އަސްކަރިއްޔާ ބޭނުންކޮށްގެން ގާނޫނު ހަދާ މަޖިލިސް ބަންދުކުރުން ބަލައި ނުގަނެވޭ ކަމަށް ކޮލަމްބޯ ޗެމްޕާ އޮފް ކޮމާސްގެ ރައީސް ޑރ. އަމިލަ ކަންކަނަމަގެ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ލޯކަލް ގަވަމެންޓް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަ ޑރ. އަމިލަ މިފަދައިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި ސިފައިން ނިކުމެ ތަޅު އަޅުވައި، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް މަޖިލީހަށް ވަނުމަށް ފުލުހުން ހުރަސް އަޅައި ހިންގި ކަންތައްތަކާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގަ އެވެ.
ޑރ. އަމިލަ ވިދާޅުވީ މިނިވަން ދައުލަތެއްގެ ދާޚިލީ ކަންތައްތަކަށް އާއްމުކޮށް އޭނާ ފާޑުނުކިޔާ ކަމަށާއި ނަމަވެސް، އަސްކަރިއްޔާ ބޭނުންކޮށްގެން މަޖިލިސް ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
I don't usually criticize internal decisions of a sovereign nation. But closing the parliament using military is unacceptable. #Maldives
— Dr. Amila Kankanamge (@amilaik) July 24, 2017
ޑރ. އަމިލަ ކުރެއްވި ޓްވީޓަށް ޕީޕީއެމްއާއި ސަރުކާރުގެ އެކްޓިވިސްޓުން ވަނީ ރައްދު ދީފަ އެވެ. އެގޮތުން މައުލޫމާތު ފުރިހަމައަށް ނުލިބި ކަންކަމަށް ބަސް ނުބުނުމަށް އެއްބަޔަކު ވަނީ ގޮވާލާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމުން ސިފައިން ވަނީ މަޖިލިސް ގޭޓްތަކުގައި ތަޅު އަޅުވާފަ އެވެ. އަދި މެންބަރުންނަށް މަޖިލިސް އިދާރާއަށް ވަންނަން ފުރުސަތު ނުދިނުމުން ބައެއް މެންބަރުން އިދާރާއަށް ވަދެވަޑައިގަތީ ފާރުމަތިންނެވެ. ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިން ވަނީ މަޖިލިސް ކުރާ ގެއަށް ވަން މެންބަރުން އެތަނުން ނެރެފަ އެވެ.
ފުލުހުން ބުނާ ގޮތުގައި މަޖިލިސް ކުރާ ގެއަށް ވަނީ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުން ނެރުމަށެވެ. ނަމަވެސް، މަޖިލިސް ތެރޭގައި ތިއްބެވި ހުރިހާ މެންބަރުން ވެސް ބާރު ބޭނުންކޮށްގެން ވަނީ ނެރެފަ އެވެ. އަދި މެންބަރުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި، އަނިޔާ ކޮށްފައިވެސް ވެއެވެ.
މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި، މަޖިލިސް ކުރާ އިދާރާ މިގޮތަށް ހިސޯރުކޮށް، ފުލުހުން ވައްދައިގެން މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ މީޑިއާތަކުގެ އިތުރުން، ބޭރުގެ ގިނަ އަދަދެއްގެ މީޑިއާތަކުން ވަނީ ހޯމަ ދުވަހު ހިނގި ކަންތައްތަކުގެ ޚަބަރުތައް ރިޕޯޓްކޮށްފަ އެވެ.