށެވެ. އެގޮތުން އޭނާ ބުނީ ޕްރިމިއާ ލީގަށް އަލުން ބަދަލުވެ ރަނގަޅު ކުޅުމެއް ދައްކާ ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށެވެ.
ޔުނައިޓެޑުން ވިދާލި ޗިޗަރީޓޯ ވަނީ އެ ކްލަބަށް ހަ ސީޒަން ކުޅެ 157 މެޗުގައި 59 ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު 2014 ވަނަ އަހަރު އޭނާ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް އަށް ބަދަލުވެ އެ ކްލަބަށް 33 މެޗު ކުޅެ ނުވަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.
ލޯނެއްގެ ދަށުން ޖެހިގެން އައި ސީޒަނުގައި ބަޔާ ލެވަކޫސަން އަށް ޗިޗަރީތޓޯ ބަދަލުވިއިރު، އޭނާ ވަނީ އެ ޓީމަށް ކުޅުނު ދެ ސީޒަނުގައި 76 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައެވެ.
ޔުނައިޓެޑާއެކު ދެ ޕްރިމިއާ ލީގު އަދި އެފްއޭ ކޮމިއުނީޓީ ޝިލްޑް ކާމިޔާބުކޮށްފައިވާ ޗިޗަރީޓޯ ވަނީ ރެއާލް މެޑްރިޑާއެކު ފީފާ ކްލަބް ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައެވެ.