Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 12:49
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
މުހައްމަދު ޝަރުހާން
ރިޔާޒް ޝަރީއަތް
އަބްދުﷲ ރިޔާޒްގެ މައްޗަށް ސާބިތުނުވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި
މައްސަލައިގެ ހުކުމް ކުރީ މިމަހުގެ 9 ވަނަ ދުވަހު
އިސްތިއުނާފަށް ހުށަހެޅީ މިމަހުގެ 22 ވަނަ ދުވަހު
ސާބިތުނުވީ އިމްތިޔާޒް ގާނޫނާ ޚިލާފަށް އޭނާ ހައްޔަރުކުރުމުން

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޔާޒްގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. 

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ރިޔާޒުގެ މައްޗަށް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އުފުލި ދައުވާގައި ބުނެފައިވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓް އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ދޭން ފުލުހުން އެންގީ އޭނާ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން، ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު އެވެ.

އެ މައްސަލައިގައި މިމަހުގެ 9 ވަނަ ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކުގެ ގާނޫނުގެ ދަށުން ކުށުގެ ވެށިން ނޫން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނީ ޕްރޮސެިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ އަމުރެއްގެ ދަށުން ކަމަށެވެ. އެހެންނަމަވެސް، މާޗް މަހުގެ 27 ވަނަ ދުވަހު ރިޔާޒުގެ ފޯނު ބެލުމުގެ ދަށަށް ގެންދިއުމަށް ކޯޓުން ނެރުނު އަމުރު ތަންފީޒްކުރުމަށް ގޮސް، އިމްތިޔާޒްތަކުގެ ގާނޫނާ ޚިލާފަށް ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.

ހުކުމުގައި ބުނެފައި ވަނީ ގާނޫނާ ޚިލާފުކަމުން ފެށޭ ހުރިހާ ކަމަކާ އެކު ތަރުތީބު ވެގެން އަންނަ ހުރިހާ ކަމެއް ބާތިލްވާނެކަން ހައިކޯޓުން ނެރެފައިވާ ހުކުމަކުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން، ގާނޫނާ ޚިލާފަށް ރިޔާޒު ހައްޔަރުކޮށް، އޭގެ މައްޗަށް ބިނާކޮށް ހޯދި ހެކި ބާތިލްވާނެ ކަމަަށާއި ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ބަލައިނުގަނެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ރިޔާޒުގެ މައްޗަށް އުފުލި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ފުލުހުންގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަން ވެސް ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ، ރިޔާޒްގެ މައްޗަށް ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރިއިރު، ފުލުހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ދައުވާގައި ބުނާ "ގަސްތު" ސާބިތުނުވާ ކަމަށެވެ.

ރިޔާޒުގެ އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ގާޒީ ޝަކީލުގެ އިތުރުން، ގާޒީ އާދަމް އާރިފް އާއި ގާޒީ އަލީ އާދަމް އެވެ. މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި ހުންނެވި ގާޒީ ޝަކީލް މިހާރު ވަނީ ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ޖުލައި 2017 | އަންގާރަ 13:16
މުނާ
އަންގާ ގޮތަށް ޙުކުމް ނުކުރާ ގާޒީން މެޖިސްޓްރޭޓް ކޯޓު ތަކަށް ބަދަލު ކުރުމަކީ ސަދޫމުގައި އާ ކަމެއް ނޫނެވެ!